ވެންޓިލޭޓަރުގެ އެހެން ވާހަކައެއް: "ސޮއިކުރީ ބަންޑާރަ ނައިބު ލަފާދެއްވި އެއްބަސްވުމަކު ނޫން"

ޕީޖީ ހުސައިން ޝަމީމް — ސަންފޮޓޯ/ ފަޔާޒު މޫސާ

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގްއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަތުމަށް ސޮއިކުރި އެއްބަސްވުމަކީ ބަންޑާރަނައިބު ލަފާދެއްވި އެއްބަސްވުން ނޫން ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އޯޑަަރު ކުރި 75 ވެންޓިލޭޓަރުތަކުގެ ތެރެއިން އަދި ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. އެމައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީއިން ޕީޖީއަށް ފޮނުވި ނަމަވެސް ޕީޖީއިން މައްސަލަ އަނބުރާ ފޮނުވާލީ މައްސަލައިގެ އުންސުރު ހަމަ ނުވާ ކަމަށް ބުނެ އެވެ.

މައްސަލައާ ގުޅިގެން ޕީޖީ ޝަމީމް ސޮއި ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީ ފުޅެއްގައި ވިދާޅުވީ ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައަކީ އާންމު މަސްލަހަތު ބޮޑު މައްސަލައަކަށް ވާތީ ތަހުގީގީ ނަޒަރަކުން އެ މައްސަލައާ މެދު އެ އޮފީހުން ބަލާފައިވާނެ ކަމަށެވެ.

ޕީޖީ ޝަމީމް ގެ ސިޓީގައި ވިދާޅުވެފައި ވަނީ 75 ވެންޓިލޭޓަރު ސަޕްލައި ކޮށްދިނުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހެލްތާއި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގްއާ ދެމެދު 2 އެޕްރީލް 2020 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބަންޑާރަނައިބުގެ ލަފާ މިނިސްޓްރީ އޮފް ހެލްތުން ހޯދާފައިވާ ކަމަށެވެ. އަދި އެ އޮފީހުން ބެލި ބެލުމުން ބަންޑާރަ ނައިބު ލަފާ ދެއްވި އެއްބަސްވުމުގެ ދެލިކޮޕީ އާއި ސޮއިކުރި އެއްބަސްވުމުގެ ދެލިކޮޕީގައި ތަފާތުތަކެއް ހުރިކަން ފާހަގަ ކުރެވުނު ކަމަށް ވަނީ ވިދާޅުވެފަ އެވެ.

"މި ދެލިޔުން ތަހުގީގުގައި [އޭސީސީގެ ތަހުގީގުގައި] އަޅައި ކިޔާފައި އޮތް ކަމަށް ނުފެންނާތީ އެމަސައްކަތް މި އޮފީހުން ކުރިއިރު ބަންޑާރަނައިބު ލަފާދެއްވި ދެލިކޮޕީއާއި ސޮއިކުރި ދެލިކޮޕީގައި 18 ތަފާތެއް ހުރި ކަމަށް ފާހަގަ ކުރެވުނެވެ." ޕީޖީ ޝަމީމް ސޮއި ކުރައްވައި މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެ އެވެ.

ސިޓީގައި ވިދާޅުވެފައި ވަނީ އެ ތަފާތު ތަކުގެ ތެރޭގައި ދައުލަތަށް ކަނޑައެޅިގެން ގެއްލުން ލިބޭނެ މާއްދާތަކެއް އެއްބަސްވުމުގައި ހިމަނަން ގާނޫނީ ގޮތުން މަގުބޫލު ސަބަބެއް އޮތްކަމަށް ނުފެންނަ ގޮތަށް ހުރި މާއްދާތަކެއް ހިމެނޭ ކަމަށެވެ. އެއްބަސްވުމުގައި ހުރި ބައެއް ކަން ކަމަކީ ބަންޑާރަނައިބު ލަފާދެއްވި ދެލިކޮޕީގައި ނުވެސް ނެތް ކަންކަން ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.

ވެންޓިލޭޓަރު މައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ ލަފާ ހޯއްދެވި އެއްބަސްވުމާއި ސޮއިކުރި އެއްބަސްވުން އަޅައި ކިޔުމަށް ފަހު ފާހަގަވި ކަންކަން އޭސީސީއާ ހިއްސާކޮށްފައި ވާނެ ކަމަށް ޕީޖީގެ ސިޓީގައި ވިދާޅުވެފައި ވެ އެވެ.

"އެ ބަދަލުތައް އެއްބަސްވުމަށް ގެނެވިފައިވާ ގޮތް ދިރާސާކުރައްވައި އެކަން އެގޮތަށް މެދުވެރިވެފައިވާ ސަބަބާއި އެކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވި މީހުންނާއި. އެކަން ކުރުމަށް އިރުޝާދުދިން މީހުން ހޯދުމަށްޓަކައި ތަހުގީގު ފުރިހަމަ ކުރައްވައި އެއްބަސްވުމުގައި ސޮއިކުރުމުގައި ދައުލަތަށް ކަނޑައެޅިގެން ގެއްލުން ލިބޭގޮތަށް މާއްދާތައް އިތުރުކުރެވިފައިވާ މައްސަލާގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާ ކުރެއްވުމަށް މިއޮފީހަށް ފޮނުއްވައިދެއްވުމަށް އެދިފައިވާނެ." ޕީޖީ ޝަމީމްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގްއަށް ފޮނުވި ފައިސާ ދައުރުވިގޮތް ބަލައި ތަހުގީގު ކުރެއްވުމަށް އޭސީސީގައި އެދިފައިވާނެ ކަމަށް ޝަމީމް ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހާލު ބޮޑުވާ ބަލި މީހުންނަށް ފަރުވާ ކުރުމަށް ބޭނުންވާ ވެންޓިލޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލަ މުރާޖައާ ކުރަން ޕީޖީ ވަނީ މީގެ ކުރިން ނިންމާފަ އެވެ. އެމައްސަލާގައި ތަހުގީގީ ނަޒަރަކުން ބަލާފައި ވަނީ މުރާޖާ ކުރުމުގެ ތެރެއިންނެވެ.

ވެންޓިލޭޓަރު މައްސަލައިގެ ފައިސާ ވަދެފައިވާ އެކައުންޓު އެނގޭ ކަމަށާއި، މައްސަލައިގައި ދައުވާކުރެވޭނެ ހުރިހާ އުންސުރެއް ފުރިހަމަވާ ކަމަށް އޭސީސީއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް