އިންޑިއާއިން ވެކްސިން ލިބުން ދަތިވެ ރާއްޖެ ވެކްސިނަށް ޖެހެނީ!

ފެބްރުއަރީ 4، 2021: ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނާއި، ޓޫރިޒަމް ދާއިރާއާއި ގުޅުން ހުރި ފަންނުވެރިންނަށް ކޮވިޑް ވެކްސިން ދޭން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އިން ދިފާއުވުމަށް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒް ފުރިހަމަ ކުރެވޭ މިންވަރަށް މިވަގުތު ރާއްޖޭގައި ވެކްސިން ނެތްކަން އެނގިއްޖެ އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޝީލްޑު ވެކްސިން ހުރީ ކިހާ އަދަދަކަށްތޯ ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ރަސްމީ ޖަވާބެއް ލިބިފައެއް ނުވެ އެވެ.

ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން "ސަން"އަށް އެނގިފައިވާގޮތުގައި މިވަގުތު މާލެ ސަރަހައްދުގައި ހުރީ ކޮވިޝީލްޑުގެ ގާތްގަނޑަކަށް 500 އެއްހާ ޑޯޒް ވެކްސިން އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެއް ދުވަހެއްގެ ތެރޭގައި ވެސް ހާހަކާ ގާތްކުރާ އަދަދަކަށް މާލޭ ސަރަހައްދުން އެކަނި މީހުންނަށް އަންނަނީ ވެކްސިން ދެމުންނެވެ. އެހެންކަމުން މިހާރު ހުރި އަދަދަކީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހިފައި ތިބި މީހުންނަށް ވެކްސިން ފުރިހަމަ ކުރެވޭ ވަރުގެ އަދަދެއް ނޫނެވެ.

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ދެ ލައްކަ ވެކްސިން ޑޯޒުން އަދި ކޮވެކްސް ފެސިލިޓީ އިން ލިބުނު 12،000 ޑޯޒުން ނެވެ.

ދެވަނަ ޑޯޒް ޖަހަން ފަށާފައިވަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ގަންނަން ކަނޑައެޅި ތިން ލައްކަ ޑޯޒްގެ ތެރެއިން ރާއްޖެ ގެނައި އެއް ލައްކަ ޑޯޒާއެކު އެވެ. އަނެއް ދެ ލައްކަ ޑޯޒްގެ ވެކްސިން ލިބިފައެއް ނުވެ އެވެ.

އެ ވެކްސިން ލިބޭނެ ތާރީހާ ގުޅޭގޮތުން ސުވާލު ކުރުމުން އެޗްޕީއޭ އިން ރަސްމީކޮށް ޖަވާބެއް ވެސް ނުދިނެވެ.

އެސްޓްރަޒެނެކާ ސިންގަޕޫރު ކުންފުންޏާއެކު ވެސް ސަރުކާރުން ވަނީ ހަތް ލައްކަ ޑޯޒްގެ ވެކްސިން ގަތުމަށް އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުުން ވެކްސިން ލިބޭނެ ތާރީހެއް ސަރުކާރުން ވެސް އަދި ރަސްމީ އެހެން އިދާރާއަކުންވެސް ހާމަކޮށްފައެއް ނުވެ އެވެ.

ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖަހައިދެމުން ގޮސްފައި ވަނީ ފުރަތަމަ ޑޯޒް ޖެހިތާ އަށް ހަފްތާ ހަމަވުމުންނެވެ. ބައެއް ހާލަތްތަކުގައި ހަތަރު ހަފްތާ ހަމަވުމުންވެސް ވެކްސިން ޖަހައިދެމުން ގޮސްފައި ވެއެވެ.

ނަމަވެސް ރޭ މާލެ ސަރަހައްދުގައި އެ ވެކްސިން ޖަހާފައިވަނީ ފެބްރުއަރީ އެކަކުން ހަތަކާ ދެމެދު ފުރަތަމަ ޑޯޒް ޖެހި މީހުންނަށް އެކަންޏެވެ. މީގެ ކުރިން ސޯޝަލް ސެންޓަރާއި އާޓް ގެލެރީ އަދި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރާއި އެއާޕޯޓުގައު ގާއިމްކޮށްފައި ހުންނަ ވެކްސިން ސެންޓަރުން ވެސް ކޮވިޝީލްޑު ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދިނެވެ. ނަމަވެސް ރޭ އެ ވެކްސިން ޖަހައިދިނީ ހަމައެކަނި ސޯޝަލް ސެންޓަރުންނެވެ.

ރާއްޖޭގައި މިވަގުތު ދެން ދެނީ ފައިޒާ ވެކްސިނާއި ސައިނޯފާމް ވެކްސިން އެވެ. ސައިނޯފާމް ވެކްްސިންގެ ދެ ލައްކަ ޑޯޒް ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާއިރު ސަރުކާރުން ބުނެފައިވަނީ ފުރަތަމަ ޑޯޒް އަށް އެއް ލައްކަ ހާއްސަ ކުރުމަށްފަހު އަނެއް އެއްލައްކަ ޑޯޒް ބޭނުންކުރާނީ ވެކްސިންގ ެދެވަނަ ޑޯޒް ދިނުމަށް ކަމަށެވެ. ސައިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދެނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރިތާ ހަތަރު ހަފްތާ ވުމުންނެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ހިސާބުތަކަށް ބަލާއިރު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 293،429 މީހުން ވަނީ ވެކްސިން ޖަހައިފައެވެ. އޭގެ ތެރެއިން 88،649 މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

comment ކޮމެންޓް