ރަޝިއާގެ އެލްޓީއެމް ފެއާގައި ރާއްޖެ އިޝްތިހާރު ކޮށްފި

ރަޝިއާގައި ރާއްޖެ އިޝްތިހާރު ކުރުން --- ފޮޓޯ: އެމްއެމްޕީއާރުސީ ވިޒިޓް މޯލްޑިވްސް

ރަޝިއާގެ މޮސްކޯގައި މިމަހުގެ 22 އިން 23 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ލަގްޒަރީ ޓްރެވަލް (އެލްޓީއެމް) ފެއާގައި ވިޒިޓް މޯލްޑިވްސް އިން ބައިވެރިވެ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކޮށްފި އެވެ.

މި ފެއާގައި ބައިވެރިވެ، ރާއްޖެ އިޝްތިހާރު ކޮށްފައިވަނީ ޑެސްޓިނޭޝަން ޕްރެޒެންސް ދަމަހައްޓާ، ރާއްޖެ އަކީ ރަޝިއާގެ ލަގްޒަރީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލަކަށް ހެދުމަށް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

މި ފެއާގައި، ރާއްޖޭގެ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓާ ގުޅޭ ގޮތުން މައުލޫމާތުދީ، މި ހާލަތުގައި ރާއްޖެ އަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ވަނީ ޕްރޮމޯޓު ކޮށްފައެވެ. އަދި ރާއްޖޭގެ ހައިއެންޑް ލަގްޒަރީ ޓޫރިޒަމް ވެސް މި ފެއާގެ ތެރެއިން ވަނީ ޕްރޮމޯޓު ކޮށްފައެވެ.

މި ފެއާގެ ޕްރެސް ރޫމްގައި ވެސް ރާއްޖޭގެ އިޝްރިހާރުތައް ހިމެނި ކަމަށާއި ފެއާގެ ތެރެއިން ޕޮރޮމޯޝަނަލް އިތުރު ހަރަކާތްތައް ކުރިއަށް ގެންދިޔަ ކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ބުނެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ރަޝިއާ މާކެޓުގއި ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ފެއާ ތަކުގައި ބައިވެރިވުމުގެ އިތުރުން ރޯޑް ޝޯތަކާއި ފޭމް ޓްރިޕްތައް ކުރިއަށް ގެންގޮސްފައިވާއިރު މިހާރުވެސް ރަޝިއާ މާކެޓަށް އަމާޒުކޮށްގެން ގްލޯބަލް ކެމްޕެއިނެއް ކުރިއަށް އެބަ ގެންދެ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ. އެގޮތުން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 78,847 ފަތުރުވެރިން އައިސްފައި ވެއެވެ.

comment ކޮމެންޓް