ރޯދަ ސިއްހަތު: ރޯދައާއި ކަސްރަތު

މާލޭ އެކުވެނި ދުވާ ޓްރެކުގައި ބަޔަކު ދުވަނީ: މި ރޯދަމަހު ހަވީރު ގިނަ ބަޔަކު މާލޭ މަގުމަތީގައާއި އެކުވެނި ޓްރެކުގައި ދުވެލައި ކަސްރަތުކުރުމަށް ނުކުންނަމުން ދޭ -- ސަންފޮޓޯ/ ފަޔާޒު މޫސާ

ރޯދަމަހާއެކު ދުޅަހެޔޮކަމަށް އަންނަ ބަދަލާމެދު އަހަރެމެން އެންމެންނަށްވެސް ވިސްނެއެވެ. ކެއިންބުއިމުން މަނާވެގެން ގިނަވަގުތުތަކެއް ތިބުމާއި ދިރިއުޅުމުގެ ކަންކަން ބައްޓަންކުރުމަށް ގިނަ ވަގުތުތަކެއް އަވަދިނެތި އުޅެން ޖެހުމަކީ އެކަމަކަށް ވަރަށް ހަކަތަ ބޭނުންވާނެކަމެއްވެސް މެއެވެ. އެހެން މަސްމަހެކޭ އެއްފަދައިން މިމަހަކީވެސް ދުޅަހެޔޮކަމަށް ބަލައިގެން އުޅެންޖެހޭ މަސްވަރެއްކަން ޔަގީނެވެ.

ރޯދަމަހަކީ ހަމައެކަނި މީރުކޮށް ކައްކައިގެން ކެއުމަށް އޮންނަ މަހެއް ނޫނެވެ. އެެހެން ނަޒަރަކުން ބަލާނަމަ މި މައްސަރަކީ އެހެން މަސްމަހާ ހިލާފަށް ހެލިފެލިވެ އުޅުމަށް ގިނަ ފުރުސަތުތަކެއް ލިބޭ މަހެކެވެ. ތަރާވީހު ނަމާދާއި ދަމުނަމާދުގައި ހޭދަވާ ގިނަވަގުތު ތަކަކީ އޭގެ ސަބަބުން އަހަރުމެންގެ ހަށިގަނޑަށް ތާޒާކަމާއި އިތުރު ހިތްހަމަޖެހުމެއް ލިއްބައިދޭ މާތް އަޅުކަމެއްވެސްމެއެވެ.

ރަމަޟާންމަހު ކަސްރަތަށް ވަގުތު ހުސްކުރުމަކީ ނެތްކަމެއް ނޫނެވެ. ކޮންމެ މީހެއްވެސް އުފެދިފައި ހުންނަނީ ތަފާތުގޮތަށް ކަމުން އެމީހަކަށް ފަސޭހަ ވަގުތެއް ނުވަތަ ގޮތެއް އެނގުން މުހިންމެވެ. ކަސްރަތުކުރަން އެންމެ ރަނގަޅުވަގުތެއްކަމަށް ގިނަ ތަޖުރިބާކާރުންނާއި ޑަކްޓަރުން އިޖްމާއުވެފައިވާ ވަގުތަކީ ރޯދަވީއްލުމަށް ފަހުއެވެ. އެއީ ގިނަވަގުތުތަކެއް ނުކައި ހުރުމަށްފަހު ބޭނުންކުރެވޭ ކާބޯތަކެތީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތައާއި ބާރާއި ބުންވަރު އެގަޑީގައި ހަށިގަނޑަށް ލިއްބައިދޭތީއެވެ.

ރޯދަ ވީއްލައިގެން ކަސްރަތުކުރަން އުނދަގޫނަމަ، ރޯދަ ވީއްލުމުގެ ކުރިން ކޮންމެވެސް ކަހަލަ ކުޅިވަރެއް ނުވަތަ ކަސްރަތެއް ކޮށްލެވިދާނެއެވެ. ނަމަވެސް ހަށިގަނޑަށް ބުރަނުވާނެ ވަރަށް ކަސްރަތުގެ ވަގުތު ކުރުކުރުން އެއީ އޮތްގޮތެކެވެ. ރޯދައަށް ހުރެ ކަސްރަތުކުރުމުގެ ސަބަބުން އެކަސްރަތުގައި ބީވެގެންދިޔަ ހަކަތަ ރޯދަވީއްލުމާއިއެކު ހަށިގަނޑަށް ލިބިގެންދެއެވެ. ނަމަވެސް މިއީ އޭގެ ސަބަބުން ތިމާގެ މޫޑާއި ހަށިގަނޑުގައި ހުރި މަދު ހިތްވަރުކޮޅު ގެއްލި މެޓަބޮލިޒަމަށް އަސަރުކުރުވާ ކަމަކަށް ވާތީ އެއީ ގިނަ މީހުންނަށް ކުރުން އުނދަގޫކަމެއްވެސް މެއެވެ. އެހެންކަމުން އެންމެ ބުއްދިވެރި ގޮތަކީ އެމީހެއްގެ ހަށްޓަށް ފަސޭހަވާނެހެން ކަސްރަތަށް ކުޑަ ވަގުތުކޮޅެއް ހުސްކޮށްލުމެވެ.

އަހަރުމެން ގުނަމުން މިދަނީ މިބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދުވަސްތައް ކަމުން، މި ދުވަސްވަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭނެ ގޮތަށް ތިމާގެ ޑެއިލީ ޝެޑިއުލް ރާވާލުން ވަރަށް މުހިންމެވެ.

ނޯޓު: ރިޔާޝް ރިޔާޒަކީ އެރިޒޯނާ ސްޓޭޓް ޔުނިވާސިޓީން ބަޗެލާ އޮފް ސައިންސް އިން އެކްސަސައިޒް ސައިންސް އެންޑް ނިއުޓްރިޝަން ހާސިލުކޮށްފައިވާ، އަދި ހަ އަހަރުގެ ތަޖުރިބަ ލިބިފައިވާ ސެޓިފައިޑް ނިއުޓްރިޝަނިސްޓް އަދި މާސްޓާ ޓްރެއިނާއެކެވެ. ރާއްޖޭގެ ފިޓްނަސް އިންޑަސްޓްރީގައި 50 އަށް ވުރެ ގިނަ ޕްރޮފެޝަނަލުން އުފައްދާފައިވާ ރިޔާޝް މަސައްކަތްކުރަނީ ފިޓްޒޯން ޖިމްގެ މެނޭޖަރެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް