ލޯޖެހި އަހުމަދު މަނިކުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

އަހުމަދު މަނިކު (ލޯޖެހި އަހުމަދު މަނިކު) -- ފޮޓޯ: ރައީސް އޮފީސް

ދިވެހިންގެ މަގްބޫލުކަން ހޯދި "ޑޮން ޑޮން" ބުއިން ތައާރަފުކުރި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު މަނިކު (ލޯޖެހި އަހުމަދު މަނިކު) އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ އާއިލާ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ގ. ޕާރނިސް ލޯޖެހި އަޙްމަދުމަނިކު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ އާއިލާއަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ އެ ހަބަރު އެއްސެވީ، ވަރަށްފުން ހިތާމައާ އެކުގައި ކަމަށާއި ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެން، ޢާއިލާގެ އެންމެހައި މެންބަރުންނަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

ލޯޖެހި އަހްމަދު މަނިކު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއްވުމަށް ފަހު ރޭ އިރާކޮޅު އިންޑިއާގެ ބެންގަލޫރުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.

އަހުމަދު މަނިކަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ވަރަށްކުރީ ސަފުގައި ހިމެނި ވަޑައިގެންނެވި ބޭފުޅެކެވެ.

ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާސިރު 1961 ވަނަ އަހަރު "ބީޗްވިލާ" ހިންގަވަން ފެށްޓެވި ދުވަސްވަރު، "ބީޗްވިލާ" އިން އުފައްދައި މަޝްހޫރުވެގެންދިޔަ ފިނިބުއިން "ޑޮންޑޮން" ފުޅިފުޅިއަށް އަޅައި ބަންދުކުރެއްވުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅަކީ، ލޯޖެހި އަހުމަދުމަނިކެވެ.

ވިޔަފާރީގެ ގޮތުގައި އެ މަސައްކަތް އަމިއްލަފުޅަށް ކުރައްވަން ފެއްޓެވުމުގެ އަޒުމާއެކު 1982 ވަނަ އަހަރު އަމިއްލަ ފޯމިއުލާއެއް ބޭނުންކުރައްވައިގެން، އެ ބުއިންތައް އުފައްދަވަން ފެއްޓެވިއެވެ.

"ތްރީ ޗޮއިސް"ގެ ނަމުގައި ރާއްޖެއަށް މަޝްހޫރުވި ފިނިބުއިންތައް ތައްޔާރު ކުރެއްވުމުގެ މަސައްކަތް އޭރު ފެއްޓެވީ ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި ރަޖިސްޓަރީ ކުރައްވައިގެންނެވެ.

އިގުތިސޯދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން 1997 ވަނަ އަހަރު ލޯޖެހި އަހުމަދު މަނިކަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއިން އުފެއްދުންތެރިކަން އިތުރުކުރުމުގެ ރޮނގުން 2009 ވަނަ އަހަރު ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމުވެސް ލިބިވަޑައިގެންފައެވެ.

އަހުމަދުމަނިކަކީ ވިޔަފާރީގެ ދާއިރާގެ އިތުރުން، ގަލޮޅު އަވަށުގެވެސް ވަރަށް އިސް ބޭފުޅެކެވެ. އަވަށު ފެންވަރުގައާއި ޤައުމީ ފެންވަރުގައި ކުރެވޭ ގިނަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން، ހިލޭސާބަހަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.

ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް ހިންގެވުމުގައިވެސް ލޯޖެހި އަހުމަދު މަނިކަކީ، ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

comment ކޮމެންޓް