ތ. ވޭމަންޑޫގައި ފުލުހުން މީހަކަށް އަނިޔާކުރިކަމަށް ބުނާ މައްސަލައެއް ބަލަންފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ، އެ ރަށުގައި ފުލުހުން މީހަކަށް އަނިޔާކުރިކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާކަމަށެވެ. އަދި އެ ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ މި ވީޑިއޯގައި ފެންނަނީ މީހަކު ހައްޔަރުކުރަން އުޅުމުގެ ތެރެއިން ފުލުހުން އޭނާއަށް އަނިޔާކުރިކަމަށް ބުނެ ބަޔަކު އެރަށު ޕޮލިސް ސްޓޭޝަނަށް އެއްވެ އަޑުގަދަކުރާ މަންޒަރެވެ.
ފުލުހުން މީހުން ހައްޔަރުކުރުމުގެ ތެރެއިން އަނިޔާކުރުމުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. އަދި މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ތަހުގީގު ކުރެއެވެ.