މީހުން ގިނަވެ، ވެކްސިން ޖަހައިދޭ ވަގުތު އިތުރުކޮށްފި

މާޗް 1، 2021: އެއާޕޯޓް ޕާސް ހޯލްޑަރުންނަށް އަމާޒުކޮށްގެން ކޮވިޑް19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް އެމްއޭސީއެލް އިން ފަށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެކްސިން ޖަހަން ދާ މީހުންގެ އަދަދު ގިނަވެ، ސެންޓަރުތަކުން ވެކްސިން ޖަހައިދޭ ވަގުތު އިތުރުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

ރޯދަ މަހު ވެކްސިން ޖަހައިދެނީ ކޮންމެ ރެޔަކު ވެސް ރޭގަނޑު 21:00 އިން 23:00 އަށެވެ. ކޮންމެ ރެޔަކު ވެސް ވެކްސިން ސެންޓަރުތަކުގެ ބޭރުގައި ބޮޑެތި ކިޔޫތައް އޮވެ އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، މިއަދުން ފެށިގެން ވެކްސިން ޖަހައިދޭ ވަގުތު 45 އިތުުރުކުރަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ކޮންމެ ރެޔަކު ވެސް 21:00 ން 23:45 އަށް ވެކްސިން ޖެހައިދޭނެ އެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނެ ސެންޓަރުތައް:

  • ސޯޝަލް ސެންޓަރު - 21:00 ން 23:45 އަށް
  • ނެޝަނަލް އާޓް ގެލަރީ 21:00 ން 23:45 އަށް
  • ރައްޔިތުންގެ މަޖްލިސް 21:00 ން 23:45އަށް
  • ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލޭ ފްލޫ ކްލިނިކް ހުރި އިމާރާތް) 21:00 އިން 23:45އަށް
  • ވިލިމާލެ ޒުވާނުންގެ މަރުކަޒު 21:00 ން 23:45އަށް
    ސެނަހިޔާ 21:00 އިން 23:45 އަށް

ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވޭނެ ސެންޓަރުތައް:

  • ޓްރީޓޮޕް ހޮސްޕިޓަލް 21:00 އިން 23:00އަށް

ވެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތައް:

  • ވެކްސިން ކާޑް ގެންދިއުމަށް (2 ވަނަ ޑޯޒް ޖަހާ ފަރާތްތައް)
  • އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން
  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
  • ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
  • ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
  • ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން
  • ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން
comment ކޮމެންޓް