ދިއްފުށި: 710 މީހުންގެ ތެރެއިން އާންމު ހާލަތުގައި ވޯޓުލެވެނީ 200 މީހުންނަށް

އީސީގެ ރައީސް އަހުމަދު ޝަރީފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. ދިއްފުށީގައި ވޯޓުލުމަށް 710 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު، އެ ރަށުގައި އާންމު ހާލަތުގައި ވޯޓު ލެވެނީ 200 މީހުންނަށް ކަމަށާއި ބާކީ 510 މީހުން ތިބީ ކަރަންޓީނުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ ދިއްފުށީގައި ކަރަންޓީނުގައި ތިބި 510 މީހުންގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންވެސް އެބަތިބި ކަމަށެވެ.

އެހެންކަމުން އެރަށުގައި އާންމު ހާލަތުގައި ވޯޓުލުނ 2:00 އާއި ހަމައަށް ކުރިއަށް ގެންދިޔުމަށް އީސީ އިން ވަނީ އިންތިހާބުގެ ގައުމީ ލަފާދޭ ކޮމެޓީގައި އެދިލައްވައިފަ އެވެ.

ނަމަވެސް ކޮމެޓީ އިން ވަނީ މި ހުށަހެޅުމާ ދެކޮޅު ހަދައިފަ އެވެ.

ވޯޓުލުން ކުރިއަށްގެންދާނީ ހެނދުނު ހަތަކުން ހަވީރު ހަޔަކަށެވެ. ހަވީރު ފަހަކުން ހަޔަކަށް ހާއްސަ ކޮށްފައި ވަނީ ކަރަންޓީނުގައި ތިބޭ މީހުން ވޯޓު ލުމަށެވެ.

އީސީގެ ރައީސް ޝަރީފް ވިދާޅުވީ އާންމު ހާލަތުގައި ވޯޓުލާ މީހުންނަށް ވުރެ ކަރަންޓީނުގައ ތިބި މީހުންނަށް ވޯޓުލާން ކަނޑައަޅާފައިވާ ގަޑީގައި ވޯޓުލާން ޖެހޭ މީހުން ދިއްފުށީގައި ގިނަވުމަކީ ދިމާވާނެ ގޮންޖެހުމެއް ކަމަށެެވެ.

ލަފާދޭ ކޮމިޓީގެ މެންބަރުން ވިދާޅުވީ ދިއްފުށި ކައިރީ އޮންނަ ރިސޯޓުތަކުގެ މުވައްޒަފުން ވޯޓުލުމަށް ދިއްފުއްޓަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އެ މުވައްޒަފުން ދިއްފުއްޓަށް އައިސް ގޮސް ހެދުމަށް އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނެތީ، ވޯޓު ނަގާ ވަގުތަށް ބަދަލު ގެންނަން ނުފެންނަ ކަމަށެވެ.

ގައުމީ ލަފާދޭ ކޮމިޓީން ލަފާ ދީފައިވަނީ އާންމު ހާލަތުގައި ވޯޓުލާ މީހުންނާ އެކު ކަރަންޓީނުގައި ތިބޭ މީހުންވެސް ވޯޓުލުމަށް ހަމަޖެއްސުމަށެވެ. އެ މައްސަލައިގައި އަދި ވަކި ގޮތެއް ނުނިންމައެވެ.

comment ކޮމެންޓް