ހިޔާނާތުގެ ލިސްޓު ލިބުމާ އެކު އަލީ އާޒިމް 241 ކޮމިޓީއިން އިސްތިއުފާ ދެއްވައިފި

އެމްޑީޕީގެ ޕީޖީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް — ސަންފޮޓޯ/ މުޒައްޔިން ނާޒިމް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބަލަމުންދާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެ ކޮމިޓީގެ ނައިބު މުގައްރިރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިސްތިއުފާ ދެއްވައިފި އެވެ.

އަލީ އާޒިމް ކޮމިޓީއިން އިސްތިއުފާ ދެއްވާފައިވާއިރު ހިޔާނާތުގެ މައްސަލަ ބަލަމުންދާ ކޮމިޓީއަށް އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓު ލިބިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މެމްބަރު އަލީ އާޒިމްގެ ބަދަލުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ 241 ކޮމިޓީއާ ގުޅިވަޑައިގަންނަވާނެ ކަން މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް އަންގާފައިވާ ކަމަށެވެ. އެހެންވީމާ ކޮމިޓީގައި ދެން އަލީ އާޒިމްގެ ބަދަލުގައި އިންނަވާނީ އީވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަލީ އާޒިމް ކޮމިޓީއިން ވަކިވުމާ ގުޅިގެން ނައިބު މުގައްރިރުގެ މަގާމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ ނަގައިފަ އެވެ. އެއީ ކޮމިޓީގައި ބައިވެރިވި 13 މެމްބަރުންގެ ވޯޓާ އެކު އެވެ.

"އަޅުގަނޑު ހަމަ މިވަގުތު އަލީ އާޒިމް ކޮމިޓީގެ ނައިބު މުގައްރިރެއްގެ ގޮތުގައި ކޮމިޓީއަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރަން." އަސްލަމް ވިދާޅުވި އެވެ.

އަލީ އާޒިމް ކޮމިޓީއިން ވަކިވި ސީދާ ސަބަބެއް ވަނީ ސާފުވާގޮތް ނުވެފަ އެވެ. ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެ އެވެ.

މީގެ ކުރިން އީވާ އެކޮމިޓީގައި އިންނެވި ނަމަވެސް އޭނާ ކޮމިޓީއިން ވަކިވެ ވަޑައިގަތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ މަސައްކަތްތަކުގައި ބުރަވެދާނެ ކަމަށް ބަލާފަ އެވެ. އޭނާގެ ބަދަލުގައި އިއްޔެ އެ ކޮމިޓީއަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވަނީ އައްޔަން ކޮށްފަ އެވެ. ނަމަވެސް މިއަދު އަލީ އާޒިމްގެ ބަދަލުގައި އަނެއްކާ ވެސް އީވާ ކޮމިޓީއާ ގުޅިވަޑައިގަތެވެ.

comment ކޮމެންޓް