އޮޑިޓް އޮފީހުން އެދުނީ މަންދަށް 1.5 މިލިއަން ދޭން، އެކަމަކު ދެނީ 15 މިލިއަން

އިބުރާ މަންދު ކޮލެޖުން ނުކުމެވަޑައިގަންނަވަނީ -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ކުރީގެ އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖް ހިންގުމަށް ވެފައިވާ އެއްބަސްވުން، ކުރީ ސަރުކާރުން ބާތިލު ކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި އެންމެ ބޮޑުވެގެން ވެސް ދޭން ޖެހޭނީ 1.5 މިލިއަނެއްހާ ރުފިޔާ ކަމަށް އޮޑިޓް އޮފީހުން އެކަމާ ގުޅިގެން ހަދާފައިވާ އެސެސްމަންޓަކުން ދައްކައިފި އެވެ.

"ސަން"އަށް ކޮޕީ ލިބިފައިވާ އެ އެސެސްމަންޓަކީ، މިދިޔަ އޮގަސްޓު މަހު އެޑިއުކޭޝަން މިނިސްޓްރީންގެ އެދިވަޑައިގަތުމަކަށް އޮޑިޓް އޮފީހުން ތައްޔާރު ކުރި އެސެސްމަންޓެކެވެ. އެޑިއުކޭޝަން މިނިސްޓްރީން އޮޑިޓް އޮފީހުގައި އެދިފައިވަނީ، އެއްބަސްވުން ބާތިލު ކުރުމުން މަންދު ކޮލަޖަށް ދޭން ޖެހޭ ބަދަލު ކަނޑައެޅުމަށް އެސެސްމަންޓެއް ހަދައިދިނުމަށެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި މިދިޔަ ސެޕްޓެމްބަރު 20 ވަނަ ދުވަހު އެކުލަވާލާފައިވާ އެ ރިޕޯޓުގައި މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދެ އަދަދަކުން ބަދަލު ދިނުމަށް ވަނީ ރެކޮމަންޑް ކޮށްފަ އެވެ.

ފުރަތަމަ އަދަދަކީ 1.27 މިލިއަން ރުފިޔާގެ ބަދަލެއް ދިނުން ކަމަށް އެސެސްމަންޓުގައިވެ އެވެ. އެއީ، އެ އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެޓްރީގެ އަގަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 100،580 ރުފިޔާ އަދި މަންދު ކޮލެޖުން އެ އިމާރާތަށް ކޮށްފައިވާ ހަރަދުތަކުގެ އަގަށް ބަދަލުގެ ގޮތުގައި 1.18 މިލިއަން ރުފިޔާ އެވެ.

ދެވަނަ އަދަދަކީ ޖުމްލަ 1.58 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށެވެ. އެއީ އެންމެ ގިނަވެގެންވެސް އެ ކުންފުންޏަށް ދޭން ޖެހޭ ބަދަލު ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. އެއީ، އެ އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެންޓްރީގެ އަގަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 166،599 ރުފިޔާ އަދި މަންދު ކޮލެޖުން އެ އިމާރާތަށް ކޮށްފައިވާ ހަރަދުތަކުގެ އަގަށް ބަދަލުގެ ގޮތުގައި 1.41 މިލިއަން ރުފިޔާ އެވެ.

"އެ އެއްބަސްވުން އުވާލާފައި ވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައެޅިއްޖެ ހާލަތެއްގައި ވެސް އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގައި ގޮތުގައި އިތުރަށް އެންމެ ގިނަވެގެން ވެސް ދޭން ޖެހޭނީ 1.28 މިލިއަން ރުފިޔާ އާއި 1.58 މިލިއަން ރުފިޔާގެ މާލީ ބަދަލެއްކަން ފާހަގަކުރެވެ އެވެ،" އެސެސްމަންޓުގައިވެ އެވެ.

އޮޑިޓް އެސެސްމަންޓު: ގިނަ ވެގެންވެސް ދޭން ޖެހޭނީ 1.58 މިލިއަން

މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެެ އެއްބަސްވުން ބާތިލު ކުރީ ގޯސްކޮށް ކަމަށް ހައި ކޯޓާއި ސްޕްރީމް ކޯޓުން އޮތީ ނިންމާފަ އެވެ. ނަމަވެސް ބަދަލު ދޭން ޖެހޭ މިންވަރެއް ކޯޓުން ކަނޑައަޅާފައެއް ނުވެ އެވެ.

މަންދު ކޮލެޖުގެ އެއްބަސްވުން ބާތިލް ކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ފެބުރުއަރީ 28 ވަނަ ދުވަހު ހުކުމް ކުރުމާ އެކު އޭގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދުމަށް މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ސަރުކާރުން އެއްބަސްވީ، 15 މިލިއަން ރުފިޔާގެ ބަދަލެއް އެ ކުންފުންޏަށް ދިނުމަށެވެ. އެހެންވެ، ސިވިލް ކޯޓުން ހުކުމް ކުރީ އެއްމަސް ތެރޭ 15 މިލިއަން ރުފިޔާގެ މަންދު ކޮލެޖް ހިންގާ ކުންފުންޏަށް ދައްކާ ނިންމުމަށެވެ.

އެހެން ކަމުން ދަލަތުން އެ ކުންފުންޏަށް ދޭން އެއްބަސްވެފައިވާ 15 މިލިއަން ރުފިޔާގެ ބަދަލަކީ މަންދު ކޮލެޖަށް އޮޑިޓް އޮފީހުގެ އެސެސްމަންޓުން ދެއްކި އަދަދާ އަޅާ ބަލާއިރު، 13.5 މިލިއަން ރުފިޔާގެ ބޮޑު އަދަދެކެވެ.

މަންދު ކޮލެޖަށް ބޮޑު ބަދަލެއް ދޭން ސަރުކާރުން އެއްބަސްވުމުން އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އެކަމަށް ގެންދަނީ ފާޑުވެސް ކިޔަމުންނެވެ.

މަންދަށް މީގެ ކުރިން ދައުލަތުން 4.69 މިލިއަން ރުފިޔާ ދިން

މަންދުން އެންމެ ފުރަތަމަ ބަދަލަށް ހުށަހެޅި އަދަދުތަކުގެ ތަފްސީލު: ފުރަތަމަ އެދުނީ 243 މިލިއަން ރުފިޔާ. --- ސްކްރީން ޝޮޓް/ އޮޑިޓް އޮފީސް އެސެސްމަންޓު

އެސެސްމަންޓުން އެނގޭ ގޮތުގައި އެެއްބަސްވުން ބާތިލު ކުރި މައްސަލައިގައި ފުރަތަމަ މަންދު ކޮލެޖުން އެދިފައިވަނީ، 243 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ނަގައިދިނުމަށެވެ. އެ އަދަދުގެ ތެރޭގައި މީގެ ކުރިން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްތަކަކާ ގުޅިގެން ބަދަލު ނަގައި ދީފައިވާ އަދަދުތައް ހިމެނޭ ކަމަށް އޮޑިޓުގެ އެސެސްމަންޓުގައި ފާހަގަކޮށްފައިވެ އެވެ.

މަންދުން 243 މިލިއަން ރުފިޔާގެ ބަދަލަކަށް އެދުނު ނަމަވެސް އެކަންކަމާ ގުޅިގެން އިތުރު ބަދަލެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް އެސެސްމަންޓުގައި ފާހަގަކޮށްފައިވެ އެވެ. އެސެސްމަންޓުގައި އެގޮތަށް ފާހަގަ ކުރި ސަބަބަކީ އެމްއީއެސްގެ އިމާރާތުގެ މަރާމާތަށާއި މާލޭ ހައި ޕްރައިވެޓް އިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް މީގެ ކުރިންވެސް ކޮށްފައިވާ ދައުވާތަކާ ގުޅިގެން އެކުންފުޏަށް އެޑިއުކޭޝަން މިނިސްޓްރީން މިހާތަނަށް 4.69 މިލިއަން ރުފިޔާ ދީފައިވާތީ އެވެ.

comment ކޮމެންޓް