އިންޑިއާ ކަނޑުގެ ސަރަހައްދަށް ނުފޫޒު ފޯރުވައި ބާރު ގަދަ ކުރަން ބޭނުންވާ ގައުމުތަކުން ކަޅި އަަޅަނީ ރާއްޖެއަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގައި ތަގުރީރުކުރައްވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ މެދުގައި އޮތް ގައުމަކަށްވާއިރު، ބައިނަލްއަގްވާމީ ވިޔަފާރީގައި އެންމެ އާންމުކޮށް ބޭނުންކުރާ މަގުތައް ހުރީ ރާއްޖެ ތެރެއިން ނުވަތަ ރާއްޖެއާ ކައިރިން ބޭރުންކަމަށެވެ.
އެހެންކަމުން މި ސަރަހައްދުގެ ކަންކަމަށް ބަސް ބުނަން ބޭނުންވާ ބަޔަކަށް ނުވަތަ ސަރަހައްދީ ބާރުތަކުގެ މެދުގައި އޮންނަ ހަމަހަމަކަމަށް ގެއްލުވައިލަން ބޭނުންވާ ބަޔަކަށް ރާއްޖެއަކީ ބާރުފޯރުވަން މުހިންމު ގައުމަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހީންނަށް އެ ކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
އެއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގެ ވައުދު ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނު ވެވަޑައިގެންނެވި ސަބަބުކަމަށް ރައީސް ވިދާޅުވިއެވެ.
އެއާއެކު ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުމަކީ ވެސް ވަރަށް މުހިންމު ގުޅުމެއް ކަމަށް ވިދާޅުވިއެވެ. އެ ގުޅުން މުހިންމު ވަނީ އިންޑިއާ ކަނޑުގައި ބައިނަލްއަގްވާމީ ސުލްހަ ގާއިމްކުރުމުގައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ކުޑަ ގައުމަކާއި ދުނިޔޭގެ ބޮޑު ބާރަކާ ދެމެދު ގުޅުން ބޭއްވުުން މުހިންމުވަނީ ކީއްވެގެންތޯ ސުވާލު އުފައްދާއިރު، އެއީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމުތަކުގެ ސިޔާދަތީ ބާރާއި، ބާރުގެ ހަމަހަމަކަން ލިބިގެންވާ ގޮތުގެ މައްޗަށް ކުރާ އިހްތިރާމަކީ މިއަދު ބައިނަލްއަގްވާމީ ގުޅުންތަކުގެ އެންމެ އަސާސީ އުސޫލު ކަމަށެވެ.
"މި އުސޫލުތައް ސަރަހައްދީ ގޮތުން ތަންފީޒުކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަމަޖެހުން ގާއިމްކުރުމުގެ މުހިންމުކަމަކީ ރާއްޖެއިން ދެނެގަންނަ ކަމެއް،" ރައީސް ވިދާޅުވިއެވެ.
އަދި ހަމަޖެހުން ގާއިމްކުރުމުގައި ރާއްޖެއިން އަދައިކުރާ ދައުރުގެ އަގު ވެސް ވަޒަންކުރާ ކަމަށް ވިދާޅުވިއެވެ.
އެއީ ރާއްޖެއިން އިސްނަގައި ބައިނަލްއަގްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކުގައި ރާއްޖޭގެ ފެންވަރުން ބައިވެރިވާނެ ސަބަބު ކަމަށް ވެސް ވިދާޅުވިއެވެ.