ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް ގެ ނަމުގައި ރައީސް އޮފީހުގައި ސިޔާސީ މަގާމެއް އުފައްދަން ޖެހޭ ގޮތަށް ކްލައިމެޓް އެމަޖެންސީ ބިލު މަޖިލީހުން ފާސްކޮށްފި އެވެ.
މިދިޔަ ހަފްތާ މަޖިލީހުން ފާސްކުރި ކްލައިމެޓް އެމްޖެންސީ ބިލުގައި ވާގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި "ސްޕެޝީއަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް" ގެ ނަމުގައި ސަފީރު ފެންވަރުގެ މަގާމެއް އުފައްދައި، އެމަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަން ކުރަން ޖެހޭނެ އެވެ. ސަފީރުންނަކީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެކެވެ. އެ މަގާމުގައި ތިބޭ މީހުންނަށް މުސާރައާއި އިނާޔަތްތަކާއެކު މަހެއްގެ މައްޗަށް 45.000 ރުފިޔާ ލިބޭނެ އެވެ.
އެ މަގާމުގައި ހުންނަ މީހާ ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އޭނާގެ އޮފީސް ހުންނާނީ ރައީސް އޮފީހުގައި ކަމަށްވެސް ވަނީ ބުނެފަ އެވެ.
"ސްޕެޝިއަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖްގެ މަގާމަށް އައްޔަންކުރާ މީހަކަށް. ދައުލަތުގެ ސަފީރަކަށް ދޭ މުސާރައާއި އިނާޔަތްތައް ދޭންވާނެ އެވެ." ބިލުގައި ބުނެފައިވެ އެވެ.
އެމަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު ވަކިކުރުމުގެ ބާރުވެސް ދީފައިވަނީ ރައީސް އަށެވެ. އެ މަގާމުގައި ހުންނަ މީހެއްގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖެ ތަމްސީލުކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ހާމަކުރުމުގެ އިސްދައުރު އަދާކުރުން ހިމެނެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ގުލޭގޮތުން ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރުމަކީވެސް އެމަގާމުގައި ހުންނަ މީހެއްގެ ޒިންމާއެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ސްޕެޝިއަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖްގެ މަގާމަށް އައްޔަންކުރާ ފަރާތުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިޔާނާތާއި ރިޝަވްތު ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިނަ ްވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން ހިމެނެ އެވެ.
އެ މަގާމުގެެ އިތުރުންވެސް ކްލައިމެޓް އެމަޖެންސީ ބިލުގެ ދަށުން އެންވަރަމެންޓް މިނިސްޓްރީގެ ދަށުގައި ކްލައިމެޓް ޗޭންޖް ޑައިރެކްޓްރޭޓެއް އުފެއްދުމަށް އެބިލުގައި ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައިވަނީ އެއީ ސިވިލް ސާވިސްގެ އޮފީހެއް ކަމަށާއި އެތަނުގައި މަސައްކަތް ކުރާނީ މުޅިންވެސް ސިވިލް ސާވިސް މުވައްޒަފުން ކަމަށެވެ. އެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލްއަކަށް މީހަކު އައްޔަން ކުރާނީވެސް ސިވިސް ސާވިސްއިން ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
އެބިލަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވައި ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.