ނާޗަރަންގީ ޖަގަހަ ހެދުމަށް ސަރުކާރަށް ގޮވާލަން މަޖިލީހުން ފާސްކޮށްފި

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

މާލެ ސިޓީގައި "ނާޗަރަންގީ ޖަގަހަ" ނުވަތަ ހާސްކަމެއް ނެތި ޒުވާނުންނަށް މިއުޒިކާ އެކު މަޖާކޮށްލެވޭނެ މަރުކަޒު ގައިމްކުރުމަށް ސަރުކާރަށް ގޮވާލައި، ހުށައެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެ ގަރާރު މިއަދުގެ ޖަލްސާގައި އެގޮތަށް ފާސްވީ، 46 މެމްބަރުންގެ ވޯޓުންނެވެ. ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ ފަސް މެމްބަރުންނެވެ.

އެ ގާރަރަކީ، މަޖިލީހުގެ މިދިޔަ ދައުރުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފް ހުށަހެޅުއްވި ގަރާރެކެވެ.

ގަރާރުގެ ތައާރަފްގައި ބުނެފައި ވަނީ، މާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަކަށް ސަރުކާރުން ހައްލު ހޯދަމުންދާއިރު އެ ގަރާރުގެ ބޭނުމަކީ އެފަދަ މަރުކަޒެއް ގާއިމް ކުރުމަކީ ޒުވާނުންގެ މިޔުޒިކްގެ ފަންނު އިތުރަށް ތަރައްގީކުރުމާއި އެފަދަ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމުގެ މުހިންމުކަން ފާހަގަކޮށް އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރައްވަމުން ގެންދަވާ ހަސަން ލަތީފުގެ ގާރާރުގައި ބުނީ، މާލެއަށް ދިމާވެފައިވާ މައްސަލަތަކަކީ އެ މައްސަލަތަކުން އަރައިގަތުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ މައްސަލަތަކެއް ކަމަށެވެ.

އެގޮތުން މާލޭގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ ދަތިކަމާއި މަގުތަކުގެ ކާރޫބާރޫ ބޮޑުކަމާއި ވަޒީފާގެ ފުރުސަތުތައް ނެތްކަން އޭނާ ފާހަގަ ކުރެއް ވިއެވެ. ސަރުކާރުން އެކަންކަމަށް ހައްލު ހޯދަމުންދާއިރުވެސް، ހާސްކަމުގެ ތެރޭގައި މާލޭގައި އުޅެން ޖެހިފައިވާ ޒުވާނުންނަށް އެ ހާސްކަމުން މިންޖުކުރެވޭނެ މަރުކަޒެއް ބޭނުންވެފައިވާކަން ގަރާރުގައި ބުނެފައިވެ އެވެ.

"ޒުވާނުންނާއި ރައްޓެހިންނާއި އެކުވެރިންނާއެކު ހީނ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއް މިޔުޒިކް އަޑުއަހާލައި، ވަގުތު ހޭދަކޮށްލެވޭނެ މަރުކަޒަކަށް މިވަނީ އިންތިހަށް ބޭނުންވެފަ އެވެ. ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހާލަން ޒުވާނުން އެއްވެ އުޅެވޭނެ ތަނެއްގެ މުހިންމުކަން [މިވަނީ] އިތުރުވެފައި،" އެމްޑިޕީގެ ފުރަތަމަ ސަރުކާރުގެ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު ހަސަން ލަތީފުގެ ގަރާރުގައި ބުނެފައިވެ އެވެ.

https://sun.mv/148817

comment ކޮމެންޓް