އަނަސް ކުރިއަށް ނެރޭނީ "މާލޭ ރައްޔިތުންގެ ހިޔާލު"

އޭޕްރީލް 4، 2021: އެމްޑީޕީގެ މާލޭ ސިޓީ މޭޔަރު ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު 'ސަން' އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޭޔަރަކަށް ވެއްޖެ ނަމަ އެންމެ އިސްކަންދޭނީ އެންމެ މުހިންމީ ކޮން ކަމެއްތޯ ސުވާލު ކުރުމުން އެމްޑީޕީގެ މާލޭ ސިޓީ މޭޔަރު ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު ދިނީ ކުރު ފޮނި ޖަވާބެކެވެ. "މުހިންމީ މާލޭ ރައްޔިތުންގެ ހިޔާލު" ކަމަށް އަނަސް ވިދާޅުވި އެވެ.

އަނަސް ވާހަކައިން އެނގުނީ އޭނާ ރައްޔިތުންގެ ހާލަތު ބަލަން ވަރަށް ގިނަ ފަހަރު ގޭގެއަށް ޒިޔާރަތްކޮށްފައި ހުރިކަމެވެ. ފުރަތަމަވެސް ވާހަކަ ފެށީ ހާލުގައި ރައްޔިތެއްގެ ވާހަކައިންނެވެ. އަނަސް ވިދާޅުވިގޮތުން ހާލުގައި އުޅޭ އެ އާއިލާގެ ހާލަތު މީގެ އެއް އަހަރު ކުރިންވެސް ހުރީ އެހެންނެވެ. އެއް ކޮޓަރިއެއްގައި ކައިބޮއި ނިދާ ހަދާ އެ އާއިލާއަށް އިތުރު ކުރިއެރުމެއް ނުލިބެ އެވެ. އަނަސް ގަބޫލުކުރާ ގޮތުން އެހެން އެކަން އެ އޮތީ ކުރީ ސަރުކާރުގެ އިހުމާލުންނެވެ.

ނިމިދިޔަ ސަރުކާރުން މާލެއަށް ހެދީ އެމީހުންނަށް ފެންނަ ގޮތެއް ކަމަށް އަނަސް ވިދާޅުވި އެވެ. އެއްވެސް ގޮތަކަށް ރައްޔިތުންގެ ހިޔާލު ހޯދާފައި ނެތްކަން އެނގެން އޮތް ކަަމަށް އަނަސް ވިދާޅުވި އެވެ.

އޭޕްރީލް 4، 2021: އެމްޑީޕީގެ މާލޭ ސިޓީ މޭޔަރު ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު 'ސަން' އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިސާލަކަށް ބަލާ ކުރީގެ ހައުސިންގް މިނިޓްރީއިން މާލޭގެ ބައެއް ގޯޅިތައް ބަންދު ކުރިއިރު. ހިނގާފައި އުޅޭ ގޮތަށް ހެދިއިރު އަދިވެސް އެ ގޯޅިތައް އެހުރީ ހަމަ ބަންދުކުރި ގޮތަށް. ނެއިބަހުޑަކުން ފެންނާނެ ހިތްގައިމު ކަމެއް ނެތް. އެހެން އެ ދިމާވީ އެ ނެއިބަހުޑެއްގެ މީހުންގެ ހިޔާލާ މަޝްވަރާ ނެތި އެކަން ކުރީމަ." އަނަސް އަބްދުއްސައްތާރު ވިދާޅުވި އެވެ.

އަނަސް ވިދާޅުވިގޮތުން މާލޭގެ ރައްޔިތުންގެ ހިޔާލާ މަޝްވަރާ ނެތި އޭނާ މާލެއަށް ބަދަލެއް ނުގެންނާނެ އެވެ. މޭޔަރު ކަމަށް އިންތިހާބުވުމަށް ފަހު ޓައުން ހޯލް މީޓިންގްތައް ބާއްވައިގެން ކޮންމެ ކަމަކަށް ހިޔާލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އަނަސް ވިދާޅުވި އެވެ. މާލެއަށް ބަދަލެއް އަންނަން ޖެހޭނީ މާލޭ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް އަނަސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކައުންސިލަކުން މަސައްކަތް ކުރިއަށް ގެންދަން އެންމެ މުހިންމު ވާނީ ރައްޔިތުންގެ ހިޔާލު. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޝްވަރާ ނެތި ރައްޔިތުން ބޭނުންވާ ބަދަލެއް ނުގެނެވޭނެ." އަނަސް ވިދާޅުވި އެވެ.

އެންމެ ބޮޑު ވައުދަކީ ބޯހިޔާވަހިކަން

"މާލޭގައި ގިނަ ރައްޔިތުން ތިބީ ވަރަށް ހާލުގައި" މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހާލަތާއި ބެހޭ ގޮތުން ސުވާލު ކުރުމުން އަނަސް ވިދާޅުވީ މިހެންނެވެ.

އޭޕްރީލް 4، 2021: އެމްޑީޕީގެ މާލޭ ސިޓީ މޭޔަރު ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު 'ސަން' އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކަން ހައްލުކުރަން އެމްޑީޕީއިން ވައުދުވަނީ ހާލުގައި އުޅޭ މީހުންނަށް ކައުންސިލު ހައުސިންގް ފޯރުކޮށްދިނުމަށެވެ. ކައުންސިލް ހައުސިންގްގެ ބޭނުމަކީ ދަތި ހާލުގައި އުޅޭ މާލޭ މީހުންނަށް ސޯޝިއަލް ހައުސިންގްއެއް ލިބެންދެން ވަގުތީ ގޮތުން ކުޑަ ކުއްޔެއް ދައްކައިގެން އުޅެވޭނެ ގޮތަކަށް އަޅާ ހައުސިންގް ޔުނިޓް ނުވަތަ ފްލެޓްތަކެއް ކަމަށް އަނަސް ވިދާޅުވި އެވެ. އަދި ސޯޝިއަލް ހައުސިންގްގެ ފްލެޓެއް ލިބުމުން ދެން ލިސްޓުގެ ކުރީގައި އިންނަ މީހަކަށް ކައުންސިލް ހައުސިންގް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އަނަސް ވިދާޅުވި އެވެ.

މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން އެމްޑީޕީއިން ނެރުނު މެނިފެސްޓޯގައި ބުނެފައިވަނީ ބަދިގެއާއި ކާގެ، ފެންޑާ އަދި ކޮޓަރި އެއްތަންވެ 250 އަކަފޫޓުގެ ތެރެއަށް ދިރިއުޅުން ކުރުގެޅިފައިވާ 17،000 އާއިލާ މާލޭގައި އުޅޭ ކަމަށެވެ. އަދި އޭގެތެރޭގައި ދިގު މުއްދަތުން ދައްކާ ހަލާސް ކުރާ މަގުންވެސް ބޯހިޔާވަހިކަން މިލްކު ކުރެވޭނެ ގާބިލުކަން 3000 އާއިލާގެ ނެތް ކަމަށެވެ.

އެމީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މާލޭ ސިޓީ ކައުންސިލް ޖާމިނުވެގެން ކައުންސިލް ހައުސިންގް ފޯރުކޮށްދެވޭނެ ކަމަށް މެނިފެސްޓޯގައި ބުނެފައިވެ އެވެ. އެއީ މަހަކު 6400 ރުފިޔާއަށް ބޮޑު ނޫން ކުއްޔެއްގައި ކަމަށް މެނިފެސްޓޯގައި ވަނީ ބުނެފަ އެވެ.

އޭޕްރީލް 4، 2021: އެމްޑީޕީގެ މާލޭ ސިޓީ މޭޔަރު ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު 'ސަން' އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އިތުރު 10،000 ބޯހިޔާވަހިކަމުގެ ޔުނިޓު މާލޭ ސަރަހައްދުގައި ގާއިމްކުރެވޭނެ. ކައުންސިލް ހައުސިންގްގެ އިތން 32،000 ރުފިޔާގެ އާމަދަނީއެއް ލިބޭ 4000 އާއިލާ އަދި 32،000 އާއި 64،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ 5600 އާއިލާއަށް މި 10،000 ޔުނިޓުން ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ." އެމްޑީޕީގެ މާލޭ ސިޓީއަށް ހާއްސަ މެނިފެސްޓޯގައި ބުނެފައިވެ އެވެ.

އަނަސް އެދެނީ އޭނާއަށް އިތުބާރުކޮށް މާލޭ ރައްޔިތުން މޭޔަރުކަމަށް އޭނާ އިންތިހާބު ކޮށްދިނުމެވެ. ލާމަރުކަޒީ ނިޒާމަށް ފަރިތަ ބަޔަކީ އެމްޑީޕީ ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީ އުފެނީއްސުރެއް މަސައްކަތް ކުރީ އެ ނިޒާމަށް ރާއްޖެ ގެނައުމަށް ކަމަށް ވިދާޅުވި އެވެ. ކައުންސިލުތަކަށް ބާރުދީ ރައްޔިތުންނަށް ބާރުދިނީ އެމްޑީޕީއިން ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް