މޮނިޓަރިންގައި އޮތް ރަށްތަކަށް ވެސް ވޯޓު ލާން ދެވޭނެ

ޖެނުއަރި 26، 2021: ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވާނެ ދުވަސް އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލުމަށް، މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކަށް ވެސް ދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހްމަދު ޝަރީފް މިއަދު ވިދާޅުވީ ވޯޓު ލުމަށް، އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން އެއް ރަށުން އަނެއް ރަށަށް ދިއުމުގެ ހުއްދަ ދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވާ ކަމަށެވެ.

"މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށަށް ވެސް ރަށު ޓާސްކް ފޯސް އާ ގުޅިގެން ހަމައެކަނި ވޯޓު ލުމަށް ހުއްދަ ލިބޭނެ،" ޝަރީފް ވިދާޅުވި އެވެ.

މި މަހުގެ 10 ވަނަ ދުވަހު އިންތިހާބު އޮންނަ އިރު، ކޮވިޑް19ގެ ކޭސްތަކެއް ފެނި، 17 ރަށެއް މިވަގުތު އޮތީ މޮނިޓަރިންގ ހާލަތުގަ އެވެ.

ނަމަވެސް އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު މިހާރު ވަނީ ބަންދުވެފަ އެވެ. އެހެންކަމުން ވޯޓުލެވޭނީ، ރަޖިސްޓްރީކޮށްފައިވާ ރަށަކަށް ގޮސްގެންނެވެ.

އިންތިހާބުގައި ވާދަކުރާނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ. އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

comment ކޮމެންޓް