ރޮކެޓުގެ ބައިތައް ރާއްޖެ ކައިރިން ކަނޑަށް ވެއްޓިއްޖެ

ޗައިނާއިން އެ ރޮކެޓު ލޯންޗު ކުރީ މިދިޔަ މަހުގެ 29ގައި-- ފޮޓޯ: ޒިންހުއާ

ޗައިނާއިން މިދިޔަ މަހު ލޯންޗު ކުރި ރޮކެޓުގެ ބައިތައް ދުނިޔެއަށް ވެއްޓުނީ ރާއްޖޭގެ ހުޅަނގުން، ކަނޑުގެ ސަރަހައްދަށް ކަމަށް އެގައުމުން ބުނެފި އެވެ.

ޗައިނާއިން ޖައްވަށް އިންސާނުން ފޮނުވަން ކުރާ މަސައްކަތުގައި އިސް ދައުރެއް އަދާ ކުރާ ޗައިނާ މޭންޑް ސްޕޭސް އިންޖިނިއަރިން އޮފިސް (ސީއެމްއެސްއީ)އާ ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކުރި ގޮތުގައި ލޯންގް މާޗް 5ބީގެ ނަން ދީފައިވާ ރޮކެޓު ދުނިޔޭގެ ޖައްވަށް ވަނީ މިއަދު ބެއިޖިންގެ ގަޑިން 10:24 (ރާއްޖެ ގަޑިން 7:24)ގަ އެވެ. އަދި އޭގެ ގިނަ ބައިތައް ވަނީ ދުނިޔޭގެ ސަތަހައިގެ ތެރޭގައި އަނދާފައި ކަމަށް އެނޫހުގައިވެ އެވެ.

އެ ރޮކެޓުގެ ބައިތައް ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދަކީ ކަނޑުގެ ސަރަހައްދުގެ ކަމަށް ސީއެމްއެސްއީން ސޯޝަލް މީޑިއާ މެދުވެރިކޮށް ބުނެފައިވެ އެވެ. އަދި އެ ރޮކެޓުގައި ބޭނުންކޮށްފައި ވަނީ ތިމާވެއްޓާ ރަށްޓެހި ތެޔޮ ކަމުން އޭގެ ބައިތަކުގެ ސަބަބުން ކަނޑު ތަޣައްޔަރު ނުވާނެ ކަމަށްވެސް ކަމާ ބެހޭ މާހިރުން ވިދާޅުވި ކަމަށް ގްލޯބަލް ޓައިމްސްގައިވެ އެވެ.

މީގެ އިތުރުން އެ ރޮކެޓުގެ ބައިތަކުގެ ސަބަބުން މީހުންނަށް ގެއްލުމެއް ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަންގް ވެންބިން ހުކުރު ދުވަހު ވިދާޅުވި އެވެ.

ޗައިނާއިން މިދިޔަ މަހުގެ 29ގައި އެ ރޮކެޓު ލޯންޗު ކުރީ އެގައުމުގެ ސްޕޭސް ސްޓޭޝަނެއް ގާއިމު ކުރުމަށްޓަކައި ޖައްވަށް ފޮނުވި ބަޔަކާ އެކު އެވެ. އެގައުމުން އުއްމީދު ކުރަނީ އެ ސްޕޭސް ސްޓޭޝަނުގެ މަސައްކަތް 2022ގައި ނިމޭނެ ކަމަށެވެ.

comment ކޮމެންޓް