މުސްތަގްބަލަށް ދެމެހެއްޓޭ މިންވަރަށްވުރެ، ރީނދޫ އުރަހަ ކަންނެލީގެ އާބާދީ ދަށްވެފައި ވާކަމަށް ފިޝަރީސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ފިޝަރީސް މިނިސްޓްރީން ބުނީ، ކަޅުބިލަ މަހާއި ރީނދޫ އުރަހަ ކަންނެލީގެ އިތުރުން ލޯ ބޮޑު ކަންނެލީގެ އާބާދީ އަންދާޒާ ކުރުމަކީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ ވޯކިން ޕާޓީން އޮން ޓްރޮޕިކަލް ޓޫނާސްގެ ޒިންމާއެއް ކަމަށެވެ.
އެގޮތުން، އެންމެ ފަހުގެ އެސެސްމަންޓަށް ރިއާޔަތްކޮށް ވޯކިން ޕާޓީން އޮން ޓްރޮޕިކަލް ޓޫނާސް އިން ކަނޑައެޅީ މުސްތަގްބަލަށް ދެމެހެއްޓޭ ވަރަށް ކަޅުބިލަ މަހުގެ އާބާދީ މަދު ނުވާ ކަމަށާއި އެ މަސްވެރިކަން ކުރެވެނީ އާބާދީ ދެމެހެއްޓުމަށް ގެއްލުންނުވާނެ މިންވަރަށް ކަމަށެވެ.
އިތުރަށް އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އެންމެ ފަހުން އަންދާޒާ ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އެ އަންދާޒާގެ ނަތީޖާއަށް ރިއާޔަތްކޮށް އެ ބަވާތުގެ ކަންނެލީގެ މަސްވެރިކަން ކުރަމުން ދަނީ އާބާދީއަށް ގެއްލުންވާ މިންވަރަށް ކަން ކަނޑައަޅާފައިވާއިރު، އެ ވައްތަރުގެ ކަންނެލި ހިފާ މިންވަރު މަދު ކުރުމަށް އައިއޯޓީސީގެ ކޮމިޝަނުން ގަރާރެއް ވެސް ވަނީ ފާސްކޮށްފައެވެ.
"މި ޤަރާރުގެ ދަށުން، 2014/2015 ވަނަ އަހަރަށްވުރެ، އެކި މަސްވެރިކަންތަކުން ރީނދޫ އުރަހަ ކަންނެލި ބާނާފައިވާ މިންވަރު މަދުކުރަން ކަނޑައަޅައިފައިވެއެވެ. މިގޮތުން އެކިއެކި އާލާތްތައް ބޭނުންކޮށްގެން ކުރާ މަސްވެރިކަމުގައި ހިފާ ރީނދޫއުރަހަ ކަންނެލި މަދުކުރަންޖެހޭ މިންވަރުތައް މި ޤަރާރުގެ ދަށުން ކަނޑައަޅައިފައިވެއެވެ." ބަޔާނުގައިވެއެވެ.
މީގެއިތުރުން، ފިޝަރީސް މިނިސްޓްރީން ބުނީ، ލޯބޮޑު ކަންނެލީގެ އާބާދީ ދަށްނުވި ނަމަވެސް، އެންމެ ފަހުން ހެދި ސްޓޮކް އެސެސްމަންޓުގެ ނަތީޖާއިން އިންޑިއާ ކަނޑުގައި އެ މަސްވެރިކަން މިހާރު ކުރެވެނީ އާބާދީ ދެމެހެއްޓުމަށް ގެއްލުންވާ މިންވަރަށް ކަމަށް ދައްކާފައިވާ ކަމަށެވެ.
ލައްޓިއާއި ރާގޮނޑީގެ އިތުރުން ކުރުމަސް ފަދަ ބާވަތްތަކުގެ އާބާދީ އަންދާޒާ ކުރަނީ ވޯކިން ޕާޓީން އޮން ނެރިޓީން ޓޫނާސް އިން ކަމަށާއި އިންޑިއާ ކަނޑުގެ ކަޅު ބިލަ މަހުގެ އާބާދީ އެންމެ ފަހުން އަންދާޒާ ކޮށްފައި ވަނީ 2020 ވަނަ އަހަރު ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެގޮތުން، އެ ޕާޓީން ވަނީ އިންޑިއާ ކަނޑުގެ ރާގޮނޑިއާއި ލައްޓީގެ އިތުރުން ކުރުމަސް ފަދަ ބާވަތްތަކުން ކުރެވޭ މަސްވެރިކަމުގެ ތަފާސް ހިސާބާއި މައުލޫމާތުގެ މިންވަރު ދަށް ކަމަށާއި އެކަމުން ނެގޭ ތަފާސްހިސާބުތައް މަދުކަން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، އެ ބާވަތްތަކުގެ އާބާދީ އަންދާޒާކުރަނީ ތަފާސްހިސާބު ނެތް މަސްވެރިކަމުގެ އާބާދީ އަންދާޒާކުރާ ގޮތްތަކުގެ މައްޗަށާއި އާބާދީގެ ހާލަތު ނުސީދާކޮށް އަންގައިދޭ ހެކިތަކުގެ މައްޗަށް ކަމަށް އެ ޕާޓީއާ ހަވާލާދީ މިނިސްޓްރީން ބުނެފައިވެއެވެ.