ޗައިނާގެ ކޮވިޑް ވެކްސިނުން ރައްކާތެރިކަން ފޯރުކޮށްދޭ މިންވަރު ކުޑަ: ޗައިނާގެ ސީޑީސީގެ ޑިރެކްޓަރު

ޗައިނާގެ ވެކްސިންތަކުން ފޯރުކޮށްދޭ ރައްކާތެރިކަން ކުޑަ ކަމަށް ޗައިނާގެ ސީޑީސީގެ ޑިރެކްޓަރު ވިދާޅުވި -- ފޮޓޯ: ގެޓީ

ލަންޑަން (އޭޕްރިލް 12): ޗައިނާގައި އުފައްދާފައިވާ ކޮވިޑް-19 ވެކްސިންތަކުން ބަލިން ރައްކާތެރިކަން ފޯރުކޮށްދޭ މިންވަރު ކުޑަ ކަމަށް އެގައުމުގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރޮޓެކްޝަން (ސީޑީސީ)ގެ ޑިރެކްޓަރު ޖޯޖް ފޫ ގާއޯ ވިދާޅުވެއްޖެ އެވެ.

އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ގާއޯ ވިދާޅުވި ގޮތުގައި ޗައިނާއިން މިހާތަނަށް އުފައްދާފައިވާ ވެކްސިންތަކުން "ރައްކާތެރިކަން ފޯރުކޮށްދޭ މިންވަރު ކުޑަ" ކަމަށެވެ. އެހެންކަމުން އެގައުމުން ދަނީ އެ ވެކްސިންތަކުގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭ ވިސްނަމުންނެވެ.

އެގޮތުން ވެކްސިންގެ ޑޯޒް ދޭ މިންވަރާއި އެއް ޑޯޒް ދިނުމަށް ފަހު ދެވަނަ ޑޯޒް ދިނުމަށް ހޭދަވާ މުއްދަތަށް ބަދަލު ގެނައުން ހިމެނޭ ކަމަށް ގާއޯ ވިދާޅުވި އެވެ. އަދި އެކަކަށް ތަފާތު ކޮވިޑް ވެކްސިންތައް ދިނުމަށްވެސް އޭނާ ލަފާ ދެއްވި އެވެ.

ގާއޯ އެފަދައިން ވިދާޅުވުމުން ޗައިނާގެ ސޯޝަލް މީޑިއާގައި އޭނާއަށް ފާޑު ކިޔުންތައް އަމާޒުވި އެވެ. އަދި ފަހުން ގްލޯބަލް ޓައިމްސްއާ ވާހަކަ ދައްކަވަމުން އޭނާ ވަނީ އޭނާގެ ވާހަކަތަކާ ބެހޭ ގޮތުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޮޅުމެއް އުޅޭ ކަމަށް ވިދާޅުވެފަ އެވެ. އަދި "ހުރިހާ ވެކްސިނަކުން ވެސް ރައްކާތެރިކަން ފޯރުކޮށްދޭ މިންވަރު ބައެއް ފަހަރު މަތި ކަމަށާއި ބައެއް ފަހަރު ކުޑަ" ކަމަށް ވިދާޅުވެފަ އެވެ.

"އެ [ވެކްސިންތަކުން] ރައްކާތެރިކަން ފޯރުކޮށްދޭ މިންވަރު އިތުރު ކުރުމާ ބެހޭ ގޮތުން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ތިބި ސައިންސުވެރިން ވިސްނަން ޖެހޭ،" ގާއޯ ވިދާޅުވި އެވެ.

ޗައިނާގެ ދަައުލަތުގެ ކުންފުނި ސައިނޯފާމްއިން އުފައްދާފައިވާ ކޮވިޑް ވެކްސިން 79 ޕަސެންޓު ކާމިޔާބު ކަމަށް އެގައުމުން ވަނީ މިދިޔަ ޑިސެމްބަރު މަހު އިއުލާންކޮށްފަ އެވެ. ނަމަވެސް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އިން އެ ވެކްސިން ޓެސްޓު ކުރުމުން އޭގެ ކާމިޔާބީ 86 ޕަސެންޓަށް އަރާ ކަމަށް އެގައުމުން ބުންޏެވެ.

ޗައިނާގެ ސައިނޯވެކްއިން އުފެއްދި ކޮވިޑް ވެކްސިން ބްރެޒިލްއިން ޓެސްޓު ކުރުމުން އެ ވެކްސިންގެ ކާމިޔާބީއަކީ 50.4 ޕަސެންޓު ކަމަށް ދެއްކި އެވެ. ނަމަވެސް ތުރުކީ އާއި އިންޑޮނޭޝިއާގައި ހެދި ޓެސްޓުތަކުން އެ ވެކްސިންގެ ކާމިޔާބީ 91 ޕަސެންޓާ 65 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އަރާ ކަމަށް އެ ދެ ގައުމުން ބުންޏެވެ.

comment ކޮމެންޓް