މަޖިލީހުގެ މަސައްކަތް ލަސްވާތީ ދެފުށް ފެންނަ ގޮތަށް ބަދަލުދޭން ހުރަސް އެޅޭ: ސަރުކާރު

ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކޮންސެލް އަހްމަދު އަބްދުﷲ އަފީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ލަސްވާތީ، ދައުލަތުން ބަދަލު ދޭންޖެހޭ މައްސަލަތައް އިންސާފުވެރިކަމާއި، ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދަން، ހުރަސް އެޅޭ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ރައީސް އޮފީހުގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް، އަހްމަދު އަބްދުﷲ އަފީފު ވަނީ، ބަދަލު ދިނުމުގެ މައްސަލަތަކުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތު ސާފުކޮށްދެއްވައިފަ އެވެ.

އަހްމަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ، އިންސާފު ގާއިމުކޮށްދިނުމުގެ މުހިންމު ވައުދާ އެކުގައި ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ހަމައެކަނި ކޯޓުތަކަށް ގެންނަ ބަދަލުތަކުގެ ވާހަކަ ނުވަތަ ހަމައެކަނި ނުހައްގުން ޖަލަށް ލާފައި ތިބި މީހުންނަށް އިންސާފު ހޯދައިދިނުމުގެ ވާހަކަ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ތެރޭގައި އެންމެ މުހިންމު އެއް ކަމަކީ ދައުލަތުން އެކި އެކި މީހުންނާ އެކީ ވެފައިވާ އެއްބަސްވުންތައް، ގާނޫނާ ހިލާފަށް އަދި އެ އެއްބަސްވުމަކާ ހިލާފަށް ބާތިލްކޮށްފައިވާ ހާލަތުގައި އެމީސްމީހުންނަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުން ވެސް އެބަ ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މި ސަރުކާރުން އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރީ ކޯޓަށް ހުށަހެޅިފައި ހުރި އެބާވަތުގެ މައްސަލަތަކުގައި، ދައުލަތުން އެއްބަސްވުމެއް ބާތިލުކޮށްފައި އޮތީ ކަނޑައެޅިގެން އެ އެއްބަސްވުމާ ހިލާފަށް ކަން އެނގޭ މައްސަލަތަކުގައި ދައުލަތް ދިފާއު ކުރުމުގެ ބަދަލުގައި، އެކަމަށް އެއްބަސްވެ ކޯޓުގެ މަރުހަލާގެ ތެރޭގައި ދެ ފަރާތް އެއްބަސްވެވޭ ގޮތަކަށް، ދައުލަތަށް ވެސް އެންމެ ލުއި ވާނެ ގޮތަކަށް މައްސަލަތައް ނިންމުމަށް އޭނާ ވިދާޅުވި އެވެ.

އެއީ އެޓާނީ ޖެނެރަލްގެ އޮފީހުން، ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ ނިންމެވުމެއް ކަމަށާއި، އެ ނިންމެވުމާ އެއްގޮތަށް ބައެއް މައްސަލަތައް ނިމި، އޭގެ ނަތީޖާއެއްގެ ގޮތުން ދައުލަތުން ދޭންޖެހޭ އަދަދު ކުޑަ ކުރެވިފައި ހުންނާނެކަމަށް އަހްމަދު ވިދާޅުވި އެވެ.

ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރާ ފަރާތްތަކާ ވާހަކަ ދައްކައިގެން، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށްޓަކައި މި ސަރުކާރުން ކޮމިޓީއެއް އެކުލަވާލި އެވެ. ރައީސްގެ އިސްނެންގެވުމުގެ މަތިން އެ ކޮމިޓީ އެކުލަވާލެވުނު ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރަމުން އަންނަނީ ކޯޓަށް ނުގޮސް، ދެ ފަރާތުން ވާހަކަ ދައްކައިގެން އެއްބަސްވުމަކަށް އާދެވޭ ގޮތަކަށް މައްސަލަތައް ހައްލުކުރުމަށް ކަމަށް އަފީފު ފާހަގަ ކުރެއްވި އެވެ. އަހްމަދު ދާޅުވީ އެގޮތަށް މަސައްކަތް ކުރަނީ ކޯޓުގެ ތިން މަރުހަލާ ކަޑައްތު ކުރުމަކީ ގިނަ ވަގުތުތަކެއް ހޭދަވާ ކަމަކަށް ވާތީ ކަމަށެވެ.

"އެހެން ނަމަވެސް އެހާ ހިސާބުން ދެން ވެގެން ދިޔަ ގޮތަކީ، ސަރުކާރުން މިކަން ކުރަމުން މިދަނީ ކޮރަޕްޝަންގެ ތެރެއިން، ކޮރަޕްޝަންގެ އަމަލުތަކެއް އޭގެ ތެރޭގައި ހިމެނޭ ކަމަށް ވަރަށް ގިނަ ވާހަކަތަކެއް ދެކެވެމުން ދިޔަ. ހާއްސަގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ވަކިވަކި މެމްބަރުންނާއި، މުޅި މަޖިލީހުގައި ވެސް މި ވާހަކަ ދެކެވެމުން ދިޔަ. ހަމައެކަނި ވާހަކަ ދެކެވުނީކީ އެއް ވެސް ނޫން، ބައެއް މަޖިލީހުގެ ކޮމިޓީތަކުން ވެސް ނިންމަވާފައި އެބަހުރި، ކޯޓުގެ ހުކުމެއް ނެތި، ކޯޓުގެ ތިން މަރުހަލާ ނިމުމަކާ ނުލާ ބަދަލު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް. ކޮންމެއަކަސް، މިހެން މިކަން ކުރިމަތިވުމުގެ ސަބަބުން، މިއީ ސަރުކާރަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމުން. ލުއި ގޮތަކަށް ދައުލަތަށް ވެސް ބުރަ ނުވާނެ ގޮތަކަށް މި ބާވަތުގެ މައްސަލަތައް ނިންމުމަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވެގެން ދިޔަ މި މައްސަލަ،" އަހްމަދު ވިދާޅުވި އެވެ.

އަހްމަދު ވިދާޅުވީ އޭރުވެސް އަދި މިހާރު ވެސް ސަރުކާރުން ދެކޭ ގޮތަކީ، މީހަކަށް އިންސާފު ލިބެންޖެހޭނީ ކޯޓުގެ ތިން މަރުހަލާ ނިންމައިގެން ނޫން ކަމަށެވެ.

"ކޯޓަށް މީހަކު ފުރަތަމަ ދާންވެސް ޖެހެނީ ދެ ފަރާތް ދެބަސްވާ މައްސަލަތަކުގައި. ކަނޑައެޅިގެން ރައްޔިތުންނަށް ގެއްލުން ދީފަ، ކަނޑައެޅިގެން ގާނޫނާ ހިލާފުވެފަ ހުންނަ ކަމެއް ވެއްޖެއްޔާ، އަޅުގަނޑުމެން އެމީހެއް ކައިރީ ކޯޓަށް ދާށޭ ބުނުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫން އެމީހާއަށް ވެސް އަދި ދައުލަތަށް ވެސް. ސަބަބަކީ ގެއްލުން ލިބިފަ ހުންނަ މީހާއަށް ގެއްލޭ ކޮންމެ ދުވަހަކީ ގެއްލުން އިތުރުވާނެ ދުވަހެއް. އެހެންވީމަ މި މަރުހަލާތައް ނިމިގެން، ކޮންމެ ދުވަހަކު އަންނާނީ އެ ގެއްލުމުގެ ބަދަލު އިތުރުވަމުން އިތުރުވަމުން. އެހެންވީމަ އޭގަ އޮތް އެންމެ ރަނގަޅު ގޮތަކީ ގެއްލުން ލިބުނު މީހާއަށް ވެސް ދައުލަތަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ، މި ދެންނެވި އުސޫލުން އެކަންތައް ނިމިގެން ދިއުން،" އޭނާ ވިދާޅުވި އެވެ.

އަހްމަދު ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި އެއްވެސް ސަަބަބެއް ނެތި، އަދި އެއްވެސް ސަބަބެއް ނުދައްކާ، ގާނޫނާ ހިލާފަށް ވަރަށް ގިނަ އެއްބަސްވުންތައް ބާތިލްކޮށްފަ އެބަހުރި ކަމަށެވެ. އަދި އޭގެ ސަބަބުން އެތައް ބަޔަކަށް ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި އެ ގެއްލުންތަކަށް ބަދަލު ދޭނެކަމުގެ ވައުދާއެކު އައި ސަރުކާރަކީ ހަމައެކަނި މި ސަރުކާރު ކަމަށެވެ.

އަހްމަދު ވިދާޅުވީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ މީހުންނަށް ޖިނާއީ ދައުވާކުރާނެ ކަމަށާއި، އެކަމުގައި ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ހުއްޓުވެން އޮތް ގޮތަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތަކީ އޭރަކު ސަރުކާރު ހިންގަން ތިބޭ ބައެއް ނޫން. ދައުލަތަކީ އަބަދުވެސް ކޮންޓިނިއު ވެގެންދާނެ އެއްޗެއް. ބަޔަކު ދައުލަތުގެ ނަމުގައި ރައްޔިތުންނަށް ގެއްލުން ދީފަ އޮވެއްޖެ ކަމަށް ވަންޏާ، ކޮންމެ ބަޔަކު ތިއްބަސް އެ ބުރަ ނަގަން ވެސް ޖެހޭނެ. އެހެންވީމަ މިކަން ހައްލުކުރުމަށްޓަކައި އަޅުގަޑުމެން އެކަން ކޮށްފަ ތިބި މީހުންގެ އިހުމާލެއް ވާކަމަށް ވަންޏާ، އެމީހުން ޖަވާބުދާރީ ކުރުވުމަށްޓަކައި، އެމީސް މީހުންނަށް ޖިނާއީ ދައުވާއެއް އުފުލާނެ ތަނެއް އޮތް ކަމަށް ވަންޏާ އެ މަސައްކަތް ވެސް ސަރުކާރުން ކުރާނެ،" އޭނާ ވިދާޅުވި އެވެ.

އަހްމަދު ވިދާޅުވީ ގެއްލުމުގެ ބަދަލުދޭން ޖެހެނީ، ދައުލަތުން މީހަކަށް ގެއްލުން ދީފަ އޮތުމުން ކަމަށާއި، ގެއްލުން ލިބުނު މީހާއަށް އިންސާފު ހޯދައިދިނުމުގެ ވާހަކަ ދައްކަން ޖެހޭނެ ކަމަށެވެ. ނަމަވެސް އޭގެ ކުރިން އެ ގެއްލުން ދިން މީހުންގެ ވާހަކަ ދައްކަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެހެން ނަމަވެސް އެހެނެއް ނޫން ކަންތައްވެގެން މިދަނީ. އެހެންވީމަ އެގޮތަށް އެކަން ނުހިނގާތީވެ އަޅުގަނޑުމެން ސަރުކާރަށް ގެއްލުމުގެ ބަދަލު ދިނުމަށް އެންމެ އަވަސް ގޮތެއްގައި، ގެއްލުން ލިބުނު ފަރާތަށް އިންސާފު ހޯދައިދިނުމަށް ހުރަސް އެޅިގެން މި ދަނީ،"

އަހްމަދު ވިދާޅުވީ ބަދަލު ދިނުމުގެ މައްސަލަތައް އެންމެ އިންސާފުވެރި ގޮތަކަށް ކުރެވޭނީ ކަމާބެހޭ ގާނޫނެއް އޮވެގެން ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ސަރުކާރުން މަޖިލީހަށް ފޮނުވި މަދަނީ އިޖުރާއަތުގެ ބިލު އަދިވެސް މަޖިލީހުން ނިމިފައި ނުވާތީ، އިންސާފު ލިބިދިނުމަށް ހުރަސް އެޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބިލު އަދިވެސް އޮތީ މަޖިލީހުގެ ކޮމިޓީއެއްގައި އަޅުގަނޑު ހަނދާންވާ ގޮތުން ޖުޑީޝަރީ ކޮމިޓީގައި. އެހެންވީމަ މިހާ ގިނަ ދުވަސް ވެގެންދާއިރުގައި މި ބިލު ގާނޫނަކަށް ވެފައި ނުވާތީ އެއީ އަނެއްކާވެސް މިކަހަލަ ކަންތައްތައް ކުރުމަށް، އިންސާފު ލިބިދިނުމަށް ސަރުކާރަށް އޮތް ހުރަހެއްކަން އަޅުގަނޑު ފާހަގަ ކޮށްލަން،" އަހްމަދު ވިދާޅުވި އެވެ.

މަދަނީ އިޖުރާއަތުގެ ބިލަކީ، މަދަނީ މައްސަލަތަކުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ގާނޫނެއް ނެތުމުގެ ސަބަބުން، މަދަނީ އަދުލުގެ ނިޒާމުގައި އުފެދިފައި އޮތް ހުސްކަން ފޫބައްދައި، އެ ނިޒާމުގައި ހިމެނޭ އެންމެހައި ކޯޓުތަކުން އެ ކޯޓުތަކަށް ހުށަހެޅޭ ދައުވާތައް އަދުލުވެރިކަމާއި ހާމަކަމާއެކު ބެލުމަށް މަގުފަހިކޮށްދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ބިލެކެވެ.

މަދަނީ އިޖުރާއަތުގެ ބިލު މިހާރު ފަރުމާކޮށްފައިވަނީ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދާއި އުފެދިފައިވާ ޚުޞޫމާތުގެ ކުޑަބޮޑުމިނަށާއި، ހަސްމުންގެ މާލީ ހާލަތަށް ރިއާޔަތްކޮށް، އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ބެލި އެ މައްސަލަތަކާމެދު ގޮތެއް ނިންމޭނެ އުސޫލުތަކެއް ކަނޑައަޅައިދީ، ތަހުޒީބީ މުޖުތަމައުތަކުގައި ބަލައިގަނެފައިވާ ފަދަ ލުއިފަސޭހަ އަދި ހަރުދަނާ ނިޒާމުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު ބައްޓަންކުރުމަށެވެ.

ބިލުގައި ހިމަނާފައިވާ މައިގަނޑު ކަންކަން:

- ކޯޓަށް މައްސަލަ ހުށަހަޅާނެ ގޮތާއި، ދައުވާ ފޯމާއި، ޖަވާބު ފޯމާއި، ބަޔާންތަކާއި އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނެ ގޮތްތައް.

- އެކި ބާވަތުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މުއްދަތުތަކެއް ކަނޑައެޅުން.

- ހަސްމުންނާގުޅޭ އުސޫލުތައް ކަނޑައެޅުން.

- މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރުތަކާއި ޒިންމާތައް ކަނޑައެޅުން.

- ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައާ މެދު ކޯޓުން އަމަލުކުރަންޖެހޭ ގޮތް.

- މައްސަލައާގުޅޭ ލިޔުންތައް ހާމަކުރުމާއި ކިތާބީ ހެއްކާއި ޝަފަހީ ހެކި އަދި ޚަބީރުންގެ ހެކިބަސް ނެގުމާއި އެނޫން ހެކިންގެ ހެކިބަސް ނެގުމުގައި ޢަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން.

- ޝަރީއަތާ ގުޅިގެން ހިނގާ ހަރަދު ހަސްމުންގެ މެދުގައި އުފުލަންޖެހޭ ގޮތްތައް ކަނޑައެޅުން.

- ކޯޓު އަމުރަށް އެދޭނެ ގޮތާއި، ވަގުތީ އަމުރަށް އެދުމާއި ވަގުތީ އަމުރު ނެރުމުގައި ޢަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން.

- ހުކުމުގައި ފުރިހަމަވާންޖެހޭ ކަންކަމާއި، މައްސަލަ އިސްތިއުނާފުކުރުމާއި، ހާއްސަ ހާލަތްތަކުގައި މައްސަލަ މުރާޖައާކުރުމުގެ އުސޫލުތައް ބަޔާންކުރުން.

- ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ކަނޑައެޅުން

- ރާއްޖެއިން ބޭރުގެ ކޯޓުތަކުން ކުރާ ހުކުމްތައް ރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރެވޭނެ ހާލަތްތައް ކަނޑައެޅުން.

comment ކޮމެންޓް