އިންތި އަހުމަދު އަފީފަށް: ތިޔަ ކުރެއްވި ކަމަކީ އިބުރާގެ ޓްވީޓްތައް ތަފްސީލްކޮށްދިނުން

އަހްމަދު އަދި އިންތި: އިންތިގެ ފާޑުކިޔުންތައް އަމްދަށް ވަނީ އަމާޒުވެފައި

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އޮފީހުގެ ލީގަލް ކައުންސެލް އަހުމަދު އަބްދުﷲ އަފީފު ކުރެެއްވި ކަމަކީ، ދާދި ފަހުން ދައުލަތުން 15 މިލިއަން ރުފިޔާގެ ބަދަލެއް ދޭން އެއްބަސްވި މަންދު ކޮލެޖުގެ ވެރިޔާ އިބްރާޙިމް އިސްމާއިލް (އިބުރާ) ދިފާއުކުރުން ކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ރޭ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޯކަސް ކުރި މައިގަނޑު ކަމަކީ ސަރުކާރުން ކުންފުނިތަކަށް ބަދަލު ދިނުމާ ގުޅޭގޮތުން މައުލޫމާތު ދިނުމެވެ. އެކަންކަމުގެ މައުލޫމާތު ދެއްވުމަށް އިންނެވީ، ކޯޓުގައި މަންދު ތަމްސީލު ކުރި ލޯ ފާމުގެ އެއް ހިއްސާދާރު އަދި އިބުރާގެ ޅިޔަނު އަހުމަދެވެ.

އަހުމަދު ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ފޮނުވި މަދަނީ އިޖުރާއަތުގެ ބިލު އަދިވެސް މަޖިލީހުން ނިންމާފައި ނުވާތީ، އިންސާފުވެރިކަމާ އެކު ބަދަލު ލިބިދިނުމަށް ހުރަސް އެޅޭ ކަމަށެވެ.

އަހުމަދުގެ އެ ވާހަތަކަތަކަށް ރައްދު ދެއްވަމުން އެ ބިލް ދިރާސާ ކުރާ ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތި ވިދާޅުވީ ރޭގެ މުޅި ނޫސް ކޮންފަރެންސް ސިފަވެގެން ދިޔައީ މަންދު ކޮލެޖުގެ އިބުރާ ޓްވިޓާގައި ދެއްކެވި ވާހަކަތައް ތަފްސީލްކޮށް ދެއްވަން އަހުމަދު މަސައްކަތް ކުރެއްވި ކުރެއްވުން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް [އަހުމަދު] ކޮމިޓީއާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކުން އަޅުގަނޑަށް ދޭހަވީ، މަންދު ކޮލެޖްގެ ވެރިޔާ [އިބްރާ] ކުރެއްވި ޓްވީޓްތައް ތަފްސީލުކޮށްދެވީ،" ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން އަހުމަދަށް ރައްދު ދެއްވައި އިންތި ވިދާޅުވި އެވެ.

ޖުޑީޝަރީ ކޮމިޓީން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުން --- ފޮޓޯ/ މަޖިލިސް

މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން އެއްބަސްވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވި އެވެ. އެއާއެކު އިބުރާ ވަނީ އެ ނިންމުން ދިފާއުކުރައްވާ ޓްވީޓާގައި ވަރަށް ބޮޑަށް ވާހަކަ ދައްކަވައިފަ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ހުޅުވާލުމުގެ ކުރިން، ސަރުކާރުން ބަދަލު ދިނުމުމުގައި ގެންގުޅޭ ސިޔާސަތުތައް އަފީފު ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވި އެވެ. އަދި އިންސާފު ގާއިމްކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށާއި އެ ވައުދުގެ ތެރެއިން މީގެ ކުރިން ގަވައިދާ ހިލާފަށް އެކި ސަބަބުތަކާ ހުރެ އުވާލި އެއްބަސްވުންތަކައް ބަދަލު ދޭން ޖެހޭ ކަމާއި އެ ހުރިހާ ތަފްސީލެއް އޭނާ ހާމަ ކުރެއްވި އެވެ. އެހެން ނަމަވެސް ވަކިވަކި ކުންފުނިތަކަށް ބަދަލު ދިނުމަށް ނިންމި ނިންމުންތަކާ ގުޅިގެން އޭނާ ވާހަކަ ދައްކަވާފައެއް ނުވެ އެވެ.

އިންތި ވިދާޅުވީ، އަހުމަދު ރޭ ދެއްކެވި ވާހަކަތައް އެންމެ ބޮޑަށް މިދުވަސްވަރު ރައްދު ވަނީ މަންދަށް ދިން ބަދަލާ ގުޅޭ ގޮތުން ކަމަށެވެ. އަދި އެ ބަދަލު ދިން ގޮތް ސަރުކާރުން ސާފުކޮށްދިނުމަށް އެދި މަންދުގެ ވެރިޔާ، އިބުރާ ވަރަށް ގިނައިން ޓްވީޓު ކުރައްވާފައިވާކަން ވެސް އިންތި ފާހަގަ ކުރެއްވި އެވެ.

"މަންދު ކޮލެޖްގެ ވެރިޔާ [އިބުރާ] ވަރަށް ގިނަ ފަހަރު ޓްވީޓް ކުރައްވާފައިވޭ ސަރުކާރުން މިކަމާ ދެން ބަސްކޮޅެއް ވިދާޅުވާންވީ ނޫންތޯއޭ ބަދަލު ދިން ގޮތް ސާފުކޮށްދޭން. އެއާ ވިދިގެން ސަރުކާރުގެ ލީގަލް ކައުންސެލް ޕްރެސްއާ ބައްދަލުކުރައްވާ މި ދެއްކެވީ މިވާހަކަ [ބަދަލު ދިނުމާ ގުޅޭ ވާހަކަ]،" އިންތި ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިންތި ވާހަކަ ދައްކަވަނީ -- ފޮޓޯ/ މަޖިލިސް

މަންދު ކޮލެޖުގެ މައްސަލައިގައި އަހުމަދުގެ މަސްލަހަތު ހިމެނޭކަން އިންތިވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަ ކުރެއްވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން ސުވާލު އުފެދެނީ އެހެން ބައެއްގެ ބޮލުގައި އެޅުމަށް އެހާ ޝައުގުވެރިކަމާއެކު އެ ޕްރެސްކޮންފަރެންސްގައި މަސައްކަތް ކުރެއްވީ ކީއްވެގެންކަން. އިންޓަގްރިޓީއާ މެދު އެހެންވީމަ ސުވާލު އުފައްދަން އެ ވާހަކަ ދެއްކި ބޭފުޅާގެ [އަހްމަދުގެ]" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅު ވިގޮތުގައި އިންސާފު ގާއިމްވުން ލަސްވަނީ މަޖިލީހުގެ މަސައްކަތް ލަސްވެގެން ނޫނެވެ. އެއީ ސަރުކާރުގެ ލަސްކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މަންދުގެ އެއްވެސް ނިންމުމެއްގައި ބައިވެރި ނުވަން: އަހުމަދު

ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކޮންސެލް އަހްމަދު އަބްދުﷲ އަފީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުތަކަށް ހުޅުވާލުމުން، މަންދަށް ބަދަލުދޭން ނިންމިގޮތުގެ ތަފްސީލާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން އެ ސުވާލުތަކަށް އޭނާ ޖަވާބު ނުދެއްވަ އެވެ. ވިދާޅުވީ، މިއަދު އެކަމާ ގުޅޭ ގޮތުން ބަންޑާރަނައިބު އޮފީހުން ތަފްސީލީ ބަޔާނެއް ނެރުއްވާނެ ކަމަށެވެ.

އޭގެ އިތުރުން އެ މައްސަލައިގައި އަހުމަދުގެ މަސްލަހަތު ހިމެނޭތީ، އެކަމާ ގުޅޭ ގޮތުންވެސް އޭނާއާ ސުވާލު ކުރި އެވެ.

މަސްލަހަތު އޮތްކަމަށް އަހުމަދު އެއްބަސްވެވަޑައިގަންނަވަމުން ވިދާޅުވީ، މަސްލަހަތު ފުށުއަރާތީ، އެމައްސަލައިގައި ސަރުކާރުން ނިންމި އެއްވެސް ނިންމުމެއްގައި ބައިވެރިވެސް ނުވާ ކަމަށެވެ.

ބަދަލު ދިނުމާ ގުޅޭ ގޮތުން މި ސަރުކާރުން އެކުލާވާލި ސެޓެލްމަންޓް ކޮމިޓީގައިވެސް އިންނަވާ އަހުމަދު ވިދާޅުވީ، އެ ކުންފުންނީގެ މައްސަލަ ކުރިއަށް ދިޔަ އެއްވެސް ދުވަހެއްގައި، ކޮމިޓީގައި ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށެވެ.

"މަސްލަހަތު ފުށުއަރާނެކަން އެނގޭތީ، މަސްލަހަތު ފުށުއަރާނެ މީހަކު އެ ކަހަލަ ތަނެއްގައި ހުންނަ ކަމަށް ވަންޏާ އުޅެން ޖެހޭ ގޮތަށް އުޅުނީ. އެގޮތަށް އަޅުގަނޑު އަމަލު ކޮށްފައި ވާނެ،" އޭނާ ވިދާޅުވި އެވެ.

ކުރީގެ އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖް ހިންގުމަށް ވީ އެއްބަސްވުން، ކުރީ ސަރުކާރުން ބާތިލު ކުރި މައްސަލައިގައި 15 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ސަރުކާރުން އެއްބަސްވީ އެ މައްސަލައިގައި ސިވިލް ކޯޓުގައި ކުރިއަށް ދިޔަ ޑިސްޕިއުޓް މަރުހަލާގަ އެވެ. އެއާއެކު އެއް މަސް ދުވަސް ތެރޭ 15 މިލިއަން ދޭން ސިވިލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.

ދައުލަތުން އެގޮތަށް އެއްބަސްވި އިރު، އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އެދިގެން އޮޑިޓް އޮފީހުން ހެދި އެސެސްމަންޓުން ދައްކާ ގޮތުން މަންދަށް އެންމެ ގިނަވެގެންވެސް ދެވޭނީ 1.5 މިލިއަން ރުފިޔާ އެވެ. އެހެން ނަަމަވެސް މިއަދު ބަންޑާރަނައިބު އޮފީހުން ނެރުނު ބަޔާނުގައި ބުނީ، 15 މިލިއަން ރުފިޔާ ދޭން އެއްބަސްވީ ރަނގަޅަށް ކަމަށް ބުނެ ސަރުކާރުގެ ނިންމުން ދިފާއުކޮށްފަ އެވެ. އަދި އެއީ ދޭން ޖެހޭ ބަދަލެއް ކަމަށާއި އޮޑިޓް އޮފީހުގެ ލަފާ ގާނޫނީ ގޮތުން ތައާރުޒުވާ ކަމަށް އެ އޮފީހުގެ ބަޔާނުގައި ބުންޏެވެ.

comment ކޮމެންޓް