މުމްބާއީގައި ކޮވިޑު ފެތުރޭ މިންވަރު އިތުރުވެ މޯލްޑިވިއަންގެ ދަތުރުތައް ފެށުން ފަސްކޮށްފި

މޯލްޑިވިއަންގެ އޭ321 މާފަރު އެއާޕޯޓުގައި -- ފޮޓޯ: މޯލްޑިވިއަން

އިންޑިއާގެ މުމްބާއީގައި ކޮވިޑް19 ފެތުރޭ މިންވަރު އިތުރުވެފައިވާތީ، މޯލްޑިވިއަން އިން މުމްބާއީ އާއި މާފަރާ ދެމެދު ފަށަން ތައްޔާރުވެފައިވާ ދަތުރުތައް ފަސްކޮށްފި އެވެ.

މޯލްޑިވިއަން އިން ބުނީ މުމްބާއީގައި ކޮވިޑު ފެތުރޭ މިންވަރު އިތުރުވަމުންދާތީ މާފަރުން މުމްބާއީ އަށް ފަށަން ހަމަޖެއްސި ދަތުރުތައް އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ނިންމާފައި އޮތީ މިމަހުގެ 13 ވަނަ ދުވަހު މާފަރު-މުމްބާއީ ދަތުރު ފެށުމަށެވެ.

މޯލްޑިވިއަން އިން ވަނީ މާފަރު-މުމްބާއީ ދަތުރު ފެށުމަށް އިންޑިއާ އިން ޖީއެސްއޭ އެއްވެސް ހަމަޖައްސައިފަ އެެވެ.

ދެހާސް ނަވާރަވަނަ އަހަރު ހުޅުވި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ މިހާރު ވެސް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓު ޖައްސާ އެއާޕޯޓެކެވެ. ރާއްޖޭގައި ހިންގާ އެންމެ މަތީ ފަންތީގެ ރިސޯޓުތައް މާފަރު އެއާޕޯޓު އޮންނަ ސަރަހައްދުގައި ހިމެނެ އެވެ.

މާފަރު އެއާޕޯޓު އޮންނަ ސަރަހައްދަކީ ގާތްގަނޑަކަށް 10،000 ޓޫރިސްޓު އެނދު ހިމެނޭ ސަރަހައްދެއް ކަމަށާއި އަލަށް ފަށާ މި ދަތުރުތަކުގެ ބޭނުން ރިސޯޓުތަކާ ގެސްޓަހުސް ތަކުން ހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މާފަރު އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ އަބޫދާބީ ފަންޑުގެ އެހީގަ އެވެ. އެ އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. އެ މަސައްކަތް ކޮށްފައި ވަނީ ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ.

މާފަރު އެއާޕޯޓުގެ ރަންވޭ ބޯއިން 777 ޓްވިން ޖެޓް ޖެއްސޭ ވަރަށް ބޮޑު ކުރުމަށް ނިންމާ، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާނު ކޮށްފަ އެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލަށް327،129 ޓޫރިސްޓުން އައިސްފައިވާއިރު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިންޑިއާ އިންނެވެ.

comment ކޮމެންޓް