ކުޅުދުއްފުށީ ހައުސިން ޔުނިޓުތައް ނިންމަން ބަޔަކާ ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީގައި އިމާރާތްކުރަން ފަށާފައިވާ 105 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމަން ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

އެކަމަށްޓަކައި ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމް އެވެ.

ދޮންބެޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫން އެވެ.

ދޮންބެޒް ކުންފުންޏަށް މަސައްކަތް ހަވާލުކުރީ 47,024,539.38 ރުފިޔާގެ އަގަކަށް، 240 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

ކުޅުދުއްފުށީ ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތް ފެށީ 2011 ވަނަ އަހަރު އެވެ. ނަމަވެސް 2014 ގައި އެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން 105 ހައުސިން ޔުނިޓު ނިންމުމަށް ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރާނެ އެވެ.

comment ކޮމެންޓް