ޔާރާއެ ލޯބިދޭށޭ... 28

"ލަވް ޔޫ!... މިހެން ކިހާ ދުވަހަކު ބުނިއްޔާ، ގަބޫލު ކުރާނީ؟..." ޒެނިލް ޖިލްވާ އޭނަގެ އަތުގެ ތެރޭގައި ރަނގަޅަށް ހައްޔަރުކޮށްލި އެވެ. "ތި ނޫން އެހެން އަންހެން ކުއްޖަކު އަހަރެންގެ ހަޔާތަކަށް ދެން ނާންނާނެ.... ނުވެސް ގެންނާނަން.... މިހާރު އަހަރެންގެ ހުރިހާ ވެސް މީހަކީ ތީ..."

ޖިލްވާ ހިމޭންވުމުން، ޒެނިލް އޭނާގެ ދެލޯ މަރައިލި އެވެ. އާރާގެ ޖުމްލަތަކުން ޒެނިލްގެ ހިތުގެ ހަމަޖެހުން ގެއްލިފައިވިޔަސް، އެކަން ނުދައްކާ ވޭތޯ، ޒެނިލްއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ނިންމި އެވެ. އެކަމަކު، އާރާ ބުނީ ތެދަކަށް ވެއްޖެނަމަ، ޖިލްވާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ ޖިލްވާ އާއި ޒެނިލްގެ ގުޅުމަށް އެކަމުން އަސަރެއް ކޮށްފާނެ ހެއްޔެވެ؟

********

"ކުއްޖަކު ޖެލަސްވީމަ ހާދަ ލޯތްބޭ..." ކުޑަ އިރުކޮޅެއްގެ ހިމޭންކަމަށްފަހު، ޒެނިލް ބުންޏެވެ.

ޒެނިލް ޖިލްވާ ކުޑަކޮށް ދުރުކޮށްލައި، ދެކޯތާފަތުގައި އަތް ޖައްސައިލި އެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމާއިއެކު، ޖިލްވާ އަވަސް އަވަހަށް އެ ނަޒަރު އެހެން ދިމާއަކަށް ހުއްޓައިލި އެވެ.

ޖެލަސް؟..." ޖިލްވާ ގަދަކަމުން ހިނިގަނޑެއް ޖަހައިލި އެވެ. "ނުވޭ ޖެލަސް އެއް..."

ހަގީގަތް ފޮރުވަން ޖިލްވާ ކުރަމުންދިޔަ މަސައްކަތް ފެނި، ޒެނިލްގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ލޯބިން ހިތް ފުރިގެން އައެވެ.

"ވަރަށް ލޯބިވޭ..." ޖިލްވާގެ ދެލޮލަށް ބަލަން ހުރެ ޒެނިލް ބުންޏެވެ.

"އަހަރެން ނުވޭ..." ޖިލްވާ އުޅުނީ ދުރަށް ދާށެވެ.

"ޖިލް!... މީ އަހަރެން ހިތުގެ އަޑިން ބުނާ ވާހަކަ އެއް..." ޒެނިލްގެ ދެލޮލުގައިވި ސަމާސާ ގޮތް ކެނޑުނެވެ. "އަހަރެން ޖިލްދެކެ މިވާ ލޯބި ދެން ބަދަލެއް ނުވާނެ..."

ޒެނިލްގެ ކޮންމެ ޖުމްލައަކުން ޖިލްވާގެ ހިތުގައި ނޭނގޭ ރިހުމެއް އުފެދެމުން ދިޔަ އެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. ޒެނިލްއަށް ކަންކަން ސިއްރު ކޮށްގެން ކުރެވެނީ ރަނގަޅު ކަމެއް ނޫނޭ ހިތް ބުނަން ފެށި އެވެ. އެކަމަކު، ހަގީގަތް ހާމަކޮށްގެން ޒެނިލްއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. ވީއިރު، ޒެނިލްގެ އުފާވެރިކަން އެ ހަގީގަތުގެ ސަބަބުން ގެއްލުވާލަންވީ ކީއްކުރަން ހެއްޔެވެ؟

"ޖިލްގެ ކައިރީ ހުރެ، އެކަމަކު، މިހާ ދުރުގަ އަހަރެން ކެތްކުރާނެ ގޮތެއް ބުނެބަލަ..." ސަމާސާ ރާގެއްގައި ބުނި ނަމަވެސް ޒެނިލް ހާމަކުރީ ހަގީގަތެވެ.

"އަހަރެން މީ އެހާ ރަނގަޅު މީހެއް ނޫން... އެހެންވެ އެންމެން އަހަރެން ދޫކޮށްފަ ދަނީ..." ޖިލްވާ އިސްޖަހައިލީ ދެލޯ ފެންކަޅިވުމުންނެވެ.

"ހޭއި ހޭއި..." ޒެނިލް ކަނބޮޑުވެގެން ޖިލްވާގެ ދަތްދޮޅީގައި ހިފައި އުފުލައިލަން އުޅުނެވެ. "ކޮންމެ ހާލެއްގަ ވެސް ޖިލް ކައިރީ އަހަރެން ހުންނާނަން... ޖިލް އަހަރެން ދޫކޮށްލާފަ ނުދާހާ ހިނދަކު، އަހަރެން ހުންނާނަން... މީ އަހަރެން ޖިލްއަށް ވާ ވައުދެއް...."

ޖިލްވާ ކުއްލިއަކަށް ޒެނިލްގެ ގައިގައި ބައްދައިލި އެވެ. ގިސްލާފައި ރޯން ފެށިގޮތުން، ޒެނިލްގެ ދެލޯ ވެސް ފެންކަޅި ވިއެވެ. ޖިލްވާ ހަމަޖައްސަން ބުނާނެ އެއްޗެއް ނޭނގުނު ނަމަވެސް، ބުރަކަށީގައި މަޑުމަޑުން ޖަހާލަޖަހާލާ ޒެނިލް ހުއްޓެވެ.

********

ގޭތެރެއަށް ވަދެގެން ދިޔަ ކެވިންގެ ދެލޮލުން ފެންނަމުން ދިޔައީ ތަފާތު ޝުއޫރެކެވެ. އެހެން ދުވަސް ދުވަހު، އެ މޫނުން ފެންނަމުންދިޔަ އުފާވެރިކަން މިއަދު އެމޫނުން ނުފެނެއެވެ.

"ފެން ތައްޓެއް ގެންނަންތޯ؟..." ގޭގައި ގެންގުޅޭ އަންހެނަކު ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކެވިންގެ ކުރިމަތީގައި ހުއްޓުނެވެ.

ކެވިން އެއްޗެއް ނުބުނެ ގޮސް ސޯފާއަށް ވެއްޓިގަތެވެ.

"ކާން ތައްޔާރު ކުރަންވީތޯ؟..." ޖެހިލުންވެފައި ހުރެ އަންހެންމީހާ ސުވާލު ކުރިއެވެ.

"އެންމެން ގެއަށް ދޭ..." ކެވިން އަމުރު ކުރިއެވެ. "އަހަރެން ބުނީމަ ނޫނީ ދެން އެކަކުވެސް މަސައްކަތަށް ނުކުމެގެން ނުވާނެ..."

އެންމެން ނުކުތުމުން، ކެވިން ގޮސް ވަނީ އޭނާގެ ކޮޓަރި އަށެވެ. ތަނަވަސް ބޮޑު ކޮޓަރި ތެރެއިން ފެންނަމުން ދިޔައީ ހުސްކަމާއި ފަޅު ކަމެވެ. އެއްވެސް ދިރުމެއް ނެތް ފަދަ އެވެ. ކޮޓަރީގެ އެއް ކަނުގައި ބަހައްޓާފައިވާ މޭޒުމަތީގައި ފޮޓޯ ފްރޭމެއް އިނެވެ. އޭގައި އިނީ އަންހެނެއްގެ ތަސްވީރެކެވެ. ކޮޓަރީގެ އެއް ބިތް އެއްކޮށް ފުރާލާފައި ވަނީ ތުއްތު ކުއްޖެއްގެ ތަސްވީރަކުންނެވެ. ރީތި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން އިން އެ ކުއްޖާއަށް ބަލަން ކެވިން ހުރީ ފެންކަޅިވެފަ އެވެ.

"ދަރިފުޅާ!..." ކެވިންގެ ދެ ތުންފަތް ފޫދުއްވާލާފައި ނުކުތީ އެންމެ ލަފުޒެކެވެ.

ދެކަކޫ މައްޗަށް ތިރިވިއިރު، ކެވިންގެ މަޑު ގިސްލުމުގެ އަޑު ކޮޓަރި ތެރޭގައި ހަރުލައިފި އެވެ.

********

ޔޫން ގޮވައިގެން ޖިލްވާ ގިނަވަގުތު އުޅުނީ ބޭރުގަ އެވެ. އެހުރިހާ އިރު، ޖުއާން ވެސް އުޅުނެވެ. ޖިލްވާ ކޮޓަރިއަށް ވަނީ ޔޫން ނިދި އައިސްގެން ރޯން ފެށުމުންނެވެ. ޔޫން ނިދުމުން، މަޑުމަޑުން އެނދުން ތެދުވެ ފާޚާނާ އާއި ދިމާއަށް ޖިލްވާ ހިނގައިގަތެވެ.

ދޮރާއި ހަމައިން ޖިލްވާ ސިހޭގޮތްވީ، ފާހާނާގެ ދޮރު ހުޅުވުނު ތަން ފެނިފަ އެވެ. ޒެނިލް ފެންވަރައިގެން ނުކުތީ، އުނަގަނޑުގައި ތުވާލި އައްސާލައިގެންނެވެ. ޖިލްވާގެ ނަޒަރު ޒެނިލްގެ ތަނަވަސް މެޔަށް ހުއްޓުނެވެ. ފެންތިކިތައް އެ ތަނަވަސް މެއިން ތިރިއަށް ދަތުރުކޮށްފައި ގޮސް ތުވާއްޔާއި ހަމައިން ހިނދިގެން ދެއެވެ. ކަސްރަތީ އެ ހަށިގަނޑު އެހާ ކައިރިން ފެނުމުން، ޖިލްވާގެ ހިތަށް ގޮތެއް ވެލައިގެން ދިޔަ އެވެ.

"ހާދަ ވަރަކަށް ތި ބަލަނީ؟... ތިއުޅެނީ އަހަރެން ލަދުގަންނުވަންތަ؟..." ޒެނިލް އަހައިލީ ލާނެތް ރާގަކަށެވެ.

ޖިލްވާ ގަތް ލަދުން އަވަހަށް ފާޚާނާއަށް ވަންނަން އުޅުނެވެ.

"މީ ހަމައެކަނި ޖިލްގެ ހައްގެއް... ބޭނުން ވަރަކަށް ބެލޭނެ..." ޖިލްވާ އިތުރަށް ލަދުގަންނުވައިލުމުގެ ގޮތުން ޒެނިލް ބުންޏެވެ.

ޖިލްވާ ދެލޯ އަޅައިލި އެވެ. ފާޚާނާއަށް ވަންނަން ދިޔަ ބާރުމިނުގައި ޖިލްވާ ނުކުތެވެ. ޒެނިލްގެ ގައިގައި ހިފައިގަތެވެ. މޭގައި މޫނު ފޮރުވައިލިއިރު، ޖިލްވާ ބިރުން ތުރުތުރު އަޅައެވެ.

ޒެނިލްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އެހެން އެކަން ވާނެކަން އޭނައަށް ކުރިން އެނގޭ ކަހަލަ އެވެ.

"ކުރަތްޕެއް..." ފާޚާނާއަށް އަތް ދިއްކޮށްލަމުން ޖިލްވާ ބުންޏެވެ.

"ކުޑަކުޑަ ސޫތްޕެއް ދެކެ ބިރުން ތިއުޅެނީ...." ޒެނިލް ހީލި އެވެ.

ކުރެވުނު ކަންތައް އިހުސާސްވުމުން ޖިލްވާ ކުއްލިއަކަށް ޒެނިލް އާއި ދުރަށް ޖެހިލި އެވެ. އޭރު ޒެނިލްގެ ގައިން ދުވި މީރުވަސް އޭނަގެ ނޭފަތުގައި ހަރުލައިފި އެވެ.

(ނުނިމޭ)

comment ކޮމެންޓް