ކޯޓުން ދިން މުއްދަތުގައި އަލީ ވަހީދު މިހާރު އުޅޭ ތަނެއް ޕީޖީއަކަށް ނުހޯދުނު

ޖެނުއަރީ 24، 2021: ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ހާޒިރު ވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާަ

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ހޯދަން ހައިކޯޓުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދިން މުއްދަތުގައި އެ އެޑްރެސް ނުހޯދޭ ކަމަށް ޕީޖީއިން ހައިކޯޓަށް އަންގައިފި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައިގައި އިއްޔެ ހައިކޯޓުން އަންގާފައި އޮތީ މިއަދު 14:00ގެ ކުރިން އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ހޯދުމަށްފަހު ކޯޓަށް ހުށަހަޅާށެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިރޭ "ސަން"އަށް ވިދާޅުވީ، އަލީ ވަހީދު އުޅުއްވާ ތަނެއް ހޯދުމަށް ފުލުހުންގެ އެހީތެރިކަން ހޯދުމުން އޭނާ އުޅޭ ތަނެއް ނޭނގޭ ކަމަށް ފުލުހުން ލިޔުމުން އަންގާފައިވާ ކަމަށެވެ. އެހެންކަމުން، އެކަން މިއަދު ޕީޖީ އޮފީހުން ކޯޓަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު އުޅުއްވާ ތަނެއް ހޯދަން ކޯޓުން ޕީޖީއާ ހަވާލު ކުރި ނަމަވެސް ޝަފީއު ވިދާޅުވީ، ގާނޫނުގައި އޮންނަ ގޮތުން އެއީ ޕީޖީއިން ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި މީހުން ކޯޓަށް ހާޒިރު ކުރުމަކީ ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އިއްޔެ އެ މައްސަލައިގައި އޮތް އަޑުއެހުމުގައި ޕީޖީއިން އެދިފައި ވަނީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް، އަދި މައްސަލަ ކުރިއަށްގެންދިޔުމާ މެދު ގޮތެއް ނުނިންމަ އެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ޕާސްޕޯޓު ކުރިން އޮތީ ހިފަހައްޓާފަ އެވެ. ނަމަވެސް، އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން އޭނާ ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމުންނެވެ. އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވަނީ އަލީ ވަހީދަށް ޖާމިނުވެފަ އެވެ. ހަތަރު މަސް ތެރޭ އަލީ ވަހީދު ގެންނާނެކަމުގެ ޔަގީންކަން އޭނާ ދެއްވާފައިވެ އެވެ. އެ މުއްދަތުގައި އޭނާ ނައިސްފިނަމަ އަޑުބަރޭއަށް އަދަބު ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.

އަލީ ވަހީދުގެ މައްޗަށް ކޮށްފައިވަނީ، ޖިންސީ އަނިޔާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާއާއި ރޭޕް ކުރަން އުޅުމުގެ ދައުވާއާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ. އޭނާ ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

comment ކޮމެންޓް