ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފަހު ރަށްރަށަށް ދެވޭނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް 19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާތާ ދެ ހަފްތާ ވުމަށް ފަހު ރަށްރަށަށް ދަތުރު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާންމު ދިރިއުޅުމަށް ބަދަލުވުމަށް އެންމެންވެސް ކެއްމަދުވެފައި ތިބި ކަމަށެވެ. އަދި ކޮވިޑް ވެކްސިން ގެ ދެވަނަ ޑޯޒް ޖެހިތާ ދެ ހަފްތާ ވުމަށް ފަހު ރަށްރަށަށް ދަތުރު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ރައީސްގެ ޓްވީޓުގައި ވިދާޅުވި އެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް މިހާރު ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ޖަހައިފި އެވެ. އެޗްޕީއޭގެ ތަފާސް ހިސާބުން ތައްކާ ގޮތުން 28،950 މީހަކު މިހާތަނަށް ވަނީ ދެވަނަ ޑޯޒް ޖަހާފަ އެވެ.

ރާއްޖެ ލޮކްޑައުން ކުރިތާ މިއަދަށް އަހަރެއް ވެފައިވާއިރު، ލޮކްޑައުން ކުރި ފަހުން ކަރަންޓީނާ ނުލައި ރަށްރަށަށް ދެވިފައިވަނީ ހަމައެކަނި ހާއްސަ ހުއްދައިގެ ދަށުން ވަކި މުއްދަތަކަށެވެ. އެހެން ނޫން ނަމަ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހެ އެވެ.

ރަށަކުން މާލެ އައުމަށް ފަހު އެނބުރި ރަށަށް ދިޔަ ނަމަ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަން ޖެހެ އެވެ.

comment ކޮމެންޓް