ބޭރުތޮށި ނުސާފުކޮށް ހުންނަ ބިސް ނުވިއްކަން އިލްތިމާސެއް

އޭޕްރީލް 12، 2021: ރޯދަ މަހަށް މާލޭގެ ބާޒާރުމަތި ހަލަބޮލިވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭރުތޮށި ނުސާފުކޮށް ހުންބިހާއި ނަޖިސް ހަރުލާފައި ހުންނަ ބިހާއި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެ އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ބުނެފި އެވެ.

ރާއްޖެ އަށް އެތެރެކޮށް ވިއްކާ ކުކުޅު ބިހާ ގުޅޭގޮތުން ނެރުނު އިއުުލާނެއްގައި އެމްއެފްޑީއޭ އިން ބުނީ މުއްދަތު އިތުރު ކުރުމަށް ހާއްސަ ޓްރީޓްމެންޓު ނުދީ ފިނިނުކޮށް ކުކުޅުބިސް ބަހައްޓަންވާނީ އުފެއްދި ތާރީހުން ފެށިގެން ގިނަވެގެން 28 ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި ޓްރީޓްމަންޓްއެއް ނުދީ ފިނިކޮށް ފަސް ޑިގްރީ ސެލްސިއަސް އަށްވުރެ ދަށުގައި ބަހައްޓަންވާނީ އުފެއްދި ތާރީހުން ފެށިގެން ދިގުވެގެން ތިން މަސްދުވަހުގެ މުއްދަތަކަށް ކަމަށާއި މިގޮތަށް އިމްޕޯޓްކޮށް ވިއްކާ ކުކުޅުބިސް ވިއްކުމުގެ ހުރިހާ މަރުހަލާއެއްގައި އޭގެ ފިނިހޫނުމިން ހިފެހެއްޓިފައި ހުންނަންވާނެ ކަމަށެވެ.

ބިހުގެ މުއްދަތު ހަމަވާ ތާރީހު ތިން މަހަށް ވުރެ އިތުރުވާނަމަ، މުއްދަތު އިތުރު ކުރުމަށްޓަކައި ދީފައިވާ ޓްރީޓްމަންޓް ބަޔާންކޮށް އުފެއްދި ފަރާތުން ނުވަތަ އުފެއްދި ގައުމުގެ ކޮންޕިޓެންޓް އޮތޯރިޓީގެ ލިޔުމެއް ހުށަހަޅަންވާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ރާއްޖެއަށް އިމްޕޯޓުކުރާ ބިހާއި ބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ ހެލްތު ސެޓްފިކްޓްގެ އޮރިޖިނަލް ހުށަހެޅުމުން ކަމަށާއި ހެލްތު ސެޓްފިކެޓްގައި މުދާ އުފެއްދި ގައުމު ބަޔާންކޮށްފައި ނެތްނަމަ ސެޓްފިކެޓް އޮފް އޮރިޖިން ހުށަހަޅަންވާނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެމްއެފްޑީއޭ އިން ބުނީ ރާއްޖެ އެތެރެކޮށް ވިއްކާ ބިހާއި ބިހުގެ ބާވަތްތައް ހުންނަންވާނީ އޮތޯރިޓީގެ މިންގަނޑު ތަކާއި އެއްގޮތަށް ލޭބަލް ކުރެވިފައި ކަމަށާއި ފިހާރަތަކުގައި ވިއްކަން ހުންނަންވާނީ މުއްދަތު ހަމަވާ ތާރީހު ގަންނަ ފަރާތަށް އެނގޭނެހެން ކަމަށެވެ.

comment ކޮމެންޓް