"އެކްސްޕެޓްރިއޭޓް ޕްލަސް އިންޝުއަރަންސް"އާއެކު ބިދޭސީންގެ ބޭސްފަރުވާއަށް އިތުރު ލުއިތަކެއް

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ހާއްސަކޮށްގެން މުޅިން އާ އިންޝުއަރަންސް ޕްލޭނެއް އެލައިޑުން ތައާރަފުކޮށްފި އެވެ.

"އެކްސްޕެޓްރިއޭޓް ޕްލަސް އިންޝުއަރަންސް"ގެ ނަމުގައި އާންމުކުރި އެ ޕްލޭނަކީ އިކޮނޮމިކް މިނިސްޓްރީގެ މިންގަނޑުތަކާއި އެއްގޮތަށް ބޭސްފަރުވާގެ ހުރިހާ ހަރަދެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ، މެޑް އެޕްރޫވްޑް ޕްލޭނެކެވެ.

އެލައިޑް ޕޯޓަލް "މައި އެލައިޑް" މެދުވެރިކޮށް އޮންލައިންކޮށް ހޯދޭ އެ ހިދުމަތަކީ ވޯކް ވިސާގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރާ ފަރާތްތަކަށް ނެގޭ ހިދުމަތެކެވެ.

އެ ޕޮލިސީގެ އެންމެ ހާއްސަ ސިފައަކީ ޕޮލިސީގައި ހިމެނޭ އެންމެހާ ކަންތައްތަކަށް ފައިސާ ދައްކަން ނުޖެހި ހިދުމަތް ލިބިގަނެވޭ ކަމެވެ. އަދި އެނދުމަތި ނުކޮށް ދެވޭ ފަރުވާތަކަށްވެސް، ކަނޑައެޅިފައިވާ ލިމިޓުތަކާއި ހަމައަށް އެ އިންޝުއަރަންސް ޕެކޭޖުން ކަވަރޭޖް ލިބިދެ އެވެ.

"އެކްސްޕެޓްރިއޭޓް ޕްލަސް އިންޝުއަރަންސް" ޕޮލިސީއިން ކަވަރުކުރާ ކަންތައްތަކުގެ ތެރޭގައި އެނދުމަތިކޮށްގެންނާއި ނުކޮށް ދެވޭ ފަރުވާއާއި ސާޖަރީއާއި ޓެސްޓުތައް ހެދުމަށް ދާ ހަރަދުގެ އިތުރުން މަސައްކަތްތެރިޔާ ނިޔާވެއްޖެ ހާލަތެއްގައި ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވާލުމަށް ދާ ހަރަދު ނުވަތަ ރާއްޖޭގައި ވަޅުލުމުގެ ހަރަދުވެސް ހިމެނެ އެވެ.

ބިދޭސީންގެ ދުޅަހެޔޮކަން ޔަގީންކޮށްދޭ އެ ޕޮލިސީގެ ޕްރިމިއަމްއަކީ 800 ރުފިޔާ އެވެ. އަދި އެ ޕޮލިސީ ދޫކުރަނީ ހަމައެކަނި ވޯކް ވިސާގެ ދަށުން ރާއްޖެއަށް އަންނަ ބިދޭސީންނަށެވެ. އެހެނިހެން ވިސާތަކުގައި އަންނަ ބިދޭސީންނަށް ކުރީގެ އެކްސްޕެޓްރިއޭޓް އިންޝުއަރަންސް ޕޮލިސީ އެލައިޑް ލިބޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

އެކްސްޕެޓްރިއޭޓް ޕްލަސް އިންޝުއަރަންސް ވަގުތުން ނެގުމާއި ޕޮލިސީގެ ފުލް ކަވަރޭޖް އެލައިޑްގެ އޮންލައިން ޕޯޓަލް ނުވަތަ އެލައިޑް މޮބައިލް އެޕްލިކޭޝަނުން ބަލައިލެވޭނެ އެވެ. އަދި އެ ޕްލޭނަށް އެލައިޑްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ ކަސްޓަމަރުންނަށްވެސް އޮންލައިންކޮށް އެދެވޭނެ އިންތިޒާމް އެކުންފުނިން ވަނީ ހަމަޖައްސައިދީފަ އެވެ.

comment ކޮމެންޓް