ވޭމަންޑޫގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

ވޭމަންޑޫ --- ފޮޓޯ: އަރުޝަދު

ކޮވިޑް19ގެ ކޭސްތަކަކާ ގުޅިގެން މޮނިޓަރިންގް އަށް ލާފައިވާ ތ. ވޭމަންޑޫގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ވޭމަންޑޫއަށް އަރައިފޭބުން މަނާކުރީ، އެރަށުން މާލެ ގެނައި ބަލިި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އެރަށުން ފުރަތަމަ ޕޮޒިޓިވްވީ ޒުވާން އުމުރުގެ ފިރިހެން ކުއްޖެކެވެ. އެކުއްޖާ މާލެ ގެނައީ ބަލި ރަނގަޅުނުވެ ދޮޅު މަހެއްހާ ދުވަސް ވެގެންނެވެ. އޭނާ މާލެ ގެނެސް ހެދި ދެ ޓެސްޓު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެކުއްޖާގެ އިތުރުން އެރަށުން މާލެ ފުރުވާލި އުމުރުން ދުވަސްވީ އަންހެނަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ކަންކަން ކުރިއަށް ދާއިރު، ކޮވިޑް19 އިން ރައްކާތެރިވެ ތިބުމަށް ރަށު ފެންވަރުގައި އިތުރު ފިޔަވަޅުތަކެއް އަޅަން، ކައުންސިލްގެ ކުއްލި ޖަލްސާ އަކުން ވަނީ ނިންމައިފަ އެވެ.

އެގޮތުން ވޭމަންޑޫގެ ހުޅަނގު ފަރާތު ފާލަމުން އަރާފޭބުން މަނާކޮށް، ރަސްމީ ބޯޅަ ދަނޑުގައި އެއްވެސް ކަހަލަ ކުޅިވަރުގެ ހަރަކާތެއް ނުހިންގުމަށާއި ބޯޅަ ދަނޑަށް މީހުން އެއްވެ ނޫޅުމަށް ވަނީ އަންގައިފަ އެވެ.

ހަމައެއާ އެކު އިޖުތިމާއީ އެކިއެކި ހަރަކާތް ހިންގާ ތަންތަނާއި، އަދި ކުޅިވަރު ކުޅެން ހެދިފައިވާ އެކި ބިންތަކުގައި އެއްވެސް ކުޅިވަރުގެ ހަރަކާތެއް ހިންގުމަށާއި އިޖުތިމާއީ ސަރަހައްދުތަކުގައި ހަދާފައި ހުރި އަށިގަނޑުތަކާއި، ޖޯލިފަދަ ތަންތަނުގައި އިށީދެ، އޮށޯވެ ތިބުމަކީ މަނާކަމެއް ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

ރޭގަނޑު 10:00 ގެ ފަހުން ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފަ އެވެ. އަދި ރަށުގެ ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓުތަކުން ޓޭކްއަވޭ ހިދުމަތަށް ތައާރަފްކޮށް، ތަނުގެ އެތެރޭގައި ހިދުމަތް ނުދިނުމަށް ވަނީ އަންގައިފަ އެވެ.

ގެއިން ބޭރަށް ނުކުންނަ އިރު މާސްކް އެޅުމަށާއި، މާސްކު ނާޅައި ނުކުންނަ ފަރާތްތައް ވަގުތުން ޖޫރިމަނާ ކުރާނެކަން ވެސް ވަނީ އަންގައިފަ އެވެ.

އާމްދަނީ ހޯދުން ފިޔަވައި މަސްވެރިކަމުގައި ރަށުން ބޭރުނުވެވޭނެ ކަމަށާއި މަސް ދޯނިތައް ވެސް ވޭމަންޑޫ ފިޔަަވައި އެހެން އެއްވެސް ރަށަކަށް އަރައިފޭބުން ވެސް ވަނީ މަނާކޮށްފަ އެވެ.

ވޭމަންޑޫއަށް ކޮވިޑް ދިޔަ ގޮތެއް ނޭނގޭ ކަމަށް ކައުންސިލުން ބުނެ އެވެ. އެރަށަކީ ތ. އަތޮޅުގެ ވެރިކަން ކުރާ ރަށްކަމުން ގިނަ ބަޔަކު ކޮންމެ ދުވަހަކު ގޮސް ހަދާ ރަށަކަށް ވުމާ އެކު މޮނީޓަރިން އަށް ރަށް ލުމުން އަތޮޅުގެ ރަށްރަށަށް ދަތިވާނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

ކޮވިޑް19 އާ ގުޅިގެން މިވަގުތު 10 ރަށެއް އޮތީ ބަންދުކޮށްފަ އެވެ.

comment ކޮމެންޓް