ބޭސްފިހާރަތައް ގަވައިދާ ހިލާފަށް ހިންގާކަން ފާހަގަ ކުރެވޭ: އެމްއެފްޑީއޭ

ބޭސް ދޫކުރަނީ --ސަން ފޮޓޯ: މުހައްމަދު އަފްރާހް

ބޭހާ ބެހޭ ގަވައިދާ ހިލާފަށް ބޭސް ފިހާރ ހިންގާކަން ފާހަގަ ކުރެވިފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ބުނެފި އެވެ.

އެ އޮތޯރިޓީ އިން ކުރި އިއުލާނެއްގައި ބުނީ އޮތޯރިޓީގެ މެންޑޭޓުގައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގައި، ބޭހާއިބެހޭ ގަވައިދާ ހިލާފަށް ބޭސް ފިހާރަ ހިންގުމާއި ބޭސް ރައްކާކޮށް، ބޭސް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ބޭސް ބަހައްޓަން ޖެހޭ ފިނިހޫނުމިނާއި ހިލާފަށް، ބޭހުގެ ފެންވަރަށް ނޭދެވޭ އަސަރުކުރާގޮތަށް ބޭސް ބަހައްޓާ، ވިއްކަމުންދާކަން ވެސް ފަހަގަ ކުރެވިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އެމްއެފްޑީއޭ އިންް ބުނީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށްޓަކައި ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް ބޭސް ފިހާރަ އަދި ބޭސް ގުދަން ހިންގާ އިމާރާތަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށް "ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަ" އާއި އެކު ހިދުމަތްދެމުންގެންދާ ތަންތަނަށް ވާންޖެހޭނެ ކަމަށެވެ.

އަދި ބޭސް ފިހާރައެއްގައި ފާމަސިސްޓް / ފާމަސީ އެސިސްޓެންޓް ނުވަތަ ޑިސްޕެންސަރެއްގެ ގޮތުގައި ޑޮކްޓަރީ ބޭސް ދޫކުރުމުގެ މަސައްކަތްކުރެވޭނީ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީވުމަށް ފަހު އެ އޮތީރިޓީ އިން ދޫކުރާ ޑޮކްޓަރީ ބޭސް ދޫކުރުމުގެ ހުއްދަ އާއި އެކު ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އެމްއެފްޑީއޭ އިން ބުނީ ހުއްދަ ނެތް ފަރާތްތައް ބޭސް ދޫކުރުމަކީ މަނާކަމެއް ކަމަށެވެ. މީގެ އިތުރުން ބޭހާއިބެހޭ ގަވައިދުގެ ދެ ވަނަ މާއްދާގައި ބުނާ ފަދައިން ރަޖިސްޓްރީކޮށްފައިވާ ބޭސްފިހާރައިގެ ޑޮކްޓަރީ ބޭސްވިއްކުމުގެ ހުއްދަ ދެއަހަރުން އެއްފަހަރު އާކުރަން ޖެހޭނެ ކަމަށާއި ހުއްދަ އާ ނުކޮށް ހިދުމަތްކުރިއަށް ގެންދިޔުމަކީވެސް މަނާކަމެއްކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ. އަދި ބުނީ ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަ އާ ކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް އެތަންތަން އިންސްޕެކްޓް ކުރުމަށްފަހުގައި ކަމަށާއި ހުއްދައިގެ މުއްދަތުހަމަވުމުގެ ހަތް ދުވަސް ކުރިން ހުއްދަ އާކުރަން ހުށަހެޅުމަށް އަންގާ ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނީ ހައި ރިސްކް (އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ) މައްސަލަތައް ފާހަގަކުރެވޭ ތަންތަނާއި މެދު ބޭހާއިބެހޭ ގަވައިދު ގެ 11 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

comment ކޮމެންޓް