ޓެރަރިޒަމަށް ހިތްވަރުދޭ ސިވިލް ސާވަންޓުންނަށް އިދާރީ ފިޔަވަޅު އަޅާނެކަން އަންގައިފި

--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޓެރަރިޒަމަށް ތާއީދުކޮށް، ނުވަތަ އެފަދަ ކަންކަމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މި މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަށް ފަހު އެކި ފަރާތްތަކުން ސޯޝަލްމީޑިއާ އާއި، ބައެއް އޮންލައިން ނޫސްތަކުގެ ކޮމެންޓް ސެކްޝަންތަކުގައި ވެސް އެކަމަށް ތާއީދުކޮށް އަންނަނީ ހިޔާލު ފާޅުކުރަމުންނެވެ.

އެފަދަ ފަރާތްތައް ކުރާ ކޮމެންޓުތަކާއި ހިއްސާކުރާ އެއްޗެހި އާކައިވް ކޮށް، ބަލަމުން އަންނަ ކަމަށާއި، އެކައުންޓުތަކުގެ ފަހަތުގައި ތިބި މީހުން ހޯދާ ގާނޫނުގައިވާ ގޮތުގެ މަތިން އަދަބު ދޭނެކަމަށް ފުލުހުން ވެސް ވަނީ އަންގައިފަ އެވެ.

މިއަދު ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، ނުވަތަ ކުރަން އުޅުމާއި، ނުވަތަ އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމާއި، އެއްވެސް ސިފައެއްގައި އެފަދަ އަމަލެއްގައި ބައިވެރިވުން ނުވަތަ ސީދާ ގޮތުން ވިޔަސް ނުސީދާ ގޮތުންވިޔަސް އެފަދަ ކަމަކަށް ހިއްވަރުދިނުން ފަދަ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ އެއްވެސް އަމަލެއް ސިވިލް ސާވިސްގެ މުވައްޒަފަކު ކުރުމަކީ އިދާރީ ފިޔަވަޅު އެޅޭނެކަމެއްކަމަށެވެ.

އެގޮތުން، އެކިއެކި މީޑިއާގެ ވަސީލަތްތަކާއި އެނޫންވެސް ވަސީލަތްތައް މުވައްޒަފުން ބޭނުންކުރުމުގަ އާއި މުޖުތަމައުގައި އުޅޭ އުޅުމުގައި، ޓެރަރިޒަމްގެ އަމަލުތަކަށް ހިއްވަރުދިނުމާއި، ޓެރަރިޒަމްގެ އަމަލުތަކަށް ހިއްވަރު ދިނުމުގެ ގޮތުން ބޭނުންކުރެވޭ ފަދަ ބަސްތައް ބޭނުންކުރުމާއި، އެފަދަ ފޮޓޯ އަދި ވީޑިއޯތައް އާންމުކުރުމާއި، ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކުރާކަން ދޭހަވާ ފަދަ އެއްވެސް އަމަލެއް ސިވިލް ސާވިސްގެ މުވައްޒަފުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

"މި ސާކިއުލާއާ އެއްގޮތަށް ސިވިލް ސާވިސްގެ މުވައްޒަފުން އަމަލުކުރުމަށާއި، އަދި މި ސާކިއުލާއާ ހިލާފުވާ ސިވިލް ސާވިސްގެ މުވައްޒަފުންނާ މެދު ދިވެހި ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މައްސަލަ ބަލައި އިދާރީ ފިޔަވަޅު އެޅޭނެކަމުގައި ދެންނެވީމެވެ." ސާކިއުލާގައިވެ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށެވެ.

"ހިތްވަރު ދިނުން" ކަމަށް ގާނޫނުގައި ބުނެފައި ވަނީ، މީހަކު ބުނާ ބުނުމަކުން ނުވަތަ ދޭ ބަޔާނަކުން، އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހިކުރުމަށް ހިތްވަރުދޭ ކަމެއްކަމަށް އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ފެންނަ ފެނުން ކަމަށެވެ.

އެގޮތުން ޓީވީ، ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ވެސް ޓެރަރިޒަމަށް ހިތްވަރު ދިނުމަކީ ކުށެކެވެ. ޓެރަރިޒަމަށް ހިތްވަރުދިނުމުގެ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

comment ކޮމެންޓް