ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ބަހުސަށް ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި "ނާޗަރަންގީ ޖަގަހަ" ހެދުމަށް ގޮވާލާ ގަރާރުގެ ބަހުސް ވެގެން ދިޔައީ ތަން މިނަށް ރާއްޖޭގައި މިޔުޒިކުކުޅުން ހުއްދަ ކުރުމާ ގުޅޭ ބަހުސަކަށެވެ.
މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވީ ޒުވާނުންނަށް ފަސޭހަކަމާ އެކު މިޔުޒިކް އަޑުއަހާލައި ހާސްކަމެއް ނެތި މަޖާކޮށްލައި، އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކުރުމަށެވެ.
މެމްބަރު ހުށަހެޅުއްވި ބިލުގައި ވަނީ އެފަދަ މަރުކަޒެއް ހަދާއިރު އެތަނުގައި ޒުވާނުންގެ މިޔުޒިކުގެ ފަންނު އިތުރަށް ތަރައްގީކުރުމުގެ ވަސީލަތްތަކެއް ހެދުމަށް ސަރުކާރަށް ކުރެވެން ހުރި ކަންކަން ކޮށްދިނުމަށް ގޮވާލައި ހުށަހަޅާ ގަރާރެއް ކަމަށެވެ.
މެމްބަރު ވިދާޅުވީ ޒަމާނުއްސުރެ މާލެއަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތަކަކީ އެ މައްސަލަތަކުން މުޅިން އަރައިގަތުމަށް އިންތިހާއަށް ދަތިވެފައިވާ މައްސަލަތަކެއް ކަމަށެވެ.
މާލޭގައި އޮތް ތޮއްޖެހުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، މަގުތަކުގެ ކާރޫބާރޫ ބޮޑުކަމާއި، ވަޒީފާގެ ފުރުސަތުތައް މަދުކަމާއި، ހާސްކަމެއްގެ ތެރޭގައި އުޅެންޖެހިފައިވުން ފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އައި ނަމަވެސް މާލޭގައި ހާސްކަމުގެ ތެރޭގައި އުޅެންޖެހިފައިވާ ޒުވާނުންނަށް ހާސްކަމުން އެކަހެރިވެލެވޭނެ ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށެވެ.
"ޒުވާނުންނަށް މާލޭގައި އެއްވެ އުޅެވޭނެ އެފަދަ ހާއްސަ ތަންތަނަށް އިންތިހާއަށް މި ވަނީ ބޭނުންވެފަ. ޒުވާނުންނަށް ރައްޓެހިންނާ އެކުވެރިންނާއެކު ހީނސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއްގަ މިޔުޒިކް އަޑުއަހާލާށާ ވަގުތު ހޭދަކޮށްލެވޭނެ މަރުކަޒަކަށް މި ވަނީ އިންތިހާއަށް ބޭނުންވެފަ. ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހާލަން ޒުވާނުންނަށް އެއްވެ އުޅެވޭނޭ ތަނެއްގެ މުހިންމުކަން މި ވަނީ އިތުރުވެފަ،" މެމްބަރު ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ އެ މަރުކަޒުގައި ހުންނަން ވާނީ ދިވެހި ޒުވާނުންގެ ތެރޭގައި ތިބި ކުޅަދާނަ ފަންނާނުންނާއި މިޔުޒިކްގެ ހުނަރު ދަސްކުރަން ބޭނުންވާ ޒުވާނުންނަށް މިޔުޒިކް ރެކޯޑިން ސްޓޫޑިއޯއާއި ބޭންޑް ޕްރެކްޓިސް ރޫމް ފަދަ ވަސީލަތްތައް ހިމެނޭ ގޮތަށް ކަމަށެވެ. އަދި ރަނގަޅު އަދަދެއްގެ އޯޑިއެންސަކަށް ޝޯ ދެވޭނެ އިންތިޒާމު ވެސް އެ މަރުކަޒުގައި ހަމަޖައްސަން ގޮވާލެއްވި އެވެ.
ހަސަން ލަތީފް ވިދާޅުވީ ގައުމެއްގެ ގައުމިއްޔަތު ރަމްޒުކޮށްދޭ އެންމެ މުހިންމު އެއް އުންސުރަކީ، އެ ގައުމެއްގެ ސަގާފަތް ކަމަށެވެ. އަދި ރާއްޖޭގެ ގައުމިއްޔަތުގައި ވެސް އެންމެ މުހިންމު އެއް އުންސުރަކީ ދިވެހި ލަވަޔާއި މިޔުޒިކް ކަމަށެވެ. އަދި ދިވެހިންގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަންކަން ނެތިދިއުމުގެ ބިރު ހީވެފައިވާއިރު، އަންނަ އޮތް ޖީލުތަކަށް ސަގާފަތް ފޯރުކޮށްދިނުމުގެ ޒިންމާ އޮތީ ޒުވާނުންގެ ކޮނޑުގައި ކަމަށެވެ.
"ދިވެހި ލަވަޔާއި މިޔުޒިކްގެ ޝައުގުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީ މިއަދު ކޮންމެހެންވެސް ކުރާންޖެހިފައި އޮތް ކަމެއް،" މެމްބަރު ވިދާޅުވި އެވެ.
ހަސަން ލަތީފަށް ފަހު ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މި ގަރާރަށް ފޯރިގަދަ ބަހުސެއް ކުރައްވައިފަ އެވެ. ބަހުސް ރަނގަޅަށް ފެއްޓެވުމުގެ ކުރިން އީވާ ވިދާޅުވީ މިޔުޒިކާއި ލަވަޔާއި ޅެމާއި ވާހަކަ އަދި ތަމްސީލު ފަދަ އެއްޗެއްސާ ނުލާ ގައުމެއްގެ ސަގާފަތެއް، ތަރިކައެއް އަދި ރޫހެއް ވެސް ނޯންނާނެ ކަމަށެވެ.
"ގައުމު އެކަންޏެއް ނޫން، މުޅި ދުނިޔެ އުޖާލާ ކޮށްލަން، އިންސާނާ އުޖާލާކޮށްލަން އަޅުގަނޑުމެން ގެންގުޅޭ އެއްޗަކީ މިޔުޒިކް. މިޔުޒިކަކީ ލަވަޔަކީ ޅެމަކީ އާދައިގެ ބަހުން މިހެން ބުނެލީމާ ނުފުދިގެން އަޅުގަނޑުމެން ގެންގުޅޭ އެއްޗެއް. ބޭނުމޭ އިޝްގާ ބޭނުމޭ ލޯތްބާ، މިހެން ހަމަ ބުނެލީމާ ނުފުދޭތީ ލަވަޔަކުން މި ގެނެސްދޭން ޖެހެނީ،" އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ މިޔުޒިކަކީ ދުނިޔެ އުޖާލާކުރުމުގެ އިތުރުން، ދުނިޔެ އިންގިލާބު ވެސް ކުރާ އެއްޗެއް ކަމަށެވެ، ކަންފަތުގައި މިޔުޒިކް ޖެހުމުން މީހާގެ ދުނިޔެ އެއްކޮށް ބަދަލުކޮށްލާ ކަމަށާއި 1500 ބީސީ އިން ފެށިގެން އިންސާނުން މިޔުޒިކް ބޭނުންކުރަމުން ދަނީ ދުނިޔެ ބަދަލުކުރުމަށްޓަކައި ކަމަށެވެ.
"އުމަވީ ދައުލަތުގައި، އައްބާސީ ދައުލަތުގައި އެއީ އިސްލާމީ މިޔުޒިކްގެ ރަން ޒަމާން. އެ މިޔުޒިކް ތަކުން އިސްލާމް ދީން އަދި އިސްލާމީ ދައުލަތްތައް މީހުންގެ ކަންފަތަށް އަޑު ޖެހިގެން މީހުން އިސްލާމީ ދައުލަތަށް އިތުރަށް ހިތްކިޔާ ގޮތް ވެސް ވި އޭރުގަ،" އީވާ ވިދާޅުވި އެވެ.
އީވާ ވަނީ މިޔުޒިކްގެ ބޭނުންކޮށްގެން ދުނިޔެއަށް އިންސާނުން ގެނައި އިންގިލާބީ ބަދަލުތަކުގެ މިސާލުވެސް ޖައްސަވައިފަ އެވެ. މާޓިން ލޫތާ ކިންގްގެ އައި ހޭވް އަ ޑްރީމަކީ ލަވަޔަކުން ނެގި ބައެއް ކަމާއި، އޭގެ ސަބަބުން އެމެރިކާ ބަދަލުވެގެން ދިޔަގޮތް ވިދާޅުވެއްވި އެވެ. އަދި 1960 ،1970ގެ އަހަރުތަކުގައި އެމެރިކާއާއި އިނގިރޭސިވިލާތުގައި ސަރުކާރާމެދު ޒުވާނުންގެ ހުރި ހިތްހަމަނުޖެހުންތައް ފާޅުކުރީ 'ޕަންކް ރޮކް' މިޔުޒިކުން ކަމަށް ވިދާޅުވި އެވެ. އަދި ދެކުނު އެފްރިކާގެ ނަސްލީ އިމްތިޔާޒްތަކާ ދެކޮޅަށް އަޑުގަދަކޮށް މުޅި ދުނިޔެއަށް އެ އިހުތިޖާޖުން ހޮތްވަރު ލިބިގެން ދިޔައީ ބީޓްލްސް އަދި ރޯލިންގ ސްޓޯންސް ފަދަ ބޭންޑުތަކުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން އަލީ ރަމީޒު، ނައިފަރު ދޮހޮއްކޮ، ހަމްދީ، އޮލިމްޕިއަންސް މަހްމޫދާ އަދި ޖޭމުދޮންކަމަނަ ފަދަ ދިވެހި ފަންނާނުންގެ ސަބަބުން ދިވެހިންގެ ދިރުއުޅުމަށް އައި ބަދަލުތައް ވެސް ފާހަގަކުރެއްވި އެވެ.
އެ ހުރިހާ ވާހަކައެއް ގޮސް މެމްބަރު އީވާ ގުޅުވައިލެއްވީ 2012 ވަނަ އަހަރުގެ ފެބުރުއަރީ ހަތް ވަނަ ދުވަހު އެމްޑީޕީގެ ވެރިކަން ބަދަލުވުމާއެވެ.
އެކަމަކު ދެން އައި ދުވަސް، ފެބުރުއަރީ އަށަކީ އަޅުގަނޑުމެން ހިތްވަރާއެކު ތެދުވި ދުވަސް. އެ ދުވަހު ހިތްވަރާއެކު ނިކުތީ، ޝިއުޒް
ނިކުމެ ޗިސްޗިސް ވިޔަސް، މަ ފިސްފިސްކޮށްލިޔަސް ނެތޭ ވޭވޭކަށް ބާޣީއަކަށް، ލަވައަކުން ބުނީމާ އެ ލަވައިގައި ހިފާލައިގެން އެ ހިތްވަރުގައި އަޅުގަނޑުމެން އެއް އަހަރު ވަންދެން އެ ލަވަ ޖަހައިގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މުޒާހަރާކޮށް މިއަދާ ހަމައަށް ވެސް އަޅުގަނޑުމެން އެ ލަވަ ކަންފަތުގައި ޖެހުނީމާ އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ،" އީވާ ވިދާޅުވި އެވެ.
އަދި މިދިޔަ އަހަރު ކޮވިޑް19 ޕެންޑެމިކް އާއެކު ލޮކްޑައުންގެ ތެރޭގައި އިޓަލީ އާއި ސްޕެއިންގެ ރައްޔިތުން ބެލްކަނިތަކަށް ނުކުމެ "ބެލަޗާއޯ ބެލަޗައޯ" ކިޔުމުން ހިތްވަރު ލިބުނީ އެމީހުންނަށް އެކަނި ނޫން ކަމަށާއި މުޅި ދުނިޔެއަށް ވެސް ހިތްވަރު ލިބިގެން ދިޔަ ކަމަށެވެ.
އެހެންކަމުން އެ ހިތްވަރު ދިވެހި ޒުވާނުންނަށާއި ދިވެހި މިޔުޒިކް ކުޅޭ މީހުންނަށް ހޯދައިދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި ގާނޫނު ހަދައިގެން ވިޔަސް، ގަވާއިދު ބަދަލު ކޮށްގެން ވިޔަސް، ތަންތަން އަޅައިދީގެން ވިޔަސް އެ ޖާގަ ޒުވާނުންނަށް ހޯދައިދޭން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މާލޭ މަގުމަތީގައި ބޮޑުވިއިރު އަޅުގަނޑުމެންނަށް އިވުނު ލަވަތަކުން އަޅުގަނޑުމެންގެ ދިރިއުޅުން އެ ވަރަށް އުޖާލާވިއްޔާ،
އަޅުގަނޑު ބޭނުން ހަމަ އަޅުގަނޑުގެ ދަރިފުޅަށް ވެސް ދިވެހި މޮޅު ލަވަތައް އަޑުއިވިގެން އޭނާގެ ދިރިއުޅުން ވެސް ހަމަ އުޖާލާވާން، އިތުރު ފުރިހަމަ ކަމެއް ދިވެހި ލަވަޔާ ހުރެ އޭނާގެ ދިރިއުޅުމަށް، އޭނަގެ އިޝްގީ ހަޔާތަށް ވެސް އަންނަން ބޭނުން،" މެމްބަރު ވިދާޅުވި އެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވެސް ވާހަކަ ފެއްޓެވީ ތާރީހުގައި މިޔުކިކްގެ ސަބަބުން ހިނގާފައި ހުރި ބޮޑެތި ކަންތައްތަކުންނެވެ. މެމްބަރު ވިދާޅުވީ މިޔުޒިކަކީ ވަރަށް ބާރުގަދަ އެއްޗެއް ކަމަށާއި އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޮޑު ބައެއް ކަމަށެވެ.
ނަމަވެސް މެމްބަރު ފާހަގަކުރެއްވީ ރާއްޖޭގައި ބޮޑުވެފައިވާ ކޮޕީރައިޓްގެ މައްސަލަ އެވެ. މެމްބަރު ވަނީ ރާއްޖޭގައި ކޮޕީ ރައިޓްގެ ގާނޫނު ތަންފީޒުވާންޖެހޭކަމަށް ވިދާޅުވެފަ އެވެ. ދިވެހި އާޓިސްޓުންގެ އަމިއްލަ ލަވަތައް، ބިދޭސީން ރިސޯޓުތަކުގައި ކިޔާއިރު ލަވަ އުފެއްދި ދިވެހި އާޓިސްޓަށް އޭގެން ބައި ލާރިއެއްވެސް ނުލިބޭކަން ފާހަގަކުރެއްވި އެވެ.
"އާޓިސްޓުންގެ އަގުވަޒަންކުރެވެންޖެހޭނެ. އެ މީހުންނަށް އާމްދަނީ ލިބެންޖެހޭނެ ގޮތްތަކަކަށް އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭނެ. އެ މީހުންގެ ކޮންމެ ލަވަޔަކީ އޭގެ އަގުހުރި އެއްޗެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. ދައުލަތުގެ މީޑިއާތަކުން؛ ރޭޑިއޯ މޯލްޑިވްސްއިން ވިޔަސް އަދި ޓީވީ މޯލްޑިވްސްއިން ވިޔަސް، ޕީއެސްއެމް އިން ވިޔަސް އެއިން އާޓިސްޓެއްގެ ލަވައެއް ގެނެވޭ ކަމަށް
ވަނީނަމަ، އާޓިސްޓުގެ ޖީބަށް ފައިސާ ވަންނަންޖެހޭނެ،" މެމްބަރު ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގެ އާޓިސްޓުން އެންމެ ލަވަޔަކުން، ރާއްޖޭގެ ރިސޯޓެއް ވިއްކާލައިގެން ލިބޭވަރުގެ އާމްދަނީއެއް ހޯދާއިރު ދިވެހި އާޓިސްޓުންނަށް ވެސް އެހެން ނުވާންވީ ސަބަބެއް ނެތް ކަމަށެވެ. އަދި މިޔުޒިކް އިންޑަސްޓްރީއެއް އުފެއްދުމަށް މަސައްކަތްކުރާއިރު އެއަށް ސަރުކަރުން އިންވެސްޓް ކުރަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މެމްބަރު ވިދާޅުވި އެވެ.
މެމްބަރު ދެން މައުޟޫއު ބަދަލުކޮށްލީ، މިޔުޒިކް އާ ދެކޮޅު، "އެންޓި މިޔުޒިކް އޮއެވަރެއް" އުފެެދެމުން އަންނަ ވާހަކަ އަށެވެ. ރޮލްކ މިޔުޒިކް ހަރާމް ކަަމަށް އިލްމުވެރިޔަކު ވިދާޅުވި ވާހަކައަށެވެ.
"މިއީ ދެއްކެވޭނެ ވާހަކަ އެއް ނޫން. ކިހިނެއްތޯ ރޮކް މިއުޒިކަކީ ހަރާން އެއްޗެއްގެ ގޮތުގަ އިލްމުވެރިޔަކަށް އެހެން ބުނެވެންވީކީ؟ ނޫނިއްޔާ އެނޫން ބައެއް މިއުޒިކް ވެސް ހަރާން އެއްޗެއްގެ ގޮތުގައި އެބަ ބުނޭ،" މެމްބަރު ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ އެފަދަ ވާހަކަތަކަށް ޖާގަ ދެވިގެން ނުވާނެ ކަމަށާއި، މިޔުޒީޝަނުންނާއި ފަންނާނުންނަށް ހުނަރު ތަރައްގީކޮށް، އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދޭން ޖެހޭ ކަމަށެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ރާއްޖޭގައި މިޔުޒިކް އިންޑަސްޓްރީ ކުރިއަރުވަންވީ އޭގެން މާލީ މަންފާއެއް ލިބޭގޮތަށް ކަމަށެވެ. އެހެން ބައެއް މެމްބަރުން ފާހަގަކުރެއްވީ މާލެއާ އެއްގޮތަށް އެހެން ރަށްރަށުގެ ޒުވާނުންނަށް ވެސް އެފަދަ މަރުކަޒުތަކުގެ ފަސޭހަ ލިބެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް އިއްޔެ ވާހަކަދެއްކީ އެ ގަރާރާ އެއްކޮޅަށެވެ. ނަމަވެސް މޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ އެ ގަރާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މެމްބަރު ވިދާޅުވީ މިޔުޒިކަކީ ރާއްޖޭގެ 90 އަށް ވުރެ އިލްމުވެރިން ހިލާފު އުފެދިފައިވާ މައްސަލައެއް ކަމަށެވެ. އަދި "އެމްޑީޕީން ގައުމުގައި ހުޅުޖެހިތާ ނުވަ އަހަރު ފުރުމާ" ދިމާކޮށް ހުށަހަޅާފައިވާ އެ ގަރާރަކީ ގައުމު ފަސާދަކޮށް ހަލާކުކޮށްލަން ހުށަހެޅި ގަރާރެއް ކަމަށް ވިދާޅުވި އެވެ.
"ހަމަ ޔަގީނުން ވެސް ޒުވާނުން ބޯހާސްވެއްޖެއްޔާ ހާސްކަން ފިލުވާލަންދާނެ ތަންތަން މިއަދު ވެސް މާލޭގައި މަދެއް ނުވާނެ. އަށާވީހަކަށް މިސްކިތް އެބަހުރި ކަންނޭނގެ މާލޭގައި. ބަރާބަރަށް ދަރުސްތަކާ އެއްޗެހި އެ މިސްކިތްތަކުގައި ދެމުންދަނީ.
އެހެންވެއްޖެއްޔާ ޒުވާނުންގެ އެ ހާސްކަން ފިލާނެ ކަންނޭނގެ އެ ދަރސްތަކާ އެއްޗެހި އަޑުއަހާލީމަ. ކޮންމެހެން ލަވައާއި މިޔުޒިކަކީ އިންސާނާގެ ސިކުނޑި ހަމަޖެހޭ ކަމެއް ނޫން. އެއްވެސް ފޮތެއްގައި އެއްވެސް އިލްމުވެރިއަކު ނެތް މިހާތަނަށް ފާހަގަކޮށްފައެއް ލަވައާއި މިޔުޒިކުން އިންސާނާގެ ސިކުނޑި ހަމަޖެހޭ ކަމަކަށް. މަސްތީ ދުނިޔެއެއްގައި އިންސާނާގެ ސިކުނޑި ހަމަޖެހޭ ކަމަކަށް،" މެމްބަރު ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ އެ ގަރާރު ހުށަހެޅީ ދިވެހި ޒުވާނުން މިއަދަށްވުރެ ބޮޑަށް މަގުފުރައްދައި، އެ ޒުވާނުންނަކީ ބޭކާރު ބައެއްގެ ގޮތުގައި، ދައުލަތަށް ބަރޯސާވާ ބައެއްގެ ގޮތުގައި، ހަލާކުކޮށްލަން ކަމަށެވެ. އަދި އަބަދާއި އަބަދު މަސްތީ ދުނިޔެއެއްގައި އުޅޭ ގޮތަށް ހެދުމަށް ކަމަށެވެ.
"ބިރަކާ ނުލާ ކޮން މަޖައެއް؟ ހަމަ މިއަދުވެސް މަޖާކުރަންވީ. އެއްވެސް މަނާކަމެއް ނެތް މަނާކުރާކަށެއް ޒުވާނުންނަކަށް. އެކަމަކު ވަކި ހުދޫދެއް، ހައްދެއް އޮންނަންޖެހޭނެ ކޮންމެ ކަމެއްގައި. އޭގައި ހައްދުން ބޭރުން ވަކި ތަނެއްގައި ތިބެގެން މަޖާކުރާ ކަމަށް ހަދާފައި އެ އުސޫލުން މި ކަންތައްތައް އުޅޭ ކަމަށް ވެއްޖެއްޔާ މިއަކީ ޒުވާނުން ހަލާކުކުރުން،" މެމްބަރު ވިދާޅުވި އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ މިހާރުވެސް ދިވެހިން ލަވަ އަޑުއަހާ، މިޔުޒިކް ކުޅެ އުޅޭ ކަމަށެވެ. ނަމަވެސް މި ގަރާރުން އިތުރަށް ހޯދައިދޭން އުޅެނީ ކޮން ކަމެއްތޯ މެމްބަރު ސުވާލުއުފެއްދެވި އެވެ.
"އަޅުގަނޑަކަށް ނުފެނޭ މާލޭގައި އެއްވެގެން ވާހަކަދައްކައިނުލެވޭ ތަނެއް އޮތް ކަމަކަށް. މާލޭގައި ބާ ހަދަންވީތޯ؟ މާލޭގައި ނާސިގެ ހަދަންވީތޯ؟
މިއީ ނޫންތޯ ތި ކުރައްވާ ސުވާލަކީ؟" މެމްބަރު ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވީ ދިވެހި ޒުވާނުންނަށް ބޭނުންވަނީ ބޯހިޔާވަހިކަމާއި، ވަޒީފާ އާއި އަބުރުވެރިކަމާއެކު އާއިލާއެއް ބިނާކުރުމުގެ މަގު ކަމަށެވެ. އަދި މިޔުޒީޝަނުންނަށް ވެސް ބޭނުންވަނީ އެމީހުން އުފައްދާ ލަވަޔާއި މިއުޒިކުން ފައިދާ ލިބޭނެ ގޮތް ކަމަށާއި އެ ފުރުސަތު ފަހުކޮށްދޭން ޖެހޭ ކަމަށެވެ.
ހަސަން ލަތީފުގެ ގަރާރާއެކު ހިޔާލުތަފާތުވުން އުފެދުނީ މަޖިލީހުގެ ތަޅުމުގައި އެކަންޏެއް ނޫނެވެ. މިޔުޒިކަކީ ހަރާމް އެއްޗެއްތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދައި، ރައްޔިތުންގެ މެދުގައި ވެސް އަނެއްކާ ވަނީ ބަހުސް ފެށިފަ އެވެ.