ޕޭޕަރު ލީކު ނުވާނެކަމަށް ބުނި ފަހުން އިތުރު ޕޭޕަރެއް ލީކުވެއްޖެ

މަތީ ސާނަވީ ދަރިވަރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުން ފެށިގެން އޭ ލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވުމުގެ ފުރުސަތު ކުޑަވާނެ ކަމުގެ ޔަގީންކަން އެޑެކްސެލް އިން ދީފައި ވަނިކޮށް، އިތުރު ޕޭޕަރެއް ލީކުވެއްޖެ އެވެ.

ލީކުވެފައި ވަނީ މިއަދު 1:30ގައި ރާއްޖޭގައި އޮތް ކެމިސްޓްރީ ޔުނިޓް 2ގެ ޕޭޕަރެވެ. އެ ޕޭޕަރު މިހާރު އަންނަނީ އެކި ޕްލެޓްފޯމުތަކުގައި ދައުރުކުރަމުންނެވެ.

ކެމިސްޓްރީ ޕޭޕަރު ލީކުވެފައި ވާއިރު، މިއަދުން ފެށިގެން އެ މައްސަލަ ދިމާނުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އިއްޔެ އެޑެކްސެލް އިން ވަނީ ދީފަ އެވެ.

މިދިޔަ ހަފްތާގައި ހެދި ފިޒިކްސް އަދި ބަޔޮލޮޖީ ޕޭޕަރު ވަނީ ލީކުވެފަ އެވެ. އެޑިއުކޭޝަނުން ބުނީ އެ ޕޭޕަރުތައް ލީކުވެފައި ވަނީ ރާއްޖޭގެ ސެންޓަރަކުން ނޫން ކަމަށެވެ. ޕޭޕަރުތައް ލީކުވީ ބައެއް ގައުމުތަކުގައި އިމްތިހާނު ހަދާ ވަގުތާއި ރާއްޖޭގައި އިމްތިހާނު ހަދާ ވަގުތުގައި ތަފާތުތަކެއް ހުރުމުންނެވެ.

ޕޭޕަރު ލީކުވާ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ އެޑެކްސެލް އާއެކު މަޝްވަރާ ކުރަމުންނެވެ. އަދި ލީކުވި ޕޭޕަރުތައް އަލުން ހެދުމަށް އެޑިއުކޭޝަނުން ވަނީ ހުށަހަޅައިފަ އެވެ.

އެޑިއުކޭޝަނުން ބުނީ އެ މައްސަލާގައި ވަރަށް އަވަހަށް ގޮތެއް ނިމިގެންދާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ބައިނަލްއަގުވާމީ އިމްތިހާނަކަށް ވާތީ، މައްސަލައިގައި ފަހު ބަސް ބުނުމުގެ ބާރު ރާއްޖެއަށް ނޯންނާނެ އެވެ.

comment ކޮމެންޓް