ކޮވިޑް އާ ކުރިމަތިލުމަށް އިންޑިއާ ސިފައިން ނެރެދިނުމަށް ނިއުދިއްލީގެ ލޯކަލް ސަރުކާރުން ގޮވާލައިފި

ނިއުދިއްލީ ގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖްރިވާލް

ނިއުދިއްލީ (މޭ 5) : އިންޑިއާގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު އެންމެ ގިނަ ސްޓޭޓް ކަމަށްވާ ނިއު ދިއްލީގައި ކޮވިޑް ޖެހިފައިވާ އެތަށް ބަޔަކު އޮޖްސިޖަން ނުލިބިގެން މަރުވަމުންދިޔުމަކީ އިންސާނީ ކާރިސާ އެއްކަމަށާ މިކާރިސާ އާ ކުރިމަތިލުމަށް އިންޑިއާ ސިފައިން ނެރެދިނުމަށް ނިއު ދިއްލީގެ ލޯކަލް ސަރުކާރުން ގޮވާލައިފި އެވެ.

ނިއުދިއްލީގެ ސަރުކާރު ބުނާގޮތުން ކޮވިޑް ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ލައްކައިން ގުނާލެވޭތީ އޮކްސިޖަންއާ އެކު އެ ސްޓޭޓްގެ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ދެން ހިންގޭނީ ސިފައިންނަށެވެ. އިންޑިއާ ސިފައިންގެ މެޑިކަލް ކޯ ގައި ސިއްހަތާބެހޭ ގިނަ ވަސީލަތްތަކާ އެކު އެތައްް ހާސް ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙީ އެހީތެރިން ތިބެއެވެ.

މީގެ އިތުރުން އިންޑިއާ ސިފައިންގެ ޚިދުމަތުން ރަސްމީ ގޮތެއްގައި މުސްކުޅި ކުރައްވާފައިވާ އަސްކަރީ މެޑިކަލް އޮފިސަރުންނާއި ނަރުހުންގެ އަދަދު ވެސް އެތައް ހާހަކުން ގުނާލެވޭއިރު މީގެ ތެރޭގައި ކޮންމެ ވަގުތަކު ވެސް އަލުން ޚިދުމަތަށް ނެރެވޭ ފެންވަރުގެ އެތައް ހާސް ބަޔަކު އެތަބިއްބެވެ. ނިއުދިއްލީގެ ސަރުކާރުން ވަނީ އެމީހުން ވެސް އަލުން ޚިދުމަތަށް ނެރެދިނުމަށް މައި ސަރުކާރަށް ވަނީ ގޮވާލާފައިފަ އެވެ.

އިންޑިއާ ސިފައިންގެ މެޑިކަލް ކޯ ގައި ހިމެނޭ ނަރުހުން

ނިއުދިއްލީގެ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ކޮވިޑް ބަލީގެ 10،000 މީހުންނަށް ފަރުވާދެވޭ ގޮތަށް އެތަންތަނުގެ ޖާގަ އިތުރުކޮށްގެން އެތަންތަން ހިންގައިގެން ނޫނީ އޮކްސިޖަންއަށް ޖެހިފައިވާ އެތައް ހާސްބައެއްގެ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށާއި އެފެންވަރަށް އެތަންތަން ހިންގޭނީ އިންޑިއާ ސިފައިންނަށް ކަމަށް ނިއު ދިއްލީގެ ލޯކަލް ސަރުކާރުން ބުނެ އެވެ.

އިންޑިއާ އިން ފެނުނު ކޮރޯނާ ވައިަރސްގެ ޑަބަލް މިއުޓަންޓް ވޭރިއަންޓާ އެކު ދުވާލެއްގެ މައްޗަށް 400،000 އާއި 500،000 ދެމެދުގެ އަދަދެއްގެ މީހުން ޕޮޒިޓިވްވެ އޭގެތެރެއިން ގިނަ ބައެއްގެ ހާލު ބޮޑުވަމުންދާތީ އިންޑިއާ ވަނީ އޮކްސިޖަން އާއި ބޭހަށްޖެހި ސިއްހަތާ ބެހޭ ނިޒާމުވަނީ މުޅިން އިނދަޖެހިފަ އެވެ.

އިންޑިއާ ސިފައިން ގެ މެޑިކަލް ކޯ އިން ބަޔަކަށް ކުއްލި ހާލަތުގައި ޚިދުމަތް ދެނީ

ނިއުދިއްލީގެ ޗީފް މިނިސްޓަރުގެ ނައިބު މަނީޝް ސިސޮޑިޔާ ވިދާޅުވި ގޮތުގައި އެސްޓޭޓްގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އާދަޔާ ޚިލާފަށް ގިނަވެފައި އޭގެތެރެއިން ގިނަ ބައެއްގެ ހާލު ދެރަވަމުންދާތީ އެސްޓޭޓްގެ ސިއްހަތާ ބެހޭ ނިޒާމު ވަނީ އިނދަޖެހިފަ އެވެ. މި ހާލަތުގައި އިންޑިއާ ސިފައިންގެ ސިއްހަތާބެހޭ ލަޝްކަރުގައި ހުރި ވަސީލަތްތައް ބޭނުން ކޮށްގެން ވެސް ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރަން ޖެހޭ ކަމަށާއި އެހެން ނޫން ނަަމަ މީހުންގެ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިއުދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖްރިވާލް ވަނީ އޮކްސިޖަން ފޯރުކޮށް ނުދެވޭ މައްސަލަ އާއި ބޭހުގެ ސަޕްލައި މަދުވި މައްސަލާގައި އިންޑިއާގެ މައި ސަރުކާރަށް ފާޑު ވިދާޅުވެ އިހުމާލުގެ ތުހުމަތު ކުރައްވާފައެވެ.

comment ކޮމެންޓް