ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހަރުދަނާ މާލީ ނަތީޖާ އެއްކޮށް، ހިއްސާއަކަށް 55 ރުފިޔާގެ މަގުން ޖުމުލަ 296 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމައިފިއެވެ.
އެ ބޭންކުން ބުނީ، މި އަދަދަކީ މިހާތަނަށް ބީއެމްއެލްގެ ހިއްސާގެ ފައިދާއަށް ދިނުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދު ކަމަށެވެ.
އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ލިބުނު ހަރުދަނާ ކުރިއެރުމާއެކު، ބީއެމްއެލްގެ ހިންގުމުގެ ފައިދާގެ ގޮތުގައި 2.85 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާއަށް 2.24 ބިލިއަން ރުފިޔާ އެ ބޭންކަށް ވަނީ ލިބިފައެވެ.
ބީއެމްއެލްއިން ބުނީ، އެ ބޭންކުގެ ކެޕިޓަލް ޕޮޒިޝަން ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ ނިސްބަތެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. މި ގޮތުން ބޭންކުގެ ކެޕިޓަލް އެޑިކުއަސީ ރޭޝިއޯގެ ނިސްބަތް ހުރީ 58 އިންސައްތަގައި ކަމަށްވާއިރު، ދިވެހި ރުފިޔާއާއި ޑޮލަރުގެ ލިކިއުޑިޓީވެސް ހަރުދަނާ މިންގަނޑެއްގައި ވަނީ ހިފެހެއްޓިފައެވެ.
އޭގެއިތުރުން، މިދިޔަ އަހަރު ބީއެމްއެލްއިން 21،000 އަށްވުރެ ގިނަ އައު ކަސްޓަމަރުންނަށް މަރުހަބާ ކިޔާފައިވާއިރު، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާންމު ފަރުދުންނާއި ވިޔަފާރިތަކުން ބޭންކަށް ކުރާ އިތުބާރު ދައްކުވައިދޭ ހެއްކެއް ކަމަށް އެ ބެންކުން ބުނެފައިވެއެވެ.
އެ ބޭންކުން ވަނީ މިދިޔަ އަހަރު އަލަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށް، ރާއްޖޭގެ އިޤްތިޞާދީ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އަދާ ކުރަމުންދާ ދައުރު އިތުރަށް އެބެންކުން ވަނީ ފުޅާކޮށްފައެވެ.
މި ނަތީޖާއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މިދިޔަ އަހަރު މިފަދަ ކާމިޔާބީ ނަތީޖާއެއް ހާސިލްކުރެވުމުން ފަޚުރުވެރިވާ ކަމަށެވެ. އެގޮތުން، މި ނަތީޖާ ހޯދުނީ ބޭންކުގެ ސްޓްރެޓެޖީގެ ހަރުދަނާކަމާއި މުވައްޒަފުންގެ މިންނެތް މަސައްކަތުން ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ނިންމި އެންމެ ބޮޑު އަދަދުން ދޭހަކޮށްދެނީ ހަރުދަނާ މާލީ ބިންގަލެއް ދަމަހައްޓައިގެން ހިއްސާދާރުންނަށް ފައިދާ ދިނުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތުކަން
ބީއެމްއެލްގެ ފައިދާއިން 25 އިންސައްތައިގެ ޓެކުހެއް ދައްކާފައިވާކަމަށް ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.
ވާދަވެރިކަން ބޮޑު މާހައުލެއްގައި ރަނގަޅު މާލީ ނަތީޖާއެއް ހޯދައި ހިއްސާގެ ފައިދާއަށް ބޮޑު އަދަދެއް ދިނުމަށް ނިންމުމުން ދައްކުވައިދެނީ ހިންގުން ހަރުދަނާ ވަރުގަދަ ބިންގަލަކާއި ސާބިތު ސްޓްރެޓެޖީއެއް އޮތް ކަން ކަމަށް ބީއެމްއެލްއިން ބުނެއެވެ.
އަދި، އެ ބޭންކުން އަންނަނީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދުމަށާއި،ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮތުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.