މެދު ރާސްތާ ބަޖެޓުގައި ހިމަނާނެ މަޝްރޫއުތައް ފޮނުވަން އެދެފި

ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާލިއްޔަތު ގާނޫނުގެ ދަށުން، 2022 - 2024 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ފޮނުވަން އެދެފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރުއްވި ބަޖެޓު ސާކިޔުލާގައި ބުނީ 22 އިން 2024 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓަކީ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި ނޭޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭންގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ޕްރޮގްރާމް ބަޖެޓެއް ކަމަށެވެ.

ބަޖެޓު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ ގޮތުގައި ދައުލަތުގެ އޮފީސްތަކުން އަލަށް ފެށުމަށް ރާވައިފައިވާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް (ނިއު ޕޮލިސީ އިނިޝިއޭޓިވްސް) އެކުލަވާލައި ފިނޭންސް މިނިސްޓްރީ އަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ހުށަހަޅާނީ ބަޖެޓުގައި ހިމެނުމަށް ބޭނުންވާ އާ ކަންތައްތަކާއި ބަޖެޓުން އިތުރަށް ޖާގަ ބޭނުންވާތީ ހުށަހަޅާ ކަންތައް ކަމަށާއި ނިއު ޕޮލިސީ އިނިޝިއޭޓިވްސް ގެ ގޮތުގައި ހުށަހަޅާ ކަންކަން ބަޖެޓުގައި ހިމެނުމާމެދު ގޮތެއް ނިންމާނީ ފިނޭންސް މިނިސްޓްރީ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށްވެސް ސާކިޔުލާގައި ބުންޏެވެ.

ނިއު ޕޮލިސީ އިނިޝިއޭޓިވްސް ސީލިން ކަނޑައަޅާފައި ވަނީ މެދުރާސްތާގެ ބަޖެޓުގައި އާ ހަރަކާތްތަކަށާއި މަޝްރޫއުތަކަށް ޖާގަ ދެވޭނެ ޖުމުލަ މިންވަރަށް ބަލައިގެން، އޮފީސްތަކަށް ބަހާލައިގެން ކަމަށްވެސް ބުންޏެވެ.

އެ ސީލިން އަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓުގައި އެ އޮފީހަކަށް ހިމެނިފައިވާ އަދަދެއް ނޫން ކަމަށާއި ނަމަވެސް، ހުށަހަޅާ ކަންތައްތަކުގެ ތެރެއިން ބަޖެޓުގައި ހިމެނުމަށް ނިންމާ ކަންތައްތަކުގެ ބަޖެޓު، ބަޖެޓު ފައިނަލްކުރުމުގެ މަރުހަލާގައި، އޮފީސްތަކުގެ ބޭސްލައިން ބަޖެޓަށް އިތުރުކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.

ބަޖެޓު ސާކިޔުލާގައި ބުނީ ދައުލަތުގެ އޮފީސްތަކުން ނިއު ޕޮލިސީ އިނީޝިއޭޓިވްސް ހުށަހަޅާނީ (މެދުރާސްތާ 2022 އިން 2024) އަށް ކަމަށާއި ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ އެކުލަވާލުމުގައި، ދައުލަތުގެ އޮފީސްތަކުން ހުށަހަޅާ ކަންތައްތަކަކީ ސަރުކާރުން އެކުލަވާލާފައިވާ އެސްއޭޕީ އަދި އެންއާރްއާރްގައި ހިމެނޭ ކަންތައްތައް ހާސިލްވާނެގޮތަށް އެކުލަވާލާފައިވާ ކަންތައްތައްކަމުގައި ވާން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. 2022 އިން 2024 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓުގެ ނިއު ޕޮލިސީ އިނިޝިއޭޓިވްސް ހުށަހަޅާނީ އައިލްސް ޕޯޓަލް މެދުވެރިކޮށް ކަމަށް ބުނެފައި ވެއެވެ.

މެދުރާސްތާ ބަޖެޓުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސް އަދި އާމްދަނީ އިތުރުކުރުމަށް ކުރެވިދާނެ ގޮތްތައް 30 ޖޫން 2021 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ބަޖެޓު ތައްޔާރުކުރުމުގެ އެހެން މަރުހަލާތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް، ދައުލަތުގެ ބަޖެޓުން 2021 ވަނަ އަހަރު ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޕީއެސްއައިޕީ ގައި ހިމެނޭ މަޝްރޫއުތަކުގެ ތެރެއިން، އައިލްސް ޕޯޓަލްއާއި ބަނޑޭރި ޕީއެސްއައިޕީ ޕޯޓަލުގައި މައުލޫމާތު ފުރިހަމަ ނުކޮށް ހުރި މަޝްރޫއުތަކުގެ މައުލޫމާތު 15 މެއިގެ ކުރިން ފުރިހަމަ ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

ފިނޭންސްއިން ބުނީ ލޯކަލް ކައުންސިލްތަކުން އެ ސާކިއުލާއަށް އަމަލުކުރަން ނުޖެހޭނެ ކަމަށެވެ.

comment ކޮމެންޓް