މައްކާ (މާޗް 3): ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓްއަށް ތާއީދުކޮށް އެޖަމާއަތަށް ނަސްރު ދެއްވުމަށް އެދި "ދުއާކޮށް" ގޮވުންތަކެއް މައްކާގެ ހަރަމްފުޅުގައި ގޮވަމުން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ސައޫދީ މީޑިއާ ބުނާގޮތުން އެމީހާ ހައްޔަރުކުރީ ހަރަމްފުޅުގައި އަޅުކަންކުރަންތިބި މީހުންގެ އެހީއާއެކު ޙަރަމްފުޅުގެ ކަންތައްތައް ބަލަހައްޓާ ސައޫދީ ސަލާމަތީ ބާރުތަކުންނެވެ. އެމީހާއަކީ ކޮންގައުމެއްގެ މީހެއްކަން ސައޫދީން ހާމަނުކުރިނަމަވެސް ރިޕޯޓްތައް ބުނާގޮތުން އެއީ އައިއެސްގެ ދަލުގައި ޖެހިފައިވާ ސައުދީ މީހެކެވެ.

އައިއެސް އަށް "ދުއާކޮށް" ދިން މީހާ ހައްޔަރު ކުރުމަށް ހަރަމްފުޅުގައި ތިބި މީހުން ހަރަކާތްތެރިވަނީ
އެމީހާ ލައިގެންހުރީވެސް ސައުދީ މީހުން ލާ ބާވަތުގެ ޖުއްބާއެކެވެ. ބޮލުގައި އަޅައިގެންވެސް ހުރީ ސައޫދީ މީހުން އަޅާބާވަތުގެ ފޮތިގަނޑެކެވެ. އޭނާ ދުއާކުރާ ގޮތަށް ގޮވަމުން ދިޔައީ ޝާމްކަރަ (ސީރިއާ) އާއި، އިރާގު އަދި ޔަމަންގައި ޖިހާދުގެ ނަމުގައި ހަރަކާތްތެރިވާ އައިއެސްގެ ހަނގުރާމަވެރިންނަށް ނަސްރު ދެއްވުމަށް މާތްﷲ ސުބްހާނަހޫ ވަތައާލާއަށް "ދުއާކުރާ"ކަމުގެ ގޮވުންތަކެވެ.
ތޫނު އެއްޗެއް ހިފައިގެން އޭނާ ހަރަކާތްތެރިވަމުން ދިޔައީ ޙަރަމްފުޅުގެ ފުރަތަމަ ފަންގިފިލާގައި ކަމަށްވެއެވެ. މައްކާ ސަރަހައްދުގެ ފުލުހުންނާ ހަވާލާދީ ސައޫދީ މީޑިއާ ބުނާގޮތުން މިހާދިސާ ހިނގީ އިއްޔެގެ އަސުރު ނަމާދަށްފަހުއެވެ.
ދެ ހަރަމްފުޅުގެ ކަންކަން ބަލަހައްޓާ ސައޫދީ އިދާރާގެ ރައީސް އަދި އަލްމަސްޖިދުލް ޙަރާމްގެ އިސް އިމާމެއް ކަމަށްވާ ޢަބްދުއްރަޙްމާން އައްސުދައިސް ވަނީ މި ހާދިސާ ހިނގިކަން ކަށަވަރުކޮށް ދެއްވާފައެވެ. އޭނާ ވިދާޅުވިގޮތުގައި މައްކާއާއި މަދީނާގައިވާ މުސްލިމުންގެ މުގައްދަސް ދެ ޙަރަމްފުޅަކީ ރަތް ރޮނގެކެވެ. އެރޮނގު ހުރަސްކޮށް ދެ ޙަރަމްފުޅުގެ އަމާންކަމާ ނަގާލުމުގެ ފުރުސަތު ސައޫދީ ސަލާމަތީ ބާރުތަކުން ނުދޭނެ ކަމުގައެވެ. (ސައުދީ މީޑިއާ)