މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ސާމްޕަލް ކަލެކްޝަން ސެންޓަރުތަކުން ސާމްޕަލް ނަގައިގެން ހަދާ ޓެސްޓަކުގެ ނަތީޖާ ރަށްރަށަށް ދާން ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
މިމަހުގެ 16 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ ވެކްސިން އެއްކޮށް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލާ ރަށްރަށަށް ދެވޭނެ އުސޫލެއް ހަމަޖައްސައިފަ އެވެ. އެ އުސޫލުގައިވާ ގޮތުގައި ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ، ދަތުރުކުރެވޭނީ ޕީސީއާރް ނެގެޓިވް ޓެސްޓާއެކު އެވެ.
ޕްރައިވެޓް ކުލިނިކްތަކާއި ލެބްތަކުން ޕީސީއާރު ޓެސްޓް ހެދުމުގެ އަގު އުޅެނީ 700 ރުފިޔާއާ ހަމައިގަ އެވެ.
އެޗްއީއޯސީގެ ފަރާތުން ތަސްލީމާ އުސްމާން މިއަދު "ސަން" އަށް ވިދާޅުވި ގޮތުގައި އަތޮޅު ތެރެޔަށް ދަތުރުކުރާ ފަރާތްތަކަށް ފައިސާ ނުދައްކާ ޕީސީއާރު ޓެސްޓު ހެދޭނޭ އިންތިޒާމެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ސާވެއިލެންސްގެ ދަށުން ނަގާ ޓެސްޓުތަކުގެ ނަތީޖާއަށް ބަލައިގެންވެސް އަތޮޅު ތެރެއަށް ދަތުރުކުރުމަށް ހުއްދަ ދޭން މިހާރު ނިންމާފައިވާ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.
"އެ ފަރާތްތައް ދާން ޖެހޭނީ ސާމްޕްލިންގް ސެންޓަރަކަށް ޓެސްޓުކުރަން. އެތަންތަނުން ނަގާ ޓެސްޓުގެ ނަތީޖާ ބޭނުންކުރެވޭނެ. އެކަމަކަށް އަގެއް ނުނަގާނެ،" ތަސްލީމާ ވިދާޅުވި އެވެ.
އެކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހާމަކުރުމަށް އެޗްއީއޯސީއިން މިއަދު މެންދުރު 1:00 ގައި ޕްރެސްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އަތޮޅުތެރެއަށް ދަތުރުކުރާ ފަރާތްތައް ހުށަހަޅަން ޖެހެނީ 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެކެވެ. އަދި ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ދަތުރުކުރާ ރަށެއްގެ ކައުންސިލާ މައުލޫމާތު ހިއްސާ ކުރަންޖެހޭނެކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. މާލޭގައި މިވަގުތު ހުރި ސާމްޕްލިންގް ސެންޓަރުތަކުގެ ތެރޭގައި އައިޖީއެމްއެޗް، ސެނަހިޔާ އަދި މާލެހިޔާ ސަރަހައްދުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކް ހިމެނެ އެވެ.
އެޗްއީއޯސީގެ އުސޫލު ބުނާ ގޮތުން ވެކްސިން ޖަހަން ޝަރުތު ހަމަނުވާ ފަރާތްތައް ރަށްރަށަށް ދަތުރުކުރާ ނަމަވެސް ޕީސީއާރު ޓެސްޓެއްް ހުށަހަޅަން ޖެހެ އެވެ. މިއާއެކު އާންމުންގެ ބައެއް ފަރާތްތަކުން ވަނީ 700 އެއްހާ ރުފިޔާއަށް ރާއްޖޭގެ ބައެއް ހޮސްޕިޓަލްތަކާއި ކުލިނިކްތަކުން ހަދައިދޭ ޕީސީއާރު ޓެސްޓުގެ އަގު ބޮޑުކަމުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެޗްޕީއޭއިން ކޮވިޑް-19އާ ގުޅިގެން ދަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް މިދިނީ އަހަރެއްހާ ދުވަސް ފަހުންނެވެ. މި ލުއިތަކާއެކު ކުރިޔަށް އޮތް އީދު ބަންދަށް ގިނަ ބަޔަކު ދަތުރުކުރާނޭކަމަށް ލަފާކުރެވެ އެވެ.