"ރައީސްއާ މައްސަލަ ޖެހުނީ ކޮރަޕްޝަނާ ހެދި އެކަނި"

ފެބްރުއަރީ 3، 2020: މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން --- ސަން ފޮޓޯ/ މާޝާ ނައީމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު މައްސަލަ ޖެހުނީ ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެކަނި ކަމަށް، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މައްސަލައިގައި މީގެކުރިން ވެސް ރައީސް ނަޝީދު ވަނީ ސަރުކާރަށް ވައްކަމުގެ ތުހުމަތު ކުރައްވައިފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި މަތިޖެހުނަ ދީފިނަމަ ދިވެހި ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑު ކަމަށާއި، އެކަމުގައި ސަރުކާރުން ބައިވެރިވެފައިވާ ތަން ފެންނަ ކަމަށެވެ. އަދި ވައްކަން ކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނަން ނޭދޭ ކަމަށެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ބޭނުންވަނީ، އެމްޑީޕީއަކީ ނަޒާހަތްތެރި ޕާޓީއަކަށް ވާން ކަމަށެވެ.

"އަޅުގަނޑުމެން ދޭތެރޭގަ މައްސަލަ ހުރެގެން، މިހާރު މައްސަލަ މި ހުންނަނީ މިސާލަކަށް ވެންޓިލޭޓަރު މައްސަލައިގައި. އަޅުގަނޑުމެން ދެ މީހުން ދޭތެރޭގައި މައްސަލައެއް ނުހުންނާނެ ވެންޓިލޭޓަރު މައްސަލަ ނެތް ނަމަކާއެއް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރެ ބަލިކަށިވުމަކީ އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގްރޭޓާ މާލެ ސަރަހައްދުން އެ ޕާޓީއަށް ނާކާމިޔާބީ އާ ކުރިމަތިލާން ޖެހުނު ސަބަބެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވި އިރު، ރައީސް ނަޝީދު އެ ވާހަކައަށްވެސް ތާއީދުކުރެއްވިއެވެ. އެތެރޭގައި ހުރި ރެނދުތަކަކީ ކޮބައިތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ އެއީ ކޮރަޕްޝަން ކަމަށެވެ.

"އެމްޑީޕީ ގިނަ މެމްބަރުން ނޭދޭނެ ރާއްޖޭގައި ކޮރަޕްޝަން އެހެން އޮންނާކަށް. އަދި ފާޅުގައި ސަރުކާރުގެ ތެރޭގައި އެކަހަލަ ކަންކަން ހިނގާކަށް. އެކަހަލަ ކަންކަން ހިނގާ ކަމަށް ވާނަމަ އެއްބަޔަކު ހިތްހަމަނުޖެހޭނެ،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް