ހަމަލާދިން ކަމަށް ތުހުމަތުވާ ހަތަރު މީހަކު ފާހަގަ ކުރެވިއްޖެ: ސީޕީ

ޕޮލިސް ކޮމިޝަނަރު ހަމީދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭގެ ހަމަލާ އާއި ގުޅުން ހުރި ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ނީލޯފަރު ހިނގުން ސަރަހައްދުގައި ރޭ ދިން ހަމަލާ އާއި ގުޅިގެން ފުލުހުން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ރޭގެ ހަމަލާ އާއި ގުޅިގެން ޝައްކު ކުރެވޭ ފަދަ ހަރަކާތްތަކެއް ހުރި ބަޔަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެމީހުން އައިޑެންޓިފައިކޮށް ފިޔަވަޅު އަޅަން މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވި އެވެ.

ސީޕީ ހަމީދު ވިދާޅުވީ ރޭގެ ހަމަލާ އާއި ގުޅިގެން ޝައްކު ކުރެވޭ ހަތަރު މީހުންނާ ގުޅޭ އިތުރު ތަފްސީލު މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

"ހަމަލާ ދިން ސަރަހައްދުން ޝައްކު ކުރެވޭ ފަދަ ހަރަކާތްތަކެއް އެބަޔެއްގެ ކިބައިން ފާހަގަ ކުރެވޭ ފަރާތްތަކެއް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ. އަދި އެފަރާތްތައް އައިޑެންޓިފައި ކުރުމަށް އެފަރާތްތަކާމެދ ޖިނާއީ އިޖުރާތް ހިންގާ އަޅަން ޖެހޭ ފިޔަވަޅު އެޅުމަށްޓަކާ މިހާރު މިއަންނަނީ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަމުން. މިގޮތުން މި ހަމަލާ އާ ގުޅުން ހުރި ކަމަށް ބެލެވޭ ހަތަރު މީހަކު މިހާރު އަޅުގަނޑުމެންގެ ސަމާލު ކަމަށް އައިސްފައި ވަނީ،" ސީޕީ ވިދާޅުވި އެވެ.

ނަމަވެސް، އެއީ ބޭރުގެ ޓެރަރިސްޓު ޖަމާއަތަކާ ގުޅުންހުރި ހަމަލާއެއް ކަމެއް އަދި ދެނެގަނެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ. އަދި ހަމަލާ ދިން މޯޓިވް ނޫނީ މަގުސަދު އަދި ނިންމަން އަވަސް ކަމަށް ވެސް ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ރޭގެ ހަމަލާ އަކީ ރައީސް ނަޝީދަށް އަމާޒުކޮށް ސީދާ ގަސްދުގައި ދިން ޓެރަރިސްޓު ހަމަލާއެއް ކަމަށާއި އެ ހަމަލާގައި ބޭނުންކޮށްފައިވާ ގޮވާތަކެއްޗަކީީ ފުރާނައަށް ނުރައްކާ ކުރުމަށް ބޭނުންކުރާ ފަދަ ތަކެތި ކަމަށެވެ.

ރޭގެ ހަމަލާގެ ތަހުގީގު ކުރިއަށް ގެންދަނީ އެންމެ އިސްކަމެއް ދީގެން ބަލާ މައްސަލައެއްގެ ގޮތުގައި ކަމަށާއި އެ މައްސަލައިގެ އޮޕަރޭޝަނުގައި 450 ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ސީޕީ ވިދާޅުވި އެވެ.

ހަމަލާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން ފުލުހުންނާ ހިއްސާ ކޮށްދިނުމަށް ސިޕީ ހަމީދު އިލްތިމާސް ކުރެއްވި އެވެ.

ރޭގެ ހަމަލާގައި ރައީސް ނަޝީދާއެކު އިތުރު ހަތަރު މީހަކަށް އަނިޔާވެފައިވެ އެވެެ. އޭގެ ތެރޭ ހިމެނެނީ ރައީސް ނަޝީދުގެ ބޮޑީގާޑުންގެ ދެ މީހަކާއި އިތުރު ދިވެއްސެއްގެ އިތުރުން އިނގިރޭސި ވިލާތުގެ ރައްޔިތެކެވެ.

comment ކޮމެންޓް