ރޭގެ ހަމަލާ ތަހުގީގު ކުރަމުންދަނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި: ޕޮލިސް

މޭ 6، 2021: ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގޭކައިރީ އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭ ނީލޯފަރު ހިނގުން ސަހަރައްދުގައި ދިން ހަމަލާ ތަހުގީގު ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ރޭގެ ހާދިސާ އާއި ގުޅޭ ގޮތުން ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނީ ރައީސް ނަޝީދަށް ދިން ހަމަލާ ފުލުހުން ތަހުގީގު ކުރަމުންދަނީ އެންމެ ބޮޑު އިސްކަމެއް ދީގެން ކަމަށާއި ތަހުގީގީ ދާއިރާ އިންނާއި ފޮރެންސިކްގެ ތެރެއިން ފުލުހުންގެ ހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރަމުން އަންނަ ކަމަށެވެ.

އެ ތަހުގީގަށް އެހީތެރިވުމަށް އޮސްޓްރޭލިއަން ޕޮލިސް ފެޑަރޭޝަންގެ ދެ ތަޖުރިބާކާރަކު މާދަމާ މާލެ އަންނާނެ ކަމަށާއި ޔޫއެންއޯޑީސީގެ ފަރާތުން މިވަގުތު ރާއްޖޭގައި ތިއްބެވި އިނގިރޭސި ވިލާތުގެ ފަންނީ ދެ ބޭފުޅެއްގެ އެހީތެރިކަން މިހާރު ވެސް ތަހުގީގަށް ލިބެމުންދާކަމަށް ފުލުހުން ބުންޏެވެ.

ރޭގެ ހަމަލާދިން ވަގުތު އެ ސަރަހައްދުން ޝައްކުވާ އެއްވެސް ކަމެއް ފާހަގަވި ނަމަ، އެކަމެއް ފުލުހުންނާ ހިއްސާކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ. އެގޮތުން އެފަދަ މައުލޫމާތެއް ވަނަމަ ފުލުހުންގެ ހޮޓްލައިން 9704000 އަށް ގުޅައި މައުލޫމާތު ހިއްސާ ކޮށްދިނުމަށް ވަނީ އެދިފަ އެވެ. އަދި އެމައުލޫމާތުގެ ސިއްރުކަން ފުލުހުން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުންގެ ފަރާތުން ވަނީ ރައްޔިތުންނަށް ދީފަ އެވެ.

ފުލުހުން ބުނީ ރައީސް ނަޝީދަށް ދިން ހަމަލާ އާ ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން މާލެ ތެރެ ބެލެހެއްޓުމުގައި ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ރޭގެ ހަމަލާ އާ ގުޅިގެން ފުލުހުންގެ ފަރާތުން މައުލޫމާތު ދިނުމަށް މިއަދު 14:00ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

ހަމަލާގައި ރައީސް ނަޝީދަށް ލިބިލެއްވި ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދާއިރު އެމަނިކުފާނުގެ ގިނަ ސާޖަރީތަކެއް ހަދާފައިވާ ކަމަށާއި އިތުރު ސާޖަރީއެއް ހަދަން ޖެހޭކަމަށް އެ ހޮސްޕިޓަލުން ވަނީ މިއަދު މެންދުރު ބުނެފައެވެ.

comment ކޮމެންޓް