މާލޭ ސިޓީގެ މޭޔަރުކަން، މިހާރު މޭޔަރުކަމުގައި ހުންނެވި ޝިފާ މުހައްމަދު ކޮށްދެއްވީ އިހުލާސްތެރިކަމާ އެކު ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ގަލޮޅުގެ ދާއިރާތަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ގަލޮޅު ކަންމަތީގައި އިއްޔެ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ޝިފާ މާލޭގެ މޭޔަރުކަން ޝިފާ ކޮށްދެއްވ ވަރަށް ދަތި ހާލުގައި އުޅެމުން ކަމަށެވެ.
"މާލޭގެ މޭޔަރުކަން ޝިފާކޮށްދެއްވީ އިހުލާސްތެރިކަމާއެކީ. ވަރަށް ދަތި ހާލުގައި ވަރަށް އިހުލާސްތެރިކަމާއެކީގައި. ޝީފާ މާލޭ ރައްޔިތުންނަށާއި ހާއްސަކޮށް ގަލޮޅަށް ކޮށްދެއްވި ހިދުމަތަށް މުޅި ގަލޮޅުގެ ފަރާތުން އަޅުގަނޑު ޝުކުރު ދަންނަވަން." އީވާ ވިދާޅުވި އެވެ.
ރައްވެހިފަތިސް ކެމްޕެއިނާ ބެހޭގޮތުން އީވާ ވިދާޅުވީ މިހާރު ވަގުތު ވަރަށް ކުޑަތަން ވެއްޖެ ކަމަަށެވެ. އިތުރު ވާހަކަ ދައްކާނެހާ ވަގުތެއް ނެތް ކަމަށް އީވާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އަބަދުވެސް ޝަކުވާ ހުންނާނެ. މި ޕާޓީއަކީ އެކަކު އަނެކަކަށް ޝަކުވާކޮށްގެން ފިސާރި ޒުވާބުކޮށްގެން ފިސާރި ކޯޅިގެން ކުރިއަރަމުންދާ ޕާޓީއެއް. އެއީ އަޅުގަނޑުމެންގެ ޒާތުގައިވެސް ހުންނަ ގޮތެއް. އެކަމު މިހާރު ވަރަށް ވަގުތު ކުޑަތަން ވެއްޖެ. އަޅުގަނޑުމެން އެންމެ ވޯޓު ނެރެން ތައްޔާރުވާންވީ." އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ ޕީޕީއެމުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިންގެ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު އަކީ މާލޭ ރައްޔިތުންނަށް އެއްވެސް ހާލެއްގައި ޗޮއިސްއެއް ނޫން ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.
އިންތިހާބުގައި ވާދަކުރާނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ. އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.