ބްރިޖު ހުރަސްކޮށް ހުޅުމާލެއަށް ދަތުރުކުރި ޓްރެފިކް މައްސަލަ

ފެބްރުއަރީ 24، 2021: މާލެ/ހުޅުމާލެ ހައިވޭއިން ބަޔަކު ދަތުރުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެއާއި ހުޅުމާލެ ބުރިޖަކުން ގުޅުވާލުން ވެގެންދިޔައީ އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ގެނެސްދިން ކަމަކަށެވެ. އަހަރުތަކެއް ވަންދެން ކުރި ފެރީ ދަތުރުތައް ނިމުމަކަށް އައެވެ. އެހެން ނަމަވެސް ބަލަން ޖެހޭ ހުރިހާ ކަމެއް ނުބަލައި އެކަން ކުރުމުން ކުރިމަތިވި ދަތިތައް ވެސް މަދެއް ނޫނެވެ. އެންމެ ބޮޑަށް ފާހަގަވާ އެއް ކަމަކީ ބުރިޖު ހުރަސްކޮށް މާލެއިން ހުޅުމާލެއަށް ދަތުރުކުރި ޓްރެފިކް މައްސަލަތަކެެވެ.

މި މައްސަލަތައް ފެށިގެން އަންނަނީ ދެ ތަން ތަރައްގީކޮށްފައިވާ ތަފާތު ދެގޮތުންނެވެ. މާލެއަކީ ދުރާލާ ރޭވުމެއް ނެތި ތަރައްގީކޮށްފައިވާ ސިޓީއެކެވެ. ހުޅުމާލެއަކީ ކުރެހުންތަކެއް ކުރަހައިގެން، ބޮޑެތި ޕްލޭންތަކެއް ހަދައިގެން ތަރައްގީކޮށްފައިވާ ތަނެކެވެ. ބުރިޖަކުން ގުޅުވާލިއިރު ވިސްނާ ނުލެވުނު ކަމަކީ މިއީ އެވެ.

މާލެ ތޮއްޖެހުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ރޭވުމެއް ނެތި ތަރައްގީ ކުރުމެވެ. ތަނަށް ނުކަތާވަރުގެ ބޮޑު އާބާދީއެއް އެބައޮތެވެ. އެއްގަމު އުޅަނދުފަހަރު އެތެރެކުރުމުގައި ވަކި ލިމިޓެއް ކަނޑައަޅާފައި ނެތެވެ. ބުރިޖަކުން ގުޅުވާލުމުގެ ނަތީޖާއަކަށާވީ އެ ހުރިހާ މައްސަލައެއް ހުޅުމާލެއަށް ވެސް ފޯރުމެވެ.

ޕާކިން މައްސަލަ

މާލޭގައި އުޅަނދުފަހަރު ގިނަވުމުގެ ސަބަބުން ނިކުތް ޕާކިން މައްސަލައަށް އަދިވެސް އޮތީ ހައްލެއް ނުހޯދި އެވެ. ބުރިޖު އެޅުމާއެކު މިކަމަށް ހައްލެއް ހޯދަން ބައެއް މީހުން ކުރާ ކަމަކީ މާލޭގައި ޕާކު ކުރާނެ ތަނެއް ނެތިގެން ހުޅުމާލޭގެ ކޮންމެ ވެސް ޒޯނެއްގައި ޕާކު ކުރަނީ އެވެ. އެހެންނަމަވެސް ލޯޑު ބޮޑުވަނީ ހުޅުމާލެއަށާއި ހުޅުމާލޭގެ ރަށްވެހިންނަށެވެ.

ހުޅުމާލޭގައި ޕާކިން ޒޯނުތައް ކަނޑައަޅާފައި ވަނީ ވަކި އަދަދަކަށް ކަމަށް ވުމާއެކު މާލޭގައި ދުއްވާ އުޅަނދުފަހަރު ހުޅުމާލޭގައި ޕާކު ކުރުމުން، ހުޅުމާލޭ ރަށްވެހިންގެ އުޅަނދުފަހަރު ބަހައްޓާނެ ތަނެއް ނޯވެ އެވެ.

ސުން ބޯޑުގެ ރަޖިސްޓްރީ ނުކުރާ އުޅަނދުފަހަރަކީ ވެސް ހުޅުމާލޭގެ މަގުތަކުގައި އާންމު އެއްޗެކެވެ. ކާރު ޝޯރޫމަކަށް ވުރެ ހުޅުމާލޭ މަގުމަތިން ފެންނަ މިފަދަ ރަޖިސްޓްރީ ނުކޮށް ހުރި ކާރުތަކުގެ އަދަދު ގިނަ އެވެ.

މިއީ ވެސް ހުޅުމާލެ މަގުތަކަށާއި ޕާކިން ޒޯނުތަކަށް ލޯޑު ބޮޑުވާ ކަމެކެވެ. ކޮންމެވެސް ސަބަބަކާ ހުރެ ރަޖިސްޓްރީ ނުކުރެވި ހުރި މިފަދަ އުޅަނދުތައް ހުންނަނީ މަގުމައްޗަށް ދޫކޮށްލައިފަ އެވެ.

ސުން ބޯޑު އުޅަނދުތަކުގެ އިތުރުން ހަލާކުވެފައި ހުންނަ އުޅަނދުފަހަރު ވެސް ހުޅުމާލޭ މަގުތަކަށް ވަނީ ގިނަވެފަ އެވެ. އެޗްޑީސީއިން ބުނާ ގޮތުގައި މިހެން ހުންނަ އުޅަނދުފަހަރު ޓޯ ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.

ހުޅުމާލޭގައި ވެހިކަލް ކޯޓާ ދޫކުރަން ރާވާފައިވާ ގޮތް

ޒަމާނީ ސްމާޓް ސިޓީއަކަށް ހުޅުމާލެ ތަރައްގީ ކުރަމުންދާއިރު، އެޗްޑީސީއިން ވަނީ ވެހިކަލް ކޯޓާ ދޫކުރުމާ ގުޅޭ ގޮތުން އުސޫލެއް އެކުލަވާލައި، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފަ އެވެ. އެ އުސޫލުގައި ވެހިކަލް ކޯޓާ ދޫކުރަން އެޗްޑީސީއިން ބަލާނެ އެއް ކަމަކީ ރޯޑް ކެރީން ކެޕޭސިޓީ (މަގުތަކުގެ ސަރަހައްދު)އަށް ބަލައިގެން ވަކި ރޭޝިއޯއެއްގެ ދަށުންނެވެ. ރޯޑް ކެރީން ކެޕޭސިޓީއަކީ އެއްވަގުތެއްގައި މަގުގައި އެންމެ ގިނަވެގެން ދުއްވޭ އުޅަނދުފަހަރުގެ އަދަދެވެ.

އެޗްޑީސީއިން ހުށަހަޅާފައިވާ އުސޫލުގައި ރޯޑް ކެރީން ކެޕޭސިޓީ ރޭޝިއޯއަކީ؛

  • ސައިކަލަށް: 66 ޕަސެންޓް
  • ކާރަށް: 22 ޕަސެންޓް
  • ސިނާއީ އުޅަނދުފަހަރަށް: ހަތް ޕަސެންޓް
  • ކޮމާޝަލް: ތިން ޕަސެންޓް
  • ޕަބްލިކް: ދެ ޕަސެންޓް

މި ރޭޝިއޯއަކީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ހުޅުމާލޭގައި ދުއްވާ އުޅަނދުފަހަރުގެ ނަންބަރުތަކަށް ބިނާކޮށް އުފައްދާފައިވާ ރޭޝިއޯއެކެވެ. އޭރު ހުރި އުޅަނދުފަހަރުގެ އަދަދުތަކަކީ؛

  • ކާރު: 1850
  • ސައިކަލު: 5563
  • ކޮމާޝަލް: 281
  • އިންޑަސްޓްރިއަލް: 607

އޭގެ ތެރޭގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ އުޅަނދުފަހަރު ނުހިމެނެ އެވެ. އެޗްޑީސީއިން ލަފާކުރާ ގޮތުގައި މާލެއިން ދާ އުޅަނދުފަހަރު، ހުޅުމާލޭގައި ބޭނުންކުރާ އުޅަނދުފަހަރުގެ 25 ޕަސެންޓާ ގާތްކުރާނެ އެވެ.

އެ ރޭޝިއޯތަކަށް ބިނާކޮށް ހުޅުމާލެއިން ވެހިކަލް ކޯޓާ ދޫކުރުމަށް ހަމަޖެހިފައިވާ ގޮތަކީ؛

  • އެއްވަނަ ފިޔަވަހި
    • ކާރު: 2240
    • ސައިކަލު: 35،840
    • ޕަބްލިކް ވެހިކަލް: 2400
    • އެހެނިހެން: 2400
  • ދެވަނަ ފިޔަވަހިކާރު: 2044
    • ސައިކަލު: 32704
    • ޕަބްލިކް ވެހިކަލް: 2190
    • އެހެނިހެން: 2190

މިގޮތަށް ރާވައިގެން ކުރިއަށްދަނިކޮށް ބުރިޖާއެކު ހުޅުމާލޭގެ މަގުތަކަށް ލޯޑުބޮޑުވުމުން އެޗްޑީސީއަށް ވަނީ އިތުރު ވިސްނުމަކަށް ދާން މަޖުބޫރުވެފަ އެވެ.

އެހެންކަމުން އަލަށް ތަރައްގީކުރަމުންދާ ސަރަހައްދުތަކުގައި ޕާކިން ސްޓޭންޑާޑްތަކެއް ގާއިމުކުރުމަށް އެޗްޑީސީއިން ދަނީ ރާވަމުންނެވެ. އޭގެ ތެރޭގައި ޕާކިން މީޓަރު ބެހެއްޓުމާއި ޒަމާނީ، ސްމާޓް ޕާކިން ސިސްޓަމްތައް ގާއިމުކުރުން ހިމެނެ އެވެ. މީގެ މައިގަނޑު ބޭނުމަކީ ކަނޑައަޅާފައިވާ ޕާކިން ސަރަހައްދުތަކުގައި ޕާކުކުރުމަށާއި އަމިއްލަ އުޅަނދުފަހަރު ބޭނުން ނުކުރަން ހިތްވަރު ދިނުމެވެ.

ހައްލު ހޯދަން އެޗްޑީސީއިން ޕާކިން އުސޫލެއް

ދުއްވާ އުޅަނދުފަހަރާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް އެޗްޑީސީއިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ޕާކިން އުސޫލެއް އެކުލަވާލައި، މިހާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ވަނީ ހުށަހަޅާފަ އެވެ. ޕާކިން ފީ ނެގުމާއި ވަގުތީ އަދި ދާއިމީ ޕާކިން ޖާގަ ކުއްޔަށް ދިނުން ފަދަ ކަންކަމަށް މަގުފަހިވެގެންދާނީ އެ އުސޫލުގެ ދަށުންނެވެ.

އެ އުސޫލާއެކު ހުޅުމާލޭގައި ދިރިނޫޅޭ ފަރާތްތަކަށް ޕާކިންއެއް ނެތި، ކާރުފަދަ ތަކެތި ބޭއްވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދާނެ އެވެ. ހުޅުމާލޭގައި ދުއްވާ ޓެކްސީތަކަށް ހާއްސަކޮށް ވަކިން ޕާކިން ސަރަހައްދެއް ވެސް ކަނޑައެޅުމަށް އެ އުސޫލުގައި ވަނީ ހިމަނާފަ އެވެ. އަދި ކާގޯ ޕާކިންއާއި ލޮރީ ފަދަ ބޮޑެތި އުޅަނދުފަހަރު ޕާކު ކުރާނެ ޖާގަވެސް ވަކިން ހަމަޖައްސައިދެވޭނެ އެވެ.

ދިރާސާތަކަށް ފަހު އެޗްޑީސީއިން އެކުލަވައިލި މި އުސޫލު އޮތީ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފަ އެވެ. ދެން އޮތީ އުސޫލަށް އަމަލުކުރަން ފެށުމެވެ. ވީ އެންމެ އަވަހަށް މިކަން ކުރުމަކީ، ހުޅުމާލެ ދެވަނަ މާލެއަކަށް ނުވެ، ކޮންޓްރޯލު ކުރުމަށްޓަކައި ވަރަށްވެސް މުހިންމު ކަމެކެވެ.

ޖުމުލަ ހައްލަކަށް ހަރުދަނާ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް؟

އެއްގަމު އުޅަނދުފަހަރު ގިނަވާ މައްސަލަ ހައްލުކުރަން މިހާރު ވެސް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، އުފެދޭ ސުވާލަކީ އެ މަސައްކަތްތައް ކުރެވެމުންދަނީ ރަނގަޅު މަގުން ބާ އެވެ. ހުސްބިންކޮޅެއް ލިބޭއިރަށް ޕާކިން ޒޯނެއް ހެދުމަކީ ހައްލެކޭ ބުނެވިދާނެބާ އެވެ. ފެންނަ ފެނުމަށް ނުސީދާ ގޮތަކަށް އާންމުން އިތުރަށް އުޅަނދުފަހަރު ގަންނަން ހިތްވަރު ދެވޭނީ ކަމަށް ވެސް ވެދާނެ އެވެ.

ބޭރުގެ ކުރިއަރާފައިވާ ގައުމުތަކަށް ބަލާއިރު، ގޭބިސީތަކުގައި ދިރިއުޅޭ ވަކިވަކި ކޮންމެ ފަރުދަކަށް ސައިކަލެއް ނުހުރެ އެވެ. ސްކޫލަށާއި ވަޒީފާއަށް ދިއުމަށް ބަސް އަދި ރޭލު ފަދަ ޕަބްލިކް ޓްރާންސްޕޯޓް ވަސީލަތްތަކަށް ގިނަ އަދަދެއްގެ ބަޔަކު ބަރޯސާވެ އެވެ. ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލޭގައި ނުފެންނަ މަންޒަރަކީ މިއީ އެވެ.

މީގެ ކުރިން އެކި ފަހަރު މަތިން ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ބަހުގެ ހިދުމަތް ތައާރަފު ކުރި އެވެ. މާލެ ތެރޭގައި ވެސް ބަސް ދުއްވައިފި އެވެ. އެހެން ނަމަވެސް އެކަށީގެންވާ ބޮޑު ތަރުހީބެއް ލިބޭ ތަނެއް ނުފެނެ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ތައާރަފުކުރަން މަސައްކަތް ކުރަން ވެސް ފެށުނީ މާ ލަހުންނެވެ.

ސަބަބަކީ އެތައް އަހަރެއް ވަންދެން ޕަބްލިކް ޓްރާންސްޕޯޓެއް ނެތުމުގެ ސަބަބުން މިއީ ދިވެހިންނަށް މާ ފަރިތަ ނިޒާމަކަށް ނުވާތީ އެވެ. ގެއިން ހިނގާލާފައި ބަސް ޓާމިނަލާ ހަމައަށް ދާން ވެސް ގިނަ މީހުންނަށް ވަނީ ބުރައަކަށެވެ. ޕާކު ކުރާނެ ތަންކޮޅެއް ނެތަސް ޕާކު ކުރަން ޖެހެނީ ގޭ ދޮރުމަތީގަ އެވެ. ދިވެހިން އާދަވެފައި ތިބި ގޮތަކީ މިއީ އެވެ.

comment ކޮމެންޓް