ސޯނޫ ސޫދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އިންޑިއާގެ ކުޅަދާނަ އެކްޓަރު ސޯނޫ ސޫދު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ސޯނޫ ކޮވިޑަށް ޕޮޒިޓިވްވިކަން ޓްވިޓާ މެދުވެރިކޮށް ހާމަކުރަމުން ބުނީ އިއްޔެ ހެނދުނު އޭނާގެ ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށާއި ޚަބަރު ލިބުމާ އެކު ވަގުތުން ކަރަންޓީނުވިން ކަމަށެވެ. ސޯނޫ ބުނީ މި ފުރުސަތު އޭނާ ބޭނުންކުރާނީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ހައްލެއް ގެނައުމަށް ކަމަށެވެ. ރައްޔިތުންނާ އެކު ސޯނޫ އަބަދު ވެސް ގާތުގައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

ދާދިފަހުން އެކްޓަރު ސޯނޫ އަށް ވަނީ އާންމުންނަށް ވާ އެހީތެރިކަން ފާހަގަކޮށް ބަލައިގަތުމުގެ ގޮތުން ޔޫއެންޑީޕީގެ ފަރާތުން އެވޯޑެއްވެސް ލިބިފަ އެވެ. އޭނާ ފާހަގަވެފައި ވަނީ ގިނަ ބަޔަކަށް އެހީވާ އެކްޓަރެއްގެ ގޮތުގަ އެވެ.

ކޮވިޑްއާ ގުޅިގެން އިންޑިއާގައި ހާލުގައި ޖެހި މަގުމަތިވި މީހުންތަކަކަށް އޭނާ ވަނީ މީގެ ކުރިން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި އާއިލާތަކާއި ދުރުގައި ތިބި އެތައް ބަޔަކު އާއިލާތައް ގާތަށް ގެންގޮސްދީފައިވެ އެވެ.

comment ކޮމެންޓް