މިއަދު މަޖިލީހުގައި އެެޖެންޑާގައި އޮތީ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނަށް ގެންނަ އިސްލާހާ ގުޅޭ ގޮތުން ބަހުސް ކުރުމެވެ. ނަމަވެސް، ބަހުސް ކުރަން ލިބުނު ފުރުސަތުގައި މައުޟޫއުގެ ބޭރުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު މިއަދު ފެއްޓެވީ އެމްއެމްޕީއާރްސީގެ ވައްކަމުގެ ވާހަކަ އެވެ. އޭނާއަށް "އެމްއެމްޕީއާރްސީގެ ވަގު"ގެ ނަމުން ގޮވާތީ އެކަމުން ދިފާއުވުމަށެވެ. އެއާއެކު އެމްޑީޕީގެ އެތެރޭގެ ތަޅާފޮޅުމެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ފަޅައިގެން ދިޔަ އެވެ.
ޝަރީފު އޭނާގެ ވާހަކަ ފެއްޓެވީ "ބިއްލޫރި ގޭގޭގައި ތިބޭ މީހުން ހެދުން ބާލަން ވާނީ، ބޮކި ނިއްވާފައި" ކަމަށް ވިދާޅުވެ އެވެ. އޭނާގެ އިނގިލި މައިގަނޑު ގޮތެއްގައި އަމާޒުވީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށާއި، ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އަށެވެ.
ޑީލް ހެދިއްޔާ ހެދީ މަޖިލިސް ރައީސް: ޝަރީފު
އެމްއެމްޕީއާރްސީގެ ވައްކަމުގައި ބައިވެރިވި ކަމުގެ ތުހުމަތު ޝަރީފަށް ކުރާތީ އޭނާ މިއަދު ވިދާޅުވީ، އޭނާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެކު އެއްވެސް ޑީލެއް ނަހައްދަވާ ކަމަށެވެ. ރައީސް ނަޝީދާ ދިމާލަށް އިނގިލި ދިއްކުރައްވައި އޭނާ ވިދާޅުވީ، މަޖިލީހުގައި އޭނާ ވޯޓު ދެއްވާފައި ހުންނާނީ ރައީސް ނަޝީދު އެންގެވި ގޮތަށް ކަމަށާއި، އަދީބާއެކު ޑީލެއް ހެދިއްޔާ ހައްދަވާފައި އޮންނާނީ ރައީސް ނަޝީދު ކަމަށެވެ.
"ވަރަށް ކެރިގެން މި ދަންނަވަނީ، އަޅުގަނޑު މި މަޖިލީހުގައި ދިން ވޯޓެއްދީފައި އޮތީ މަނިކުފާނު އެންގެވި ގޮތެއްގެ މަތިން. ޑީލު ހެއްދެވީ މަނިކުފާނު،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފުގެ ތުހުމަތުން ރެކިވަޑައިގަތުމަށް ނަޝީދު ވިދާޅުވީ، ޝަރީފު އަމިއްލަފުޅަށް ކުރެއްވި ކަމެއްގެ ތެރެއަށް އެހެން މީހަކު ވައްދަވަން ނޫޅުމަށެވެ.
"މައުލޫމަތަށް ޓަކައި ދަންނަވަން އަޅުގަނޑާ މަރަދޫ ދާއިރާގެ މެމްބަރާ އެއްވެސް ބާވަތެއްގެ އެ ބާވަތުގެ މުއާމަލާތެއް އެއްވެސް އިރެއްގައެއް ހިންގަފަކާއެއް ނުވާނެ. މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަމިއްލަފުޅަށް ހިންގެވި މަސައްކަތެއްގެ ތެރޭގައި، އެހެން ބޭފުޅުން އޭގެ ތެރޭގައި ހިމެނުމަށް މަސައްކަތް ކުރެއްވުމަކީ ބުއްދިވެރި ކަމެއް ނޫން." ރައީސް ނަޝީދު ވިދާޅުވި އެވެ.
އަދީބާއެކު ޑީލް ހެދި ކަމުގެ ތުހުމަތު ކުރުމުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ، މަޖިލީހުގެ ރައީސަށް ކުރި އެ ތުހުމަތު ބަލަން ޖެހޭނެ ކަމަށެވެ. ނަޝީދު ވިދާޅުވީ، އެފަދަ ތުހުމަތެއް ކުރަންޏާ އެ ތުހުމަތެއް ބެލުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅައިގެން ވެސް ނޫނީ މަޖިލީހުގެ ކޮމިޓީއަކުން ވެސް ބެލިދާނެ ކަމަށް ވިދާޅުވި އެވެ.
ޝަރީފަށް އަނބުރާ ފުރުސަތު ދިނުމުން، އޭނާގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ވިދާޅުވީ، މިއަދު އެ ވާހަކަ ދައްކަން ޖެހުނީ ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އޭނާގެ ބޮލުގައި ތުހުމަތު އަޅުއްވާތީ ކަމަށެވެ. އަދި އެއީ ނަޝީދު އަޑީގައި ހުންނަވައިގެން ކުރައްވާ ކަމެއް ކަމަށް ދޭހަވާ ގޮތަށް އޭނާ ވާހަކަ ދެއްކެވި އެވެ.
"އަޅުގަނޑު ދެންނެވި ވާހަކައަކީ، އަޅުގަނޑެއް އަހްމަދު އަދީބަކާ އެއްކޮށް ޑީލެއް ހަދާފައެއް ނޯންނާނޭ. އަހަމްދު އަދީބު ދިން އެއްޗެއް މަޖިލީހަށް ހުށަހަޅާފައެއް ނޯންނާނޭ. އަހަމްދު އަދީބު އަތުން ފައިސާއެއް ހޯދާފައެއް ނޯންނާނޭ،" ޝަރީފު ވިދާޅުވި އެވެ.
އަމިއްލަފުޅަށް ޝަރީފު އެ ވާހަކަ ފެއްޓެވުމުން ނަޝީދު ފާހަގަކުރެއްވީ ދިވެހި ބަހުގައި އޮންނަ ހަރުބަހެކެވެ. އެއީ މިސްކިތު ހުޅުޖެހި މީހާއަށް ވީ ގޮތެވެ.
"ދިވެހި ހަރު ބަހެއް އޮވޭ. އެއީ މިސްކިތު ހުޅުޖެހި މީހާއަށް ވީ ގޮތް. އެއީ ދިވެހި ހަރު ބަހެއް،" ހިނިފުޅުވަޑުވަމުން މަޖިލިސް ރައީސް ވިދާޅުވި އެވެ.
ރައްދުގައި ޝަރީފު ވިދާޅުވީ، އޭނާ މިސްކިތު ހުޅުޖެހިމީއަށް ވަނީ ނޫން ކަމަށާއި އޭނާ ދިމާލަށް ހައްގަކާ ނުލައި އެއްޗެހި ގޮވާތީ ރައްދު ދެއްވީ ކަމަށެވެ. އެއަށް ފަހު އޭނާގެ އިނގިލި އަމާޒުވީ ދޮންބިލެތް ހަލީމަށެވެ. އޭނާއަކީ އެމްޑީޕީގެ ސަރުކާރުގައި ދެ ރަށެއް ގާނޫނާ ހިލާފަށް ނެންގެވި މީހެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑާ ދިމާލަށް މިއަދު ހެނދުނު އެމްޑީޕީގެ މެމްބަރަކު، ދޮންބިލެތް އަހުމަދު [ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް] ސީދާ ބުނި. ކުރިން ދުވަހުގައި ވެސް ގޮވި. އަދި މަޖިލިސް ފްލޯގައި ވެސް ގޮވި. ދޮންބިލަތަކީ ކާކުތޯ؟ ދޮންބިލަތަކީ މަނިކުފާނުގެ ވެރިކަމުގައި ގަވައިދާ ހިލާފަށް ދެ ރަށް ގާނޫނާ ހިލާފަށް ދެ ރަށް ދެއްވައި އެ ދެ ރަށް ނަގައިގެން.." އޭނާގެ ވާހަކަ އެ ހިސާބަށް ދިޔަ ތަނުން މައިކު ކަނޑާލި އެވެ.
ޝަރީފު ވިދާޅުވީ ދައްކަން ބޭނުންވި ނަމަވެސް، ޕާޓީގެ މަސްލަހަތަށް ޓަކައި އޭނާ ވެސް ނުދައްކަވާ ވާހަކަތައް ވަރަށް ގިނަ ކަމަށެވެ. ހައްގަކާ ނުލައި އެއްޗެހި ގޮވަންޏާ އޭނާއަށް ވެސް ވާހަކަ ދައްކަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
ދޮންބިލެއްގެ ދިފާއާއި ރައްދު
ދޮންބިލެތް ހަލީމަށް ލިބުނު ފުރުސަތުގައި ބިލަށް ބަހުސް ކުރެއްވުމުގެ ބަދަލުގައި އޭނާ ވެސް އުޅުއްވީ ތުހުމަތުން ދިފާއުވުމަށާއި، ރައްދުގައި ޝަރީފަށް ތުހުމަތު ކުރުމަށެވެ. އޭނާ ވިދާޅުވީ، 18 ވަނަ މަޖިލީހުގައި ތިބި އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ހިޔާނާތުގައި ޖެހުނު ކަމަށެވެ. އޭގެ ތެރެއިން މެމްބަރު ޝަރީފަކީ ހާއްސަކޮށް ވައްކަން ކުރެއްވި ބޭފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހާއްސަކޮށް މަރަދޫ ދާއިރާގެ މެމްބަރަކީ ވައްކަމުގައި އިންތިހާއަށް ބައިވެރިވެފައިވާ ފަރާތެއް. އެއީ މި ދައުރަކު ނޫން ހުރިހާ އިރެއްގައި ވެސް ވައްކަމުގައި އުޅުއްވާ ބޭފުޅެއް،" ދޮންބިލެތް ވިދާޅުވި އެވެ.
އޭނާގެ ވާހަކަ ހުއްޓުވައި ރައީސް ނަޝީދު ވަނީ އެހެން މެމްބަރަކާ މެދު ސީދާކޮށް އެހާ ބޮޑު ތުހުމަތެއް އަޅުވާއިރު ބަލަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. މަޖިލީހުގައި އިމްތިޔާޒުތަކެއް ލިބިގެން ވިޔަސް އެފަދަ އިބާރާތަކުން ވާހަކަ ދެއްކޭނީ އެކަން ސާބިތުވާ ހުކުމެއް އޮވެގެން ކަމަށް ވިދާޅުވި އެވެ.
އެހެން ވިދާޅުވުމުން، ހަލީމް ވިދާޅުވީ، ރޯދައަށް ހުރެ ދޮގެއް ނުހައްދަވާނެ ކަމަށެވެ. އަދި އަނެއްކާ ވެސް ޝަރީފަށް ތުހުމަތު ކުރުމައިގެން ކުރިއަށްވަޑައިގަތެވެ. އެގޮތުން 18 ވަނަ މަޖިލީހުގައި ބިލެއް ހުށަހަޅަން އޭނާ ރިޝްވަތުގެ ގޮތުގައި ވިއްސަކަށް މިލިއަން ރުފިޔާ ނެންގެވި ކަމަށް ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑު އަތުގައި އެބަ އޮތް ބަޔާނެއް ފުލުސް އޮފީހުން ނަގާފައި އޮތް މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު 15 މިލިއަން 20 މިލިއަން، ބިލެއް މިތަނަށް ހުށަހަޅަން ނަގާފައިވާ ކަމުގެ،" ހަލީމް ވިދާޅުވި އެވެ.
ޝަރީފު ރިޝްވަތު ނެންގެވި ކަމަށް ބުނާ ލިޔުން މަޖިލީހަށް ހުށަހެޅުމަށް ރައީސް ނަޝީދު އެދިވަޑައިގަތެވެ. ދޮންބިލެތް ވިދާޅުވީ، އެ ލިޔުން ހުށަހަޅުއްވާނެ ކަމަށެވެ.
ރަށެއް ނެގި ކަމަށް ބުނެ ކުރި ތުހުމަތާ ގުޅިގެން ދޮންބިލަތް ވިދާޅުވީ، ރިޒޯޓެއް ހަދާކަށް އެއްވެސް ފަޅުރަށެއް ނުނަންގަވާ ކަމަށެވެ. އަދި ދަތުރުފަތުރުގެ ނިޒާމު ހިންގަން ސަރުކާރާ އެކު އެއްބަސްވުމެއް ނަހައްދަވާ ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ސަރުކާރަކުން އަޅުގަނޑަކަށެއް ރިޒޯޓެއް ހަދާކަށް ފަޅުރަށެއް ދީފައެއް ނޯންނާނެ،"
"އަޅުގަނޑަކީ ދަތުރުފަތުރުގެ ނިޒާމު ހިންގަން ދިވެހި ސަރުކާރާ އެކު ސޮއި ކޮށްގެން އެއްވެސް ކޮންޓްރެކްޓެއް ނެގި މީހެއް ނޫން. އަޅުގަނޑަކީ ވާމިލިއަން އެ ކިޔާ ކުންފުންޏަކާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން. މަރަދޫ ދާއިރާގެ މެމްބަރު އެ ހައްދަވަނީ ކަނޑައެޅިގެން ބޮޑު ދޮގެއް،"
އެ ވާހަކައަށް ރައްދު ދެއްވަން ނިޒާމީ ނުކުތާއެއް ނަންގަވައި، ޝަރީފު ވިދާޅުވީ، މަނީ ލޯންޑަރިން ހިންގާ މީހުން އެކަން ކުރަނީ އަމިއްލަ ނަމުގައި ނޫން ކަމަށެވެ. ނަމަވެސް، ނިޒާމީ ނުކުތާ ބަލައިނުގަންނަ ކަމަށް ވިދާޅުވެ، އެ ވާހަކަ ކުރިއަށްގެންދަވަން ރައީސް ނަޝީދު، ޝަރީފަށް ފުރުސަތު ނުދެއްވި އެވެ.
ދޮންބިލެތް ތަކުރާރުކޮށް ވިދާޅުވީ، އޭނާ ވައްކަމެއް ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑަކީ ދޮންބިލަތް އަހުމަދު. އަޅުގަނޑުގެ މާސްކު ނެގީމަ ވެސް ހުންނާނީ ދޮންބިލެތް އަހުމަދު،" ދޮންބިލެތް ވިދާޅުވި އެވެ.
މިއަދު އެމްއެމްޕީއާރްސީގެ ވައްކަމުގެ ތުހުމަތު އެކަކު އަނެކަކަށް އަޅުވަމުންދިޔަ އިރު، މަޖިލިސް ރައީސް، ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ އެހެން މުއައްސަސާތަކުގެ މީހުން ވެސް ވައްކަމުގައި ބައިވެރިވެފައިވާ ކަމަށެވެ. އެ މައްސަލަ ބަލައި ދައުވާކޮށް ހުރިހާ ކަމެއް ނިމޭއިރު ބައެއް މެމްބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށާއި ބައެއް މީހުންގެ މަގާމުވެސް ގެއްލިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ވައްކަން ނުބެލޭތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އޮވެ، އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމަށް އެ އަގުލަބިއްޔަތު ބޭނުން ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. މަޖިލީހުގެ ކޮމިޓީތަކުން ވެސް އެ މައްސަލަ ވަކި ހިސާބަކުން ހުއްޓޭ ކަމީ އެއީ އޮޅުވާލެވޭނެ ކަމެއް ނޫން ކަމަށް އީވާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ދައުލަތުގެ މަގާމުތަކުގެ ތިބި މީހުންނާއި ކުރިން މަގާމުގައި ތިބި މީހުންގެ ތެރެއިން ހިޔާނާތުގައި ޖެހިފައި ތިބި މީހުންނަކީ ކޮބައިކަން ބަލައި، އެ މީހުންގެ މައްސަލަ އޮތް ހިސާބެއް ބެލުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އިދިކޮޅުގެ މެމްބަރުން މިއަދު ފާހަގަކުރެއްވީ، ވައްކަމުގެ ވާހަކަ ދައްކާ އިރު، އެ މައްސަލަ އެކަށީގެންވާ ވަރަށް ބެލުމަށް ކުރެވުނު ކަމެއް ނެތް ކަމަށެވެ.
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ކަނޑުދަތުފަތުރު ކުރުމާއި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ގޮތެއް އެނގިވަަޑައިނުގަންނަވާ ކަމަށެވެ. ސަރުކާރަށް ދެ އަހަރު ވެގެން ގޮސްފައިވާއިރު ވެސް، އެމްއެމްޕީއާރްސީގެ މައްސަލާގައި ފިޔަވަޅު އެޅިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ގޮވާލެއްވީ އެ މައްސަލަ ރަނގަޅަށް ބެލުމަށެވެ.
ވައްކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ބުނެ އެމްޑީޕީ އައި އިރު އެއްވެސް ނަތީޖާއެއް ނުނެރެވޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވި އެވެ. ތަކުރާރުކޮށް މަޖިލީހުގައިވެސް އެ ވާހަކަ ދެއްކިޔަސް އެއްވެސް ނަތީޖާއެއް ނުނުކުންނަ ކަމަށް ވިދާޅުވި އެެވެ. މަޖިލީހުގައި އެ ވާހަކަ ދައްކައި ދައްކައި ފޫހިވެއްޖެ ކަމަށް ވިދާޅުވި އެވެ.
"އެކަކު އައިސް މިވެނި މީހެއްގެ ނަން ކިޔަނީ. އަނެކަކު އައިސް މިވެނި މީހެއްގެ ނަން ކިޔަނީ. ކޮބާހޭ ކަލޭ ކުރި ކަމަކީ. މި ތަނުގައި ވެސް އެ ލެވެލްއަށް ވާހަކަ ދައްކާފައި. ރައްޔިތުންނަށް ކޮން ދޯކާއެއް ދޭކަށްތޯ މި ވާހަކަ މި ދައްކަނީ،" އާދަމް ޝަރީފު ވިދާޅުވި އެވެ.
އެ ހުރިހާ ވާހަކަތައް ދެކެވުނީ މިއަދުގެ ފުރަތަމަ ދަންފަޅީގަ އެވެ. ދެވަނަ ދަންފަޅީގައި އޮތީ މޯލްޑިވް ގޭސްގެ ކޮރަޕްޝަނާ ގުޅޭ ރިޕޯޓެއްގެ ބަހުސެވެ. އެ ބަހުސްގެ ތެރެއިން، ސަރުކާރުތަކުގެ ވައްކަމުގެ ވާހަކަތައް ފެށި، ވައްކަމުގެ އިތުރު ތުހުމަތުތަކެއް ކުރި ފަޅައިގެން ދިޔަ އެވެ.
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ، ކުރީ ސަރުކާރުގައި ނައިފަރުގެ ނަރުދަމާ ނިޒާމު ހަދަން ހަވާލު ކުރީ މެމްބަރު ޝިޔާމަށް ބައި އެޅޭ ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޝިޔާމްގެ ވާހަކަ ދައްކަވަން ޖެހުނީ ޝިޔާމް މާ ބޮޑަށް ނަޒާހަތްތެރިކަމުގެ ވާހަކަ ދައްކަވާތީ އެވެ.
"ނައިފަރުގެ ނަރުދަމާ އަޅަން ހަވާލު ކުރީ ދުވަހަކު އެކަމުގެ ތަޖުރިބާ ނެތް، ޝިޔާމަށް ބައި އެޅޭ ގޮތަށް ކުންފުންޏަކަށް،" އީސަ ވިދާޅުވި އެވެ.
ނިޒާމީ ނުކުތާއެއް ނަންގަވައި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ރޯދައަށް ހުންނަވައިގެން އެފަދަ ވާހަކައެއް ނުދައްކަވާނެކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ނަރުދަމާގެ ކަންކަން ހިނގާފައިވާ ގޮތް ނައިފަރުގެ ރައްޔިތުންނަށް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތު ތަހުގީގު ކުރަމުންދާ އެސެޓް ރިކަވަރީ ކޮމިޝަނުން އާންމު ކުރި މައުލޫމާތަށް ބަލާއިރު ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ އަދަދު މިހާތަނަށް ވަނީ 300 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ދައުލަތުގެ އެކި މަގާމުތަކުގައި މިހާރު ތިބި މީހުންނާއި ކުރިން ތިބި މީހުން ހިމެނެ އެވެ. އަދި ނުއަގުގައި ވިއްކާފައިވާ ރަށްތަކާއި ފަޅުތަކުން، ގެއްލިފައިވާ ފައިސާގެ އަދަދު 3.4 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް އެ ކޮމިޝަނުން ލަފާ ކުރެ އެވެ.