ދައުލަތުން މީގެ ކުރިން މަންދު ކޮލެޖަށް 4.69 މިލިއަން ރުފިޔާ ދީފައިވޭ

މަންދު ކޮލެޖު

ފަނަރަ މިލިއަން ރުފިޔާ ދޭން ސަރުކާރުން އެއްބަސްވި، މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން މީގެ ކުރިން 4.69 މިިލިއަން ރުފިޔާ މަންދު ކޮލެޖަށް ދީފައިވާ ކަން ހާމަވެއްޖެ އެވެ.

މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް 15 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ސަރުކާރުން އެއްބަސްވީ، އެކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް 18 މިލިއަން ރުފިޔާގެ ބަދަލު ނަގައިދިނުމަށް އެދި، ހުށަހެޅުމުން ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގަ އެވެ. އެއާއެކު ސިވިލް ކޯޓުން ހުކުމް ކުރީ އެއް މަސް ދުވަސްތެރޭ އެ ފައިސާ ދައުލަތުން އެ ކުންފުންޏަށް ދެއްކުމަށެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި މިދިޔަ ސެޕްޓެމްބަރު 20 ވަނަ ދުވަހު އެކުލަވާލާފައިވާ އެސެސްމަންޓަކުން ދައްކާ ގޮތުން، ސެޕްޓެމްބަރު 2010 އިން ފެށިގެން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް 4.69 މިލިއަން ރުފިޔާ ދީފައިވެ އެވެ. އެ ފައިސާގެ ތަފްސީލުވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އެންމެ ބޮޑުކޮށް ދީފައިވަނީ، މި ސަރުކާރު އައި ފަހުން މިދިޔަ އޮގަސްޓު މަހުގެ 29 ވަނަ ދުވަހުން ސިވިލް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ދައުލަތުން ދީފައިވާ 3.4 މިލިއަން ރުފިޔާ އެވެ. އެ ހުކުމަކީ، އެއްބަސްވެފައިވާ މުއްދަތަށް އަރަބިއްޔާ ސްކޫލް ހިންގުމަށް އެމްއީއެސް އިމާރާތުން ދޫކޮށްފައިވާ ބައިތައް ހުސްކޮށްފައި ނުވުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުރި ހުކުމަކާ ގުޅިގެން ދީފައިވާ ފައިސާ އެވެ.

ދައުލަތުން އެ ކުންފުންޏަށް ދީފައިވާ އެހެން ފައިސާތަކުގެ ތަފްސީލު:

  • ސެޕްޓެމްބަރު 1، 2010: އަރަބިއްޔާ ސްކޫލް ހިންގުން ވަގުތީ ގޮތުން އެމްއީއެސް އިމާރާތަށް ބަދަލުކުރުމަށްޓަކައި އެ އިމާރާތް މަރާމާތުކުރުމަށް ދިން ފައިސާ - 286،819 ރުފިޔާ
  • ޑިސެމްބަރު 31، 2012: އަރަބިއްޔާ ސްކޫލް ހިންގުން އެމްއީއެސް އިމާރާތުން ދޫކުރި ބައިތައް ހުސްކުރުމުން އެ ސްކޫލުން ބޭނުންކުރި ބައިތައް މަރާމާތުކުރުމަށް ދިން ފައިސާ - 264،300 ރުފިޔާ
  • މާޗު 31، 2013: އެމްއީއެސްގެ އިމާރާތުގެ ކަރަންޓާ ގުޅުންހުރި މަރާމާތުގެ މަސައްކަތުގެ ހަރަދަށް ދިން ފައިސާ - 215،000 ރުފިޔާ
  • ޖޫން 4، 2018: އެމްއީއެސް އިމާރާތުގައި ހުރި ފަރުނީޗަރުތަކެއް ގެއްލުމުން ބަދަލުގެ ގޮތުގައި ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ދިން ފައިސާ - 451،189 ރުފިޔާ

އެއްބަސްވުން ބާތިލުކޮށްފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު އެވެ. އެކަމާ ގުޅިގެން ހައި ކޯޓުން އަދި ސްޕްރީމް ކޯޓުންވެސް ނިންމާފައިވަނި އެ އެއްބަސްވުން ބާތިލު ކުރީ ގޯސްކޮށް ކަމަށެވެ. މިދިޔަ ފެބްއަރީ މަހު ސްޕްރީމް ކޯޓުން އެ ހުކުމް އިއްވި އިރު، ދޭން ޖެހޭ ބަދަލު ކަނޑަނާޅަ އެވެ. އެ ކޯޓުން ނިންމާފައިވަނީ، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށެވެެ.

އޮޑިޓް އޮފިހުން އެ ހުކުމްގެ ކުރިން ހެދި މި އެސެސްމަންޓަކީ، އެޑިއުކޭޝަން މިނިސްޓްރީން އެދިގެން، އެއްބަސްވުން ބާތިލު ކުރުމުން ދައުލަތުން ދޭން ޖެހޭ ބަދަލު ކަނޑައެޅުމަށް ހެދި އެސެސްމަންޓެކެވެ. އެ އެސެސްމަންޓުން ދައްކާ ގޮތުން ދައުލަތުން އެ ކުންފުންޏަށް އެންމެ ގިނަ ވެގެންވެސް ދޭން ޖެހޭނީ، 1.5 މިލިއަން ރުފިޔާ އެެވެ.

އެމްޑީޕީ މެމްބަރުންގެ ފާޑުކިޔުން!

އޮޑިޓް އޮފީހުގެ ލަފައާ ހިލާފަށް ދައުލަތުން ބޮޑު ބަދަލެއް ދޭން އެއްބަސްވުމުން އެކަމާ ގުޅިގެން އެމްޑީޕީ މަޖިލިސް މެމްބަރުން ދަނީ ފާޑު ކިޔަމުންނެެވެެ.

އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވި ގޮތުގައި، އެކި އެކި ބަދަލުތައް ދައުލަތުން ހޯދުމަށް މަންދު ކޮލެޖުން ހުށަހަޅާފައިވާ ކަމަށެވެ.

"ހުރިހާ ބަދަލެއް އެއްކޮލުމުން 50 މިލިއަނަށް އަރާކަމަށް ވަނީ،" އާޒިމް ވިދާޅުވި އެވެ.

މާފަންނު އިތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)ވެސް ވަނީ އެކަމާ ގުޅޭ ގޮތުން ސުވާލު އުފައްދަވާފަ އެވެ.

"ދައުލަތުން އޯޑިޓް ހެދުމަށް ކަނޑައެޅިފައިވާ އޯޑިޓަރ ޖެނެރަލްގެ އެސެސްމެންޓަށް ނުބައްލަވައި، އަދި ބަދަލުގެ މިންވަރާ މެދު ކޯޓުގެ ޙުކުމެއް ވެސް ނެތި، 15 މިލިއަން މި ދެއްވީ ކީއްވެތޯ؟،" އިންތި ސުވާލު ކުރެއްވި އެވެ.

އުނގޫފާރު ދާއިރާ މެމްބަރު އިބްރާހިމް ވަހީދު އެކަން ސިފަ ކުރެެއްވީ "ބިރުވެރި" ކަމެއްގެ ގޮތުގަ އެވެ.

ސަރުކާރުން އެ ކުންފުންޏަށް 15 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވުމުން މީގެ ކުރިންވެސް އެމްޑީޕީ މެމްބަރުން ވަނީ ފާޑުކިޔާފަ އެވެ.

މީގެ ކުރީގެ ސަރުކާރުތަކުން އެއްބަސްވުންތައް ބާތިލުކުރުމުން ބަދަލުގެ ގޮތުގައި ދައުލަތުން އެކި ކުންފުނިތަކަށް ބިލިއަނުން ފައިސާ ދައްކަން ޖެހިފައިވެ އެވެ.

comment ކޮމެންޓް