ރަމަޟާން މަހު ހިންގާ އާކް އެއިޑް ޕްރޮގްރާމަށް ބީއެމްއެލްއިން 100،000 ރުފިޔާ ހަދިޔާކޮށްފި

އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް މި ރަމަޟާން މަހު އެހީތެރިވުމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)އަށް ބީއެމްއެލް އިން އެއްލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

ބީއެމްއެލް އިން އެ ފައިސާ ހަދިޔާކޮށްފައި ވަނީ އާކްއިން ހިންގާ އާކް އެއިޑް ޕްރޮގްރާމަށެވެ.

އާކް އެއިޑް ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް އަންނަނީ އަސާސީ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.

މިފަހަރު ބޭންކުން ހަދިޔާކުރި ފައިސާއިން މާލޭ ސިޓީގައި ދިރިއުޅޭ 70 އާއިލާއެއްގެ 150 ކުދިންނަށް ކާބޯތަކެތީގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރު ވެސް ބޭންކުން ވަނީ ކޮވިޑް-19ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 200،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.

އެ އެހީގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ދިރިއުޅޭ 300 އާއިލާއެއްގެ 587 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

comment ކޮމެންޓް