ދިވެހީން އާންމު ގޮތެއްގައި ބޭނުންކުރަމުން އަންނަ ޕެނަޑޯލާ ގުޅޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހަދަމުން އަންނަ ޓެސްޓުތަކަކާ ގުޅިގެން އެ ބޭސް ބޭނުންކުރުން މިހާރަށް ހުއްޓައިލުމަށް އެ އޮތޯރިޓީން މިއަދު އަންގައިފިއެވެ.
އެ އޮތޯރިޓީން ބުނީ ރާއްޖެ އެތެެރެކޮށް ވިއްކައި ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް ޓަކައި 'ޕޯސްޓު މާކެޓް ސާވައިލަންސް ޕްލޭން' ހަަދައި ރޭންޑަމް ސާމްޕަލް ނަގައި ބޭހުގެ ކޮލިޓީޓިވް އަދި ކުއަންޓޭޓިވް ޓެސްޓުތައް ކުރަމުން އަންނަކަމަށެވެ.
އެގޮތުން މި ބޭހުގެ ސާމްޕަލެއް މާކެޓުން ނަގައި، ޓެސްޓުކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ ބޭސް ގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަން ފާހަގަކުރެވުނު ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
މިނިސްޓްރީން ބުނީ އާންމު ގޮތެއްގައި އެ ފަދަ މައްސަލަ ދިމާވަނީ ބޭސް ރައްކާތެރިކުރުމުގައި ފުރިހަމަކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރުމުން ނުވަަތަ، ބޭސް އުފެއްދުމުގައި ސަމާލުވާންވީ ކަންކަމަށް ނުބެލުމުން ކަމަށެވެ.
އަދި މިފަދަ ބޭހެއް ބޭނުންކުރުމުން އޭގެ އަސަރު އެންމެ އެކަށީގެންވާ ގޮތަށް ނުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެހެންވެ އެ ބޭހުގައި މައްސަލައެއް ވޭތޯ އިތުރަށް ބަލައި ދިރާސާކުރަމުން އަންނަކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ތަހުގީގު ނިމެންދެން ފާމަސީތަކުން ބޭސް ނުވިއްކުމަށް ވަނީ އެދިފައެވެ. އަދި މިހާރު މި ބޭސް ރާއްޖެ އެތެރެކުރުން ވަގުތީ ގޮތުން މަނާކޮށްފައިވާކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މީގެ އިތުރުން މިވަގުތު ގުދަންކުރެވިފައިހުރި މި ބޭހުގެ ސްޓޮކް ވަކިކުރުމަށްފަހު ރައްކާކުރަންޖެހޭ ފިނިހޫނު މިނުގައި ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ ކުރިން ވެސް ދިވެހީން އާންމު ގޮތެއްގައި ބޭނުންކުރަމުން އައި ބައެއް ބޭސްތައް ބޭނުންކުރުން ހުއްޓައިލުމަށް އެ އޮތޯރިޓީން ވަނީ އަންގައިފައެވެ.