ބޭޅިޔާ"ގެ ޝޫޓިން ކްރިތީ ނިންމާލައިފި

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ބަތަލާ ކްރިތީ ސެނަން އޭނާގެ ކުރިއަށް އޮތް ފިލްމު "ބޭޅިޔާ"ގެ ޝޫޓިން ނިންމާލައިފި އެވެ.

ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ކުޅަދާނަ އެކްޓަރުން ތެރޭ ހިމެނޭ ވަރުން ދަވަން އާއެކު ކްރިތީ މި ފިލްމުން ފެނިގެންދާއިރު ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު ކްރިތީ އިންސްޓަގްރާމަށް ހިއްސާކުރި ޕޯސްޓެއްގައި ބުނީ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އަރުނާޗަލް ޕްރަދޭޝްގެ ޒިރޯގައި ނަގަންޖެހޭ ހުރިހާ މަންޒަރުތަކެއް ނަގާ ނިންމާލައިފި ކަމަށެވެ.

ދިލްވާލޭ އިން ފެށިގެން ބޭޅިޔާ އާ ހަމައަށް އެކުގައި މަސައްކަތްކުރި ވަރުން މަތިން ވަރަށް ހަނދާން ވާނެ ކަމަށް ކްރިތީ ވަނީ ބުނެފަ އެވެ. ކްރިތީ އާ ވަރުން ވަނީ މީގެ ކުރިން "ދިލްވާލޭ"ގައި މަސައްކަތްކޮށްފަ އެވެ. ބޭޅިޔާ އަކީ ވަރުން ދެ ރޯލަކުން ފެންނަ ފިލްމެކެވެ. އެއީ ވެއާވުލްފް އެއްގެ ރޯލާ އިންސާނެއްގެ ރޯލެވެ.

ބޭޅިޔާ އަކީ ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް އަމަރު ކޯޝިކް ޑައިރެކްޓްކުރާ ބިރުވެރި ކޮމެޑީއެކެވެ. އަރްނަޗަލް ޕްރަދޭޝްގައި މި ފިލްމުގެ މަންޒަުތައް ނަގަން ފަށާފައިވާ އިރު މި ފިލްމަކީ ކައިވެންޏަށް ފަހު ވަރުން ކުޅޭ ފުރަތަމަ ފިލްމެކެވެ. މި ފިލްމަކީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ސްކްރީންކުރުމަށް ނިންމާފައިވާ ފިލްމެކެވެ.

comment ކޮމެންޓް