މާލޭގެ ހަތަރު ދާއިރާއެއްގެ ވޯޓު އަލުން ގުނައިދޭން އެމްޑީޕީން އެދިއްޖެ

އޭޕްރީލް 10، 2021: ގާނޫނީ ބޮޑެތި ބާރުތަކާއެެކު އިންތިހާބު ވާނެ، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ އިންތިހާބު ކުރާ "ލޯކަލް ކައުންސިލް އިންތިހާބު 2020"ގެ ވޯޓުލުމަށް ފަހު ވޯޓުގުނަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީގެ ހަތަރު ދާއިރާއަކަށް ލިބުނު ވޯޓު އަލުން ގުނައިދޭން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން އެދިއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މާލޭގެ އިންތިހާބު މިފަހަރު ގެއްލިފައިވާ ކަމަށާއި، ހާއްސަކޮށް މާލެ ސިޓީގެ މޭޔަރުގެ ގޮނޑި ގެއްލިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް ނަތީޖާގެ ފަރަގު ވަރަށް ކުޑަ ހަތަރު ދާއިރާއެއްގެ ވޯޓު އަލުން ގުނައިދޭން އެމްޑީޕީން އެދިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ މެދު ހެންވޭރު ދާއިރާ (ޓީ-3)، ހެންވޭރު ދެކުނު ދާއިރާ (ޓީ-4)، މައްޗަންގޮޅި އުތުރު (ޓީ-10) އަދި މާފަންނު ހުޅަނގު އުތުރު (ޓީ-15) އެވެ.

ނަތީޖާތައް ދައްކާގޮތުން، އެ ހަތަރު ގޮނޑިއަށް ވެސް ވަރަށް ކުޑަ ތަފާތަކުން އިންތިހާބުވެފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ.

1. މެދު ހެންވޭރ (ޓީ-3):

ހޮވުނީ އާދަމް ރަމީޒް (ޕީޕީއެމް) - ލިބުނު ވޯޓު (243)

އިސްމާއިލް ހުސައިން (އެމްޑީޕީ) - ލިބުނު ވޯޓު (230)

2. ހެންވޭރު ދެކުނު (ޓީ-4):

ފާތިމަތު ޝަމްނާޒް އަލީ ސަލީމް (ޕީޕީއެމް) - ލިބުނު ވޯޓު (402)

އާމިނަތު ރިޝްފާ އަހްމަދު (އެމްޑީޕީ) - ލިބުނު ވޯޓު (393)

3. މައްޗަންގޮޅި އުތުރު (ޓީ-10):

ސައީދާ ރަޝާދު (ޕީޕީއެމް) - ލިބުނު ވޯޓު (338)

ލިރުގާމް ވަހީދު (އެމްޑީޕީ) - ލިބުނު ވޯޓު (315)

4. މާފަންނު ހުޅަނގު އުތުރު (ޓީ-15)

ހަސަން ނާޒިމް (ޕީޕީއެމް) - ލިބުނު ވޯޓު (324)

މުހައްމަދު އަރީޝް (އެމްޑީޕީ) - ލިބުނު ވޯޓު (298)

"ހަތަރު ގޮނޑިއެއް އަލުން އަނބުރާ ގުނުމަށް، ސާފުކުރުމަށް އަޅުގަޑުުމެން އެބަ އެދެން. އަދި ނަތީޖާ ޝީޓުތަކާއި، ވޯޓު ކަރުދާސް ކޮޅުވެސް އެ ގޮނޑިތަކުގައި ސާފުކުރުުމަށް އެބަ އެދެން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އިން ފަސް ގޮނޑިއެއް ކާމިޔާބުކޮށްފައިވާ ކަމަށާއި އެހެން ގޮނޑިތައް ގެއްލިފައުވާކަން ވަރަށް ރަނގަޅަށް ގަބޫލުކުރާ ކަމަށެވެ.

"ބާކީހުރި ގޮނޑި، އެމްޑީޕީއަށް ގެއްލިފައި ވާކަން އެމްޑީޕީން ވަރަށް ރަނގަޅަށް ގަބޫލުކުރަން. ހާއްސަ ގޮތެއްގައި މޭޔަރުގެ ގޮނޑި މިވަނީ ގެއްލިފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ މޭޔަރުގެ ގޮނޑީ ކާމިޔާބު ކުރެއްވި އިދިކޮޅުގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި މުއިއްޒަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

comment ކޮމެންޓް