ރާއްޖޭގެ އާބާދީއަށް ވެކްސިން ދީ ނިމުމުން ވެކްސިން ޓޫރިޒަމާ ދިމާލަށް

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ މުޅި އާބާދީ އަށް ވެކްސިން ދީ ނިމުމުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ވެކްސިން ޖަހައިދިނުމުގެ ހިދުމަތާއެކު ވެކްސިން ޓޫރިޒަމް ފަށަން މަސައްކަތް ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ސީއެންބީސީ އަށް ދެއްވި އިންޓަވިއު އެއްގައި މިިނިސްޓަރު މައުސޫމް ވިދާޅުވީ ކޮވިޑު19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ލިބުނު ގެއްލުމުން އަރައިގަތުމަށް މަސައްކަތްކުރަމުންދާއިރު، ރާއްޖެ އަންނަ ޓޫރިސްޓުންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖަައްސާފައިވާ ކަމަށެވެ.

ޓޫރިޒަމް ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގެ ތެރެއިން "ތްރީ ވީ" ސްޓްރެޓަޖީގެ ދަށުން "ވިޒިޓް، ވެކްސިނޭޓް އެންޑް ވެކޭޝަން" އާ އެކު ފަތުރުވެރިންނަށް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްލުމުގެ އިތުރުން ރާއްޖެއިން ވެކްސިން ޖެހޭނެ އިންތިޒާމުވެސް ހަމަޖެހޭނެ އެވެ.

ފަތުރުވެރިން ރާއްޖެ އަންނަ އިރު 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ރެޒަލްޓެއް މިހާރު ހުށަހަޅަން ޖެހޭއިރު، މިނިސްޓަރު ވިދާޅުވީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް ލުއި ގޮތްތަކެއް ހަމަޖައްސާނެ ކަމަށެވެ. އަދި އެ އިންތިޒާމުތައް ހަމަޖައްސައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކަންތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ތްރީ ވީ" ސްޓްރެޓަޖީގެ ދަށުން ޓޫރިސްޓުންނަށް ވެކްސިން ދޭން ފަށާ ޕްރޮގްރާމާއެކު ކުރިއަށްދާނީ ރާއްޖޭގެ މުޅި އާބާދީ އަށް ވެކްސިންގެ ދެ ޑޯޒް ދީ ނިމުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިހާތަނަށް އާބާދީގެ 53 ޕަސެންޓު މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. ޓޫރިޒަމް އިންޑަސްޓްރީގެ ފްރަންޓްލައިން މަސައްކަތްތެރިންގެ 90 ޕަސެންޓަށް ވެކްސިން ދެވިފައިވާ ކަމަށްވެސް މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވެކްސިން ސަޕްލައި އަކީ މައްސަލައަކަށް ވާނެ ކަމަށް ދެކިނުލައްވާ ކަމަށެވެ. އަދި ޓޫރިސްޓުންނަށް ދޭ ވެކްސިނަށް އެމީހުން އަތުން ޗާޖު ކުރާނެ ކަމަށާއި އެއީ ވެސް މައްސަލައަކަށް ވާނެ ކަމަށް ދެކިނުލައްވާ ކަމަށް ވިދާޅުވި އެވެ.

"ރާއްޖެއިން އަމާޒުހިފާފައިވާ 1.5 މިލިއަން ޓޫރިސްޓުންނާއި 10 މިލިއަން ބެޑް ނައިޓްސްގެ އަމާޒަށް ދިޔުމަށް މިއީ މުހިއްމު ސްޓްރެޓަޖީ އެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 342،832 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ރާއްޖެ އައިސް ހިތްގައިމު މާހައުލުގައި ރައްކާތެރިކަމާއެކު ޗުއްޓީ ހޭދަކޮށްލުމާއެކު މަސައްކަތް ކޮށްލެވޭގަތަށް "ވޯކޭޝަން" އަށް އަންނަ ޓޫރިސްޓުންގެ އަދަދުވެސް ގިނަ އެވެ.

comment ކޮމެންޓް